ޣައްޒާ އެއްބަސްވުން ތަންފީޒު ކުރަން އެމެރިކާއިން ސިފައިން ފޮނުވަނީ
ފަލަސްޠީނުގެ ޣައްޒާގައި ހިނގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަން ވިލަރެސް ކުރުމަށް އެމެރިކާއިން 200 ސިފައިން ފޮނުވަން ނިންމާފައިވާ ކަން ހާމަކޮށްފިއެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެން ދިޔަ މި ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. މި ޤަތުލުޢާންމުގައި ޔަހޫދީން ވަނީ ޣައްޒާއިން 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ.
މި އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާއަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެ. އެ އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަން ވިލަރެސް ކުރުމަށް އެމެރިކާގެ 200 ސިފައިން ފޮނުވަން ނިންމާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލުންނެވެ. އެމެރިކާގެ ނަން ހާމަކުރަން ނެދޭ އޮފިޝަލުން ވިދާޅުވީ، އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަން ވިލަރެސް ކުރުމަށް ފޮނުވާ ސިފައިން ތިބޭނީ ޒަޔަނިސްޓު ދައުލަތުގައި ކަމަށާއި، އެ ސިފައިން ޣައްޒާއަށް އެތެރެ ނުވާނެ ކަމަށެވެ.
Ads by BMLސުލްޙައިގެ އެއްބަސްވުން ތަންފީޒު ކުރުމުގެ ކަންކަމާއި، ޣައްޒާގައި ހަމަޖެހުން ޤާއިމު ކުރުމުގެ މަސައްކަތްތައް ވިލަރެސް ކުރާނީ އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުގެ ދަށުން ހިންގާ ސިވިލް-މިލިޓަރީ ކޯޑިނޭޝަން ސެންޓަރު (ސީއެމްސީސީ)ންނެވެ. އެ އިދާރާގެ މައިގަނޑު ޒިންމާއަކަށް ވާނީ، ޣައްޒާގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ހުރަސް ނާޅާކަން ކަށަވަރުކޮށް، ސަލާމަތީ އަދި އިންސާނީ އެހީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ތަރުޖަމާނު ކެރޮލައިން ލެވިޓް މީސްމީޑިޔާގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސީއެމްސީސީގެ މިޝަންގެ މައިގަނޑު ޒިންމާއަކީ ޙަމާސް-ޔަހޫދީންގެ ސުލްޙައިގެ އެއްބަސްވުން ތަންފީޒު ކުރެވޭ ކަން ކަށަވަރު ކުރުން ކަމުގައެވެ. އަދި، އެ ފައުޖުން އެހެން ޤައުމުތަކާއި ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގައެވެ.
Ads by MACL
