ޗައިނާއަށް ޖާސޫސްކޮށްދިނުމުގެ ތުހުމަތުގައި އެމެރިކާގެ އެޑްވައިޒަރަކު ހައްޔަރުކޮށްފި
އެމެރިކާ ސަރުކާރަށް ޚާރިޖީ ކަންކަމުގައި، ޚާއްސަކޮށް އިންޑިއާއާ އެކު އޮންނަ ގުޅުންތަކާ މެދު ލަފާދެއްވަމުން ގެންދެވި މަޝްހޫރު އިލްމީ ތަޖުރިބާކާރު އޭޝްލީ ޓެލިސް، ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
މިކަމުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލުގެ މައްޗަށް އަލުން އަލިއަޅުވައިލެވި، ސިއްރު މައުލޫމާތުތައް ރައްކާތެރިކުރުމުގެ މުހިންމުކަން އެމެރިކާ އޮފިޝަލުންގެ މެދުގައި ދަނީ ބަހުސްތައް ކުރެވެމުނެވެ.
އުމުރުން 64 އަހަރުގެ ޓެލިސްއަކީ ވޮޝިންޓަންގެ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެމެރިކާގެ ސަރުކާރަށް، ޚާއްސަކޮށް ދިފާއީ އަދި ޚާރިޖީ ސިޔާސަތުތަކުގައި ޚިދުމަތްކުރައްވާފައެވެ. އޭނާގެ ހައްޔަރުވުމަކީ އެމެރިކާގެ ސަލާމަތީ އިދާރާތަކަށް ލިބުނު ބޮޑު ލަދުވެތި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ޓެލިސްގެ މިފަދަ އަމަލެއްގެ ސަބަބުން އެމެރިކާގެ ސިއްރު އިތުރު މައުލޫމާތުތައް ބޭރު ގައުމަކަށް ލިބުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ޓެލިސްގެ ގެ ފާސްކުރި އިރު އެތައް ހާސް ސިއްރު ޑޮކިއުމެންޓްތަކެއް ފެނިފައިވެއެވެ. މި ޑޮކިއުމެންޓްތަކުގެ ތެރޭގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޕްރިންޓުކޮށްފައިވާ ސިއްރު ޑޮކިއުމެންޓެއް ވެސް ހިމެނެއެވެ. ޓެލިސް މަސައްކަތް ކުރަމުން ދިޔައީ މުސާރަ ނުލިބޭ ގޮތުގައި ކަމަށް ވެއެވެ.
ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، ޓެލިސް ވަނީ ވާޖީނިއާގެ ފެއާފެކްސްގައި ހުންނަ ރެސްޓޯރެންޓެއްގައި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާ އެތައް ފަހަރަކު ސިއްރު ބައްދަލުވުންތަކެއް ބާއްވާފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން އެއް ރޭގަނޑެއްގެ ކެއުމަށްފަހު، ޓެލިސް ބޮޑު ސިޓީ އުރައެއް ހިފައިގެން ރެސްޓޯރެންޓަށް ވަދެ، ނިކުންނައިރު އެ ސިޓީ އުރަ އޭނާގެ އަތުގައި ނެތް ކަމަށް ހެކިބަހުގައިވެއެވެ.
މިފަދަ ހާދިސާތަކަކީ އެމެރިކާ އާއި ޗައިނާގެ ދެމެދުގައި ކުރިއަށްދާ ސިއްރު ޖާސޫސީ ހަނގުރާމައިގެ ހަގީގަތް ހާމަކޮށްދޭ ކަންކަމެވެ. ދުނިޔޭގެ ދެ ބޮޑެތި ބާރުތަކަށް ވާތީ، މި ދެ ގައުމުގެ ދެމެދުގައި ސިއްރު މައުލޫމާތުތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑެވެ. އެމެރިކާއިން ޗައިނާގެ ހަނގުރާމަވެރި ބާރުގެ ކުޅަދާނަކަމާއި، އިގްތިސާދީ ކުރިއެރުންތަކާއި، ސިޔާސީ ނިޔަތްތަކާ ބެހޭ މައުލޫމާތު ހޯދަން ބޭނުންވާއިރު، ޗައިނާއިން ބޭނުންވަނީ އެމެރިކާގެ އަސްކަރީ ސިއްރުތަކާއި، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، ސިޔާސަތުތަކާ ބެހޭ މައުލޫމާތެވެ.
Ads by MACL
