ނޯބެލް ސުލްޙައިގެ އިނާމު ޓްރަމްޕަށް ނުލިބުނީ ކީއްވެ؟
2025 ވަނަ އަހަރުގެ ނޯބެލް ސުލްޙައިގެ އިނާމު ވެނެޒުއޭލާގެ އިދިކޮޅު ލީޑާރު (އެމެރިކާގެ ބާރުގެ ދަށުގައިވާ) މާރިއާ ކޮރީނާ މަޗާޑޯއަށް ދިނުމާއެކު، ނޯބެލް ކޮމިޓީގެ އެންމެ މަތީ އެވޯޑްގެ މާނަ ނެތްކަން އަނެއްކާވެސް ހާމަވެއްޖެއެވެ. މިއީ އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް ހަޖަމްނުވި ކަމެކެވެ. އޭނާ ވަނީ ގިނަ ހަނގުރާމަތަކެއް ނިމުމަކަށް ގެނެސްދިން ކަމަށް ބުނެ ނޯބެލް އިނާމަށް ވަރަށް ބޮޑަށް ޑިމާންޑްކޮށް ދުނިޔޭގެ ކުރިމަތީގައި އެއްވެސް ލަދެއްނެތި ވަރުގަދަ ކެމްޕޭނެއް ކޮށްފައެވެ. ނަމަވެސް، އޭނާ ހަގީގަތުގައި ނިމުމަކަށް ގެނެސްދީފައިވަނީ ކޮން ހަނގުރާމަތަކެއް ހެއްޔެވެ؟ އެކަންކަމަށް ބަލާއިރު، ނޯބެލް ސުލްޙައިގެ އިނާމު އޭނާއަށް ނުލިބުނު ސަބަބުތައް ސާފުވެއެވެ.
ޓްރަމްޕް ނިމުމަކަށް ގެނެސްދިން ކަމަށް ދަޢުވާ ކުރި ގިނަ ހަނގުރާމަތަކެއް އަދިވެސް ނުނިމޭ މައްސަލަތައް ވަނީ ފެންމަތިވެފައިވެއެވެ. އެގޮތުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ 24 ގަޑި އިރުގެ ތެރޭގައި ނިންމާލާނެ ކަމަށް އޭނާ ވައުދުވި ނަމަވެސް، އޭނާގެ ދައުރުގައި މި ހަނގުރާމަ ވަނީ އެންމެ ހަރުކަށި ނިއޯކޮން ގޫލްސް އުންމީދު ކުރާ ވަރަށްވުރެ ބޮޑަށް ވިޔަފާރިއަކަށް ބަދަލުކޮށްފައެވެ. ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން ޔޫރަޕަށް އެމެރިކާގެ ހަތިޔާރު ވިއްކައި، އެ ހަތިޔާރު ޔޫކްރެއިންއަށް ދިނުމަށް ހިތްވަރު ދެވުނު ކަމަށް ބެލެވެއެވެ. މިއީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ބަދަލުގައި އިތުރަށް ގޯސްކުރި ކަމެކެވެ.
އަރުމީނިއާ-އަޒަރުބައިޖާން ހަނގުރާމައިގައި ޓްރަމްޕްގެ ސަރުކާރުން ވަނީ އަރުމީނިއާގެ ބައެއް ސަރަހައްދުތަކުގެ ބާރު އެމެރިކާއަށް ދިނުމަށް މަޑުމައިތިރި ބަސްތަކުން އެއްބަސްވުމެއް ހޯދާފައެވެ. ނަމަވެސް، މިއީ ސުލްޙަޔަށް މަގުފަހިކުރުމުގެ ބަދަލުގައި، މުސްތަޤްބަލްގައި އީރާން ބައިވެރިވާ ސަރަހައްދީ ބޮޑު ކާރިސާއަކަށް މަގުފަހިކުރާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
Ads by BMLއިޒްރޭލް-އީރާން ހަނގުރާމައިގައި މިދިޔަ ޖޫން މަހު އިޒްރޭލްގެ ހަމަލާތަކަށްފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހޯދައިދިން ކަމަށް ޓްރަމްޕް ދަޢުވާ ކުރި ނަމަވެސް، ހަގީގަތަކީ އުންމީދުނުކުރާ ވަރުގެ މިސައިލް ބާރު އީރާންގެކިބައިގައި ހުރުމާއި އިޒްރޭލްގައި އިންޓަރސެޕްޓަރސް މަދުވުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލެވުނު ކަމެވެ. މިކަމުގައި ޓްރަމްޕްގެ ދައުރު ބޮޑުކަމަށް ހެކިތަކުން ނުދައްކައެވެ.
އިންޑިޔާ-ޕާކިސްތާން ގުޅުމުގައި މިދިޔަ މެއި މަހު ހިނގި ކުދިކުދި ހަމަލާތަކަށްފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހޯދައިދިން ކަމަށް ޓްރަމްޕް ދަޢުވާ ކުރި ނަމަވެސް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އެމެރިކާގެ ލީޑަރަށް އެކަމުގައި އެއްވެސް ދައުރެއް ނެތް ކަމަށެވެ.
ކެމްބޯޑިޔާ-ތައިލެންޑް ބޯޑަރު ހަމަލާތައް ހުއްޓުވުމުގައި ޓްރަމްޕްގެ ވިޔަފާރި މަޝްވަރާތައް ހުއްޓާލާނެ ކަމުގެ އިންޒާރުތައް ދައުރެއް އަދާކުރިކަމަށް ބެލެވުނު ނަމަވެސް، މި މައްސަލައަށް އަދިވެސް ހައްލެއް ލިބިފައެއް ނުވެއެވެ. ހަމަލާތައް ހުއްޓުވުމަކީ ދެމިހުންނަނިވި ސުލްޙައެއް ޤާއިމުކުރުމެވެ. އެކަން އަދިވެސް ހާސިލެއް ނުވެއެވެ.
ޑީ.އާރު. ކޮންގޯ-ރުވާންޑާ މައްސަލައިގައި އެމެރިކާގެ ބައިވެރިވުމާއެކު "ވޮޝިންގްޓަން އެކޯޑް" ޖޫން މަހު ސޮއިކުރި ނަމަވެސް، އެ އެއްބަސްވުން ތަންފީޒުކުރުން ތަކުރާރުކޮށް ފަސްކުރެވިފައިވާއިރު، އެންމެ ފަހުން އޮކްޓޯބަރު މަހުގެ ނިޔަލަށް އެކަން ފަސްކުރެވިފައިވެއެވެ. އެހެންކަމުން، މިއީވެސް ޓްރަމްޕްގެ ބައިވެރިވުމުން ޙައްލުވެފައިވާ ހަނގުރާމައެއް ކަމަށް ނުބެލެވެއެވެ.
ނޯބެލް ކޮމިޓީގެ ނިންމުންތަކާއި، ޓްރަމްޕް ސުލްޙަ ޤާއިމުކުރި ކަމަށް ދަޢުވާކުރި ކަންކަމުގެ ހަގީގަތް ހާމަވުމާއެކު، އޭނާއަށް ނޯބެލް ސުލްޙައިގެ އިނާމު ނުލިބުނު ސަބަބުތައް ސާފުވެއެވެ. މިކަންކަމުގެ ސަބަބުން ނޯބެލް ސުލްޙައިގެ އިނާމުގެ އަގު ކެނޑިގެންދާ ކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
