އިންޑިއާގައި ކަފް ސިރަޕަކުން 12 ކުދިން މަރުވި މައްސަލަ: ވިހަ ކެމިކަލެއް ހުރިކަން ހާމަވެ، ޖިނާއީ ތަހުގީގެއް ފަށައިފި
އިންޑިއާގައި ކެއްސާތީ ބޯ ބޭހެއް ބުއިމުގެ ސަބަބުން 12 ވަރަކަށް ކުދިން މަރުވި ނުރައްކާތެރި މައްސަލަ، ޖިނާއީ ތަހުގީގެއްގެ ގޮތުގައި ކުރިއަށް ގެންދަން ފަށައިފި އެވެ. މިކަން ހާމަވީ، ކަމާބެހޭ ފަރާތްތަކުން އެ ބޭސް ތަހުލީލުކޮށް ބެލި ބެލުމުންނެވެ. އެ ބޭހުގައި ނުރައްކާތެރި މިންވަރަކަށް ވިހަ ކެމިކަލް އެއް ހުރިކަން ވަނީ ފަޅާ އަރާފައެވެ.
ރޮއިޓާސް އިން މަދްޔަ ޕްރަދޭޝްގެ ސްޓޭޓް ޑްރަގް ލެބޯޓްރީއަކުން ހެދި ޓެސްޓުގެ ރިޕޯޓާ ހަވާލާދީ ބުނި ގޮތުގައި، ޓެސްޓުކުރި 19 ބޭހުގެ ތެރެއިން، "ކޯލްޑްރިފް" ސިރަޕްގެ ސާމްޕަލެއްގައި 46.28 ޕަސެންޓް ޑައިތިލީން ގްލައިކޯލް ހުރިކަން އެނގުނެވެ. މިއީ ބޭހުގެ ބާވަތްތަކުގައި ބޭނުންކުރެވޭ އެންމެ ގިނަ މިންވަރަށް ވުރެ ވެސް އެތައް ގުނައެއް އިތުރު އަދަދެކެވެ. ބޭސްތަކުގައި މި މާއްދާ އެންމެ ގިނައިން ވެސް ހުންނަންޖެހޭ މިންވަރަކީ 0.1 ޕަސެންޓެވެ. މި ހާދިސާއާ ގުޅިގެން ޖިނާއީ ތަހުގީގު ފަށާފައިވާއިރު، މި ބޭސް ލިޔެދިން ޑޮކްޓަރަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މިހާރު އެކި ސްޓޭޓްތަކުގައި މަނާކޮށްފައިވާ މި ބޭސް އުފައްދާ، ޓެމިލް ނާޑޫގެ ކުންފުންޏެއް ކަމަށްވާ ސްރޭސަން ފާމާ އާއި މި ބޭސް ލިޔެދިން ޑޮކްޓަރާ ދެކޮޅަށް ފުލުހުން ވަނީ ޖިނާއީ ތަހުގީގު ފަށައިފަ އެވެ. އެ ސްޓޭޓުގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ރާޖެންދުރަ ޝުކްލާ އޭއެންއައި އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، "އެ ބޭސް ލިޔުނު ޑޮކްޓަރު މިހާރު ވަނީ ހައްޔަރުކޮށްފައި" ކަމަށެވެ.
ކުންފުނީގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، އެ ކުންފުނިން ކުރި ކަމަކުން މީހުން މަރުވުން (ގަސްތުގައި މެރުމުގެ ކުށަށް ނުވާ ތުހުމަތެއް) ހިމެނެއެވެ. މީގެ އިތުރުން ޑްރަގްސް އެންޑް ކޮސްމެޓިކްސް އެކްޓުގެ ދަށުން ގަޑުބަޑުކޮށްގެން ބޭސް އުފެއްދުމާއި ވިއްކުމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ. މި ކުށްތައް ސާބިތުވެއްޖެ ނަމަ ކުންފުންޏާއި އޭގެ އިސްވެރިންނަށް ޖޫރިމަނާގެ އިތުރުން އުމުރު ދުވަހަށް ޖަލު ހުކުމް އަންނާނެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ، ކުންފުނީގެ ޔުނިޓަކަށް އިދާރީ ފިޔަވަޅު ވެސް އަޅާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދިނަސް، ކުންފުނީގެ މެނުފެކްޗަރިން ލައިސަންސް ބާތިލް ކުރުމަށް ސެންޓްރަލް ޑްރަގްސް ސްޓޭންޑާޑް ކޮންޓްރޯލް އޯގަނައިޒޭޝަނުން ލަފާދީފައިވާ ކަމަށް ވެއެވެ.
"ދުނިޔޭގެ ފާމަސީ" ގެ ގޮތުގައި މަޝްހޫރުވެފައިވާ އިންޑިއާއިން އުފައްދާފައިވާ ކެއްސާ ބޭހުން މީގެ ކުރިން ކެމަރޫން، ގެމްބިއާ އަދި އުޒްބެކިސްތާނުގައި ކުޑަކުދިން މަރުވި މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ. މިކަމުގެ ސަބަބުން ބޭހުގެ ކޮލިޓީއާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު، އިންޑިއާއިން އެމެރިކާގައި ބޭނުންކުރާ ޖެނެރިކް ބޭހުގެ 40 ޕަސެންޓާއި، އިނގިރޭސިވިލާތުގައި ބޭނުންކުރާ 25 ޕަސެންޓް އަދި އެފްރިކާގެ ގިނަ ގައުމުތަކުގައި ބޭނުންކުރާ ބޭހުގެ 90 ޕަސެންޓް ސަޕްލައިކުރެއެވެ.
Ads by MACL
