ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިންޑިއާގައި އުފައްދާފައިވާ ތިން ކަފް ސިރަޕެއްގެ އިންޒާރު ޑަބުލިއުއެޗްއޯއިން ދީފި

މި ސިރަޕްތައް ދީގެން އިންޑިއާގައި ކުޑަކުދިންތަކެއް ވަނީ މަރުވެފައި --- ފޮޓޯ: ރޮއިޓާސް
މި ސިރަޕްތައް ދީގެން އިންޑިއާގައި ކުޑަކުދިންތަކެއް ވަނީ މަރުވެފައި --- ފޮޓޯ: ރޮއިޓާސް

އިންޑިއާގައި އުފައްދާފައިވާ ތިން ކަފް ސިރަޕަކާ މެދު ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބުލިއުއެޗްއޯ) އިން އިންޒާރު ދީފިއެވެ. މި ބޭސްތަކުގައި ނުރައްކާތެރި މާއްދާތައް ހުރިކަން ފާހަގަކުރެވިފައިވާތީ، ކުޑަކުދިންނަށް ނުރައްކާތެރި އަސަރުތަކެއް ކުރިމަތިވެދާނެ ކަމަށް އެޖަމިއްޔާއިންވަނީ ލަފާދީފައެވެ.

ޑަބުލިއުއެޗްއޯ އިން ނެރުނު މެޑިކަލް ޕްރޮޑަކްޓް އެލާޓް ނަންބަރު 5/2025 ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބޭސްތަކަކީ އިންޑިއާގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑަރޑް ކޮންޓްރޯލް އޯގަނައިޒޭޝަން (CDSCO) އިން ޑަބުލިއުއެޗްއޯ އަށް އޮކްޓޯބަރު 8، 2025 ގައި ރިޕޯޓުކޮށްފައިވާ ބޭސްތަކެކެވެ. މި ބޭސްތަކުގައި ޑައިއެތިލީން ގްލައިކޯލް (Diethylene Glycol - DEG) ކިޔާ ނުރައްކާތެރި މާއްދާއެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. މި މާއްދާގެ ސަބަބުން އިންޑިއާގެ މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ޗިންދްވާރާ ސިޓީގައި ފަސް އަހަރުން ދަށުގެ ކުޑަކުދިންތަކެއް މަރުވެފައިވާ ކަމަށް ވެއެވެ.

ޑަބުލިއުއެޗްއޯ އިން އިންޒާރު ދީފައިވާ ތިން ކަފް ސިރަޕަކީ ސްރޭސަން ފާމަސޫޓިކަލް އިން އުފައްދާފައިވާ ކޯލްޑްރިފްއާއި، ރެޑްނެކްސް ފާމަސޫޓިކަލްސް އިން އުފައްދާފައިވާ ރެސްޕިފްރެޝް ޓީއާރުއާއި، އަދި ޝޭޕް ފާމާ އިން އުފައްދާފައިވާ ރިލައިފް ސިރަޕް އެވެ.


ޑަބުލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި، މި ބޭސްތަކުގައި ހިމެނޭ ޑައިއެތިލީން ގްލައިކޯލް އަކީ އިންސާނުންނަށް ވަރަށް ނުރައްކާތެރި މާއްދާއެކެވެ. މި މާއްދާ ހަށިގަނޑަށް ވަނުމުން ބަނޑުގައި ރިހުން، ހޮނޑުލުން، ބޭރަށް ހިންގުން، ކުޑަކަމުނުދެވުން، ބޮލުގައި ރިހުން، ސިކުނޑީގެ ހާލަތު ބަދަލުވުން އަދި ގުރުދާއަށް ގެއްލުންވެ މަރުވުން ވެސް ހިމެނެއެވެ.


އިންޑިއާގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑަރޑް ކޮންޓްރޯލް އޯގަނައިޒޭޝަން އިން ޑަބުލިއުއެޗްއޯ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ނުރައްކާތެރި ބޭސްތައް އިންޑިއާއިން ބޭރަށް އެކްސްޕޯޓްކޮށްފައެއް ނުވެއެވެ. އަދި ގަވާއިދާ ހިލާފަށް އެކްސްޕޯޓްކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ވެސް ނެތެވެ. ނަމަވެސް، ޑަބުލިއުއެޗްއޯ އިން ވަނީ ގައުމީ ރެގިއުލޭޓަރީ އޮތޯރިޓީތަކަށް (NRAs) މިފަދަ ބޭސްތައް ބާޒާރުގައި ދައުރުވޭތޯ ބެލުމަށް އިރުޝާދު ދީފައެވެ، ހާއްސަކޮށް ގަވާއިދާ ހިލާފު ގޮތްގޮތަށް ވިއްކާ ތަންތަނަށް ސަމާލުކަން ދިނުމަށް ވަނީ ބާރުއަޅާފައެވެ.


ޑަބުލިއުއެޗްއޯ އިން ސިއްހީ ހިދުމަތްތެރިންނާއި ރެގިއުލޭޓަރީ އޮތޯރިޓީތަކާއި އާންމުންނަށް އިރުޝާދު ދީފައިވަނީ، މި ބޭސްތައް ފެނިއްޖެނަމަ ނުވަތަ މި ބޭސް ބޭނުންކުރުމުގެ ސަބަބުން ނުރައްކާތެރި އަސަރެއް ކުރިނަމަ، އެކަން ގައުމީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ނުވަތަ ނޭޝަނަލް ފާމަކޯވިޖިލެންސް ސެންޓަރަށް ރިޕޯޓުކުރުމަށެވެ. އަދި މި ބޭސްތައް ބޭނުންނުކުރުމަށާއި، ބޭނުންކޮށްފައިވާނަމަ ވަގުތުން ސިއްހީ އެހީ ހޯދުމަށް ވެސް ވަނީ އިލްތިމާސްކޮފައެވެ.


މިކަމާ ގުޅިގެން ރާއްޖޭގެ ޑްރަގް އޮތޯރިޓީން ވެސް ވަނީ އިންޒާރު ނެރެ، މި ތިން ކަފް ސިރަޕް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށްފައެވެ. ޑްރަގް އޮތޯރިޓީން ބުނެފައިވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބުލިއުއެޗްއޯ) އިން ދީފައިވާ އިންޒާރަށް ރިއާޔަތްކޮށް، ރާއްޖޭގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މިފަދަ ބޭސްތައް ބޭނުންނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ބޭސްތައް ރާއްޖޭގެ ބާޒާރުގައި ވިއްކާ ނުވަތަ ބޭނުންކުރާ ނަމަ، އެކަން ޑްރަގް އޮތޯރިޓީއަށް ރިޕޯޓުކުރުމަށް ވެސް ވަނީ އެދިފައެވެ.