ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި އެއްބަސްވުމަށް އިސްރާއީލުގެ ކެބިނެޓުން ރުހުންދީފި
އެމެރިކާގެ މެދުވެރިކަމާއެކު ފަލަސްތީނުގެ ހަމާސް ޖަމާއަތާއެކު އިސްރާއީލުން ސޮއިކުރި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުން ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުގެ ކެބިނެޓުން ރުހުންދީ ފާސްކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން މިހާރު ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ވަގުތީ ހުއްޓުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
އިސްރާއީލު ސަރުކާރުގެ ތަރުޖަމާނެއް ހާމަކުރެއްވި ގޮތުގައި، ކެބިނެޓް ބައްދަލުވުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. އަދި މި މުއްދަތަށްފަހު، ޣައްޒާގައި ބަންދުކޮށްފައިވާ ރަހީނުން 72 ގަޑިއިރުގެ ތެރޭގައި ދޫކޮށްލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި އެއްބަސްވުމާ ގުޅިގެން އިސްރާއީލުގެ ސަރުކާރުގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން-ގްވީރު ވަނީ ހަމާސް މުޅިން ނައްތާ ނުލެވޭނަމަ އޭނާގެ ޖޫވިޝް ޕަވަރ ޕާޓީން ބެންޖަމިން ނެތަންޔާހޫގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާނެ ކަމަށް އިންޒާރު ދެއްވާފައެވެ.
Ads by BMLބެން-ގްވީރު މިފަދައިން ބުނެފައި ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ ޕްލޭން ފާސްކުރުމަށް ބޭއްވި ނަތަންޔާހޫގެ ކެބިނެޓް ބައްދަލުވުމުގެ ކުރިން ކަމަށް ވާއިރު، މިކަމުން ދައްކުވައިދެނީ އިސްރާއީލުގެ ސިޔާސީ މަސްރަހު މިހާރު ހަލަބޮލިވެފައިވާ މިންވަރެވެ. މި އެއްބަސްވުމަކީ ދިގުދެމިގެންދާ ހައްލެއް ކަމަށް ވެދާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، ނަތަންޔާހޫގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މި އެއްބަސްވުމާއެކު އޭނާގެ ކޯލިޝަން ސަރުކާރު ދެމެހެއްޓުމެވެ.
Ads by MACL
