ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޣައްޒާގެ ކަންކަން ހިންގުން ބޭރުގެ ބާރަކަށް ދޫނުކުރާނެ ކަމަށް ފަލަސްޠީނުގެ ޖަމާޢަތްތަކުން ބުނެފި

ޣައްޒާގެ ކަންކަން ހިންގުން ބޭރުގެ ބާރަކަށް ދޫނުކުރާނެ ކަމަށް ފަލަސްޠީނުގެ ޖަމާޢަތްތަކުން ބުނެފި

ޣައްޒާގެ އިދާރީ ހިންގުން އެއްވެސް ބޭރުގެ ބާރެއްގެ އަތްމައްޗަށް ދޫނުކުރާނެ ކަމަށް ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާޢަތްތަކުން ބުނެފިއެވެ.

މި ވާހަކަ އެމީހުން ހާމަކުރީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދިޔަ ގަތުލުޢާންމު ހުއްޓުމަކަށް އައިތާ އެއް ދުވަސް ފަހުންނެވެ. މި ގަތުލުޢާންމުގައި 67,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި، ޕަލަސްޓީނިޔަން އިސްލާމިކް ޖިހާދާއި، ޕޮޕިޔުލަރ ފްރަންޓް ފޯ ދި ލިބެރޭޝަން އޮފް ޕަލަސްޓަޔިން (ޕީއެފްއެލްޕީ) ހިމެނޭ ގޮތަށް އެކުލެވޭ ޖަމާޢަތްތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް މަގުމަތި ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޖަރީމާތައް ހުއްޓުމަކަށް އައުމަކީ ފަލަސްޠީނުގެ ރައްޔިތުން ހިތްވަރާއި އަޒުމާއެކު ކުރި ޖިހާދުގެ ނަތީޖާ ކަމުގައެވެ.

ޣައްޒާގައި ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައިވަނީ އޮކްޓޫބަރު 9 ވަނަ ދުވަހުއެވެ. މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ރޭވުމަކާ ގުޅޭގޮތުން ގަތަރާއި މިޞްރުގެ ބައިވެރިވުމާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ވާސިލުވި ކަމެކެވެ. މިހާރު ވަނީ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި މަސައްކަތް ފަށާފައެވެ.

މުޖާހިދުންގެ ޖަމާޢަތްތަކުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޣައްޒާގެ އިދާރީ ހިންގުން އިންތިޒާމު ކުރާނެ ގޮތަކީ ފަލަސްޠީނުގެ ރައްޔިތުންގެ ދާޚިލީ ކަމެއް ކަމަށާއި، އެކަން ކުރާނީ ފަލަސްޠީނުގެ ރައްޔިތުން ކަމަށެވެ. އަދި ޣައްޒާގެ ވެރިކަމާއި އިދާރީ ހިންގުން ބައްޓަން ކުރާނެ ގޮތެއް ކަނޑައެޅުމަށް ފަލަސްޠީނުގެ އެކި ޖަމާޢަތްތަކުގެ މެދުގައި ޤައުމީ ފެންވަރުގެ މަޝްވަރާތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެ ޖަމާޢަތްތަކުން ހާމަކުރިއެވެ.

މި މަޝްވަރާތަކުގެ ސަބަބުން ފަލަސްޠީނުގެ ފިކުރު އެއްގޮތްކުރެވި، ޤައުމީ ތަރައްޤީގެ އޮނިގަނޑެއް އެކުލަވައިލެވި، ގުޅިފައިވާ ހަރުދަނާ އަދި ދެފުށް ފެންނަ ސިޔާސަތުތަކެއްގެ މަތިން ދައުލަތުގެ އިދާރާތައް އަލުން އާރާސްތު ކުރެވޭނެ ކަމަށް ޖަމާޢަތްތަކުން ބުންޏެވެ. ޙަމާސާއި އިސްލާމިކް ޖިހާދު އަދި ޕީއެފްއެލްޕީން އިންތިޒާމު ކުރާ މި މަޝްވަރާތަކުގައި ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަތުޙް ޖަމާޢަތުން ބައިވެރިވާނެ ކަން ނުވަތަ ނޫންކަން އަދި ސާފެއް ނޫނެވެ.

ޓްރަމްޕް ރާއްވަވާފައި އޮތީ، ޣައްޒާގެ އިދާރީ ހިންގުން ވަގުތީ ގޮތުން 'ޞުލްޙައިގެ ބޯޑު'ގެ ނަން ދީފައިވާ ބޯޑަކާ ޙަވާލު ކުރުމަށެވެ. މި ބޯޑުގެ ދަށުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އެކުލެވިގެންވާ ފަންނީ މުޝީރުންގެ ކޮމިޝަނެއް އެކުލަވައިލެއްވުމަށެވެ. ޓްރަމްޕް ވިދާޅުވީ ޞުލްޙައިގެ ބޯޑުގެ ޗެއަރމަން ކަމުގެ މަޤާމު ފުރުއްވާނީ ޚުދު އޭނާ ކަމުގައެވެ. އަދި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ ވެސް އެ ބޯޑުގައި އިސް ދައުރެއް އަދާކުރައްވާނެ ކަމުގައެވެ.