ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ފުޓުބޯޅަ ދަނޑުގެބަދަލުގައި ހޮސްޕިޓަލް އަޅަން މޮރޮކޯގެ ޒުވާނުން ގޮވާލައިފި

މޮރޮކޯގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން --- ފޮޓޯ: އަލްޖަޒީރާ
މޮރޮކޯގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން --- ފޮޓޯ: އަލްޖަޒީރާ

މޮރޮކޯއިން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެޤައުމުން ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ދަނޑު ބިނާކުރުމުގެ މަސައްކަތް ފެށުމާއެކު، އެކަމާ ނުރުހުން ފާޅުކޮށް ގިނަ އަދަދެއްގެ ޒުވާނުން މަގުތަކަށް ނިކުމެ ފުޓުބޯޅަ ދަނޑުގެބަދަލުގައި ހޮސްޕިޓަލުތައް އަޅަން ގޮވާލައިފިއެވެ.

"ނޯ ވޯލްޑް ކަޕް، ސިއްހަތަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައް، ފުޓުބޯޅަ ދަނޑުތަކެއް ނޫން، އަޅުގަނޑުމެންނަށް ބޭނުންވަނީ ހޮސްޕިޓަލްތައް" މިފަދަ ޝުޢޫރުތައް ލިޔެފައިވާ ބެނާތަކާއެކު، ޒުވާނުން ދަނީ އެގައުމުގައި މުޒާހަރާ ކުރަމުންނެވެ.

ސަރުކާރުން އެތައް ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ގާއިމުކުރާ ފުޓުބޯޅަ އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކަށް ފާޑުކިޔައި، އެ ފައިސާ ސިއްހަތާއި ތައުލީމީ ދާއިރާތައް ހަރުދަނާ ކުރުމަށް ހޭދަކުރުމަށް އެދި މޮރޮކޯގެ އެކި ހިސާބުތަކުގައި އެއްވުންތައް ބާއްވަމުން އެބަދެއެވެ.

މި އެއްވުންތައް ފެށިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު 10 ސިޓީއެއްގައެވެ. "ޖެން ޒެޑް 212" ކިޔާ ޖަމާޢަތަކުން ޑިސްކޯޑް، ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް މިކަންކަން އިންތިޒާމް ކުރަމުންދާއިރު، އެމީހުންގެ މައިގަނޑު އެދުމަކީ ހިލޭ އަދި ފެންވަރު ރަނގަޅު ތަޢުލީމާއި، އާންމުންނަށް ފަސޭހައިން ލިބޭނެ ސިއްހީ ހިދުމަތްތައް ގާއިމުކުރުމެވެ. މީގެ އިތުރުން ރަނގަޅު ވަޒީފާގެ ފުރުޞަތުތަކާއި، ބޯހިޔާވަހިކަމާއި، އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ރަނގަޅުކޮށް، އަސާސީ މުދާ އަގުހެޔޮކުރުމަށްވެސް އެމީހުން ގޮވާލައެވެ.
މިފަދަ އެއްވުންތައް ފެށުމަށް މައިގަނޑު ސަބަބަކަށްވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އެގަޑިރްގެ ހޮސްޕިޓަލެއްގެ މާބަނޑު މީހުންނަށް ހާއްސަ ވޯޑުގައި އަށް އަންހެނުން މަރުވުމެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން، ރަނގަޅު ފަރުވާއާއި، ބޭނުންވާ ސާމާނާއި، އެކަށީގެންވާ ސިއްހީ މުވައްޒަފުން ތިބިނަމަ މި މަރުތައް ހުއްޓުވުނީހެވެ.

2023 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މޮރޮކޯގައި ތިބީ ކޮންމެ 10،000 މީހަކަށް 7.8 ޑޮކްޓަރުންނެވެ. މިއީ ވޯލްޑް ހެލްތު އޮގަނައިޒޭޝަންގެ ލަފާދޭ އަދަދު ކަމަށްވާ 23 ޑޮކްޓަރުންނަށްވުރެ މާ ދަށުގެ އަދަދެކެވެ.

އެއްވުންތައް ހުއްޓުވުމަށް ފުލުހުން މަސައްކަތްކޮށް، ގިނަ ބަޔަކު ހައްޔަރުކޮށްފައިވެއެވެ. މިކަމާ ގުޅިގެން 409 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެތެރޭގެ ކަންކަމާބެހޭ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ. އަދި 260 ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 20 މީހުންނަށް އަނިޔާވެ، 40 ފުލުހުންގެ ވެހިކަލާއި 20 އަމިއްލަ ކާރު އަންދާލާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ. މިފަދަ ކަންކަމާ ގުޅިގެން މުޒާހަރާގެ ބައިވެރިންނާއި އިންސާނީ ހައްގުތަކާބެހޭ ޖަމާޢަތްތަކުން ވަނީ ފުލުހުންގެ އަމަލުތަކަށް ފާޑުކިޔާފައެވެ.

މި އެއްވުންތައް ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން ވަނީ ހަރުކަށި އަމަލުތަކަށް ފާޑުކިޔާފައެވެ. ނަމަވެސް، މުޒާހަރާކުރާ ފަރާތްތަކުން ބުނާގޮތުން، އެމީހުން ބޭނުންވަނީ ހައްލެކެވެ. ބޮޑުވަޒީރު އަޒީޒް އަޚަންނޫޝް ވާހަކަ ދެއްކުމަށް ތައްޔާރަށް ހުރިކަމަށް ވިދާޅުވި ނަމަވެސް، ލީޑަރެއް ނެތް މި ހަރަކާތުން ދަނީ ހަރުދަނާ ބަދަލެއް ނާންނަނީސް މަގުތަކުން ފޭބުމަށް ދެކޮޅު ހަދަމުންނެވެ.

މޮރޮކޯގެ ޒުވާނުން ފުޓުބޯޅައަށް ލޯބިކުރާކަން އެނގިފައިވާކަމަށް މުޒާހަރާގެ ބައިވެރިއެއް ބުނެފައިވެއެވެ. "އަޅުގަނޑުމެން ފުޓުބޯޅައަށް ލޯބިކުރަން، އެއީ އަޅުގަނޑުމެންގެ ލޭގައި ހިފާފައިވާ ކަމެއް. ނަމަވެސް އަޅުގަނޑުމެންނަށް އަސާސީ ޚިދުމަތްތަކެއް ނެތް. ދަނޑުތައް ހަދަމާ، ނަމަވެސް އަޅުގަނޑުމެންގެ ތައުލީމާއި ސިއްހީ ނިޒާމުވެސް ބިނާކުރަމާ. އަޅުގަނޑުމެންގެ ރައްޔިތުންނަށް ރަނގަޅަށް ބަލަމާ." އޭނާ ވާހަކަ ދެއްކިއެވެ.

މޮރޮކޯގައި މިފަދަ އިހުތިޖާޖުތައް ކުރިއަށްދާއިރު، މީގެކުރިން ވެސް ގިނަ އަދަދެއްގެ ޒުވާނުން ސަރުކާރުގެ ސިޔާސަތުތަކަށް ނުރުހުން ފާޅުކޮށް މަގުތަކަށް ނިކުމެފައިވެއެވެ. ހާއްސަކޮށް، 2011 ވަނަ އަހަރުގެ އަރަބް ސްޕްރިންގްގެ ތެރެއިން މޮރޮކޯގައި ހިނގި އިސްލާހީ ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރެވުނެވެ. ނަމަވެސް، ރަސްގެފާނުގެ ބާރުތައް އަދިވެސް ވަރަށް ގަދަކަން ފާހަގަކޮށްލެވެއެވެ.