އިންޑިއާގެ ގޭންގެއް ނިރުބަވެރި ޖަމާއަތެއް ކަމަށް ކެނެޑާއިން ކަނޑައަޅައިފި
އިންޑިއާގެ ބިޝްނޯއި ގޭންގަކީ ރަސްމީކޮށް "ޓެރަރިސްޓު ޖަމާއަތެއް" ކަމަށް ކެނެޑާއިން ކަނޑައަޅައިފިއެވެ. މިކަމުގެ ސަބަބުން، މި ޖަމާއަތުގެ މުދާ ހިފެހެއްޓުމާއި، ފައިސާގެ އެހީ ހުއްޓުވުމާއި، އަދި "ޓެރަރިޒަމް ދެކޮޅު" ގާނޫނުތަކުގެ ދަށުން މެންބަރުންނަށް ދައުވާ ކުރުމުގެ ބާރު ކެނެޑާގެ ސަރުކާރަށް ލިބިގެންދާނެއެވެ.
ކެނެޑާގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ގޭރީ އާނަންދަސަންގަރީ ހޯމަ ދުވަހު މިކަން އިއުލާން ކުރައްވަމުން ވިދާޅުވީ، މި ގޭންގުން ކެނެޑާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންގެ މެދުގައި ބިރުވެރިކަން އުފައްދާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، "ބިޝްނޯއި ގޭންގުގެ ކުށްވެރި ޓެރަރިސްޓުން ވަކި މުޖުތަމައުތަކަށް އަމާޒުކޮށް ޓެރަރިޒަމްގެ އަމަލުތަކާއި، އަދި ބިރުދެއްކުން ފަދަ ކަންކަން ހިންގާފައިވާ" ކަމަށެވެ. މި ޖަމާއަތް ޓެރަރިސްޓު ލިސްޓަށް އެރުވުމުން، އެމީހުންގެ ކުށްތައް ހުއްޓުވުމަށް އިތުރު ބާރުގަދަ ވަސީލަތްތަކެއްގެ ބޭނުންކުރުމުގެ ފުރުޞަތު ސަރުކާރަށް ލިބިގެންދާނެ ކަމަށް އާނަންދަސަންގަރީ ފާހަގަކުރެއްވިއެވެ.
އޮޓާވާއިން ބުނެފައިވަނީ، "އިންސާނިއްޔަތާ ޚިލާފު އަމަލުތަކާއި ޓެރަރިޒަމަށް ކެނެޑާގައި ޖާގައެއް ނެތްކަމަށާއި، ހާއްސަކޮށް ބިރުވެރިކަމާއި ބިރުދެއްކުމުގެ މާހައުލެއް އުފެއްދުމަށް ފުރުޞަތު ނުދޭނޭ ކަމަށެވެ.
Ads by BMLމި ގޭންގަކީ އިންޑިއާގެ ޖަލުގައި ހުރި ގޭންގު ލީޑަރު ލޯރެންސް ބިޝްނޯއި ހިންގާ ޖަމާއަތެކެވެ. ކެނެޑާގެ އޮފިޝަލުން މި ޖަމާއަތް ސިފަކުރަނީ އިންޑިއާގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާ، ނަމަވެސް ކެނެޑާގައިވެސް ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޓެރެރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ.
ބިޝްނޯއި، 32 އަހަރު، އިންޑިއާގެ ޖަލުގައި ދިހަ އަހަރު ހޭދަކޮށްފައިވާއިރު، އޭނާގެ ޖަމާއަތުން މަސްތުވާތަކެތީގެ ވިޔަފާރިއާއި، ހަތިޔާރު ބަދަލުކުރުމާއި، ފައިސާ ހޯދުމަށް ބިރުދެއްކުމާއި، އަދި މީހުން މެރުން ފަދަ ކުށްތައް ހިންގާ ކަމަށް ތުހުމަތު ކުރެވެއެވެ.
ކެނެޑާގެ ފުލުހުން މީގެ ކުރިން ތުހުމަތުކޮށްފައިވަނީ، އިންޑިއާގެ އިންޓެލިޖެންސް ހިދުމަތްތަކުން ބިޝްނޯއިގެ އެހީތެރިން ބޭނުންކޮށްގެން، އިންޑިއާގެ ޕަންޖާބު ސްޓޭޓުގައި ސިކުންނަށް ވަކި ދައުލަތެއް ގާއިމުކުރުމަށް މަސައްކަތްކުރާ "ޚަލިސްތާން ހަރަކާތް" އަށް ތާއީދުކުރާ ފަރާތްތަކަށް ބޭރުގައި ހަމަލާދީ، ބިރުދައްކާފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާއިން މި ތުހުމަތުތައް ދޮގުކޮށް، ކެނެޑާއިން ހެކި ހުށަހަޅާފައިނުވާ ކަމަށާއި، ބިޝްނޯއި ގޭންގާ ގުޅުންހުރި ކުށްވެރިން ހަވާލުކުރުމަށް އެދިފައިވާ އެދުންތަކަށް އިޖާބަދީފައިނުވާ ކަމަށް ބުނެފައިވެއެވެ.
ކެނެޑާ ސަރުކާރުން ބުނާ ގޮތުގައި، މި ޖަމާއަތް "ޓެރަރިސްޓު" ލިސްޓަށް އެރުވުމުން، އެ ޖަމާއަތާ ގުޅުންހުރި މުދަލާއި ފައިސާ ހިފެހެއްޓުމުގެ އިތުރުން، ޖަމާއަތަށް މީހުން ހޯދުމާއި، ފައިސާ ހޯދުމާއި، ބައިނަލްއަގްވާމީ ދަތުރުފަތުރު ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.
މިކަމާ ގުޅިގެން އޮޓާވާގެ މައްޗަށް ސިޔާސީ ޕްރެޝަރު ބޮޑުވެފައިވާއިރު، އިދިކޮޅު ލީޑަރުންނާއި އަލްބަރޓާ އަދި ބްރިޓިޝް ކޮލަންބިއާގެ ޕްރިމިއަރުން ވަނީ މި ގޭންގާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. ކެނެޑާގައި 770,000 އަށް ވުރެ ގިނަ ސިކުން ދިރިއުޅެމުންދާއިރު، އެއީ ކެނެޑާގެ އާބާދީގެ ގާތްގަނޑަކަށް 2 އިންސައްތައެވެ.
Ads by MACL
