ކެންޔާގެ ކުރީގެ ބޮޑުވަޒީރު އޮޑިންގާ އަވަހާރަވެއްޖެ
ކެންޔާގެ ކުރީގެ ބޮޑުވަޒީރު އަދި އެގައުމުގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ޝަޚުސިއްޔަތެއް ކަމަށްވާ ރައިލާ އޮޑިންގާ، އުމުރުފުޅުން 80 އަހަރުގައި އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ އިންޑިއާގައި ހުންނަ ހޮސްޕިޓަލެއްގައި ބޭސްފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ހާޓް އެޓޭކެއް ޖެހިގެން ކަމަށް އާއިލާއާ ހަވާލާދީ ބީބީސީން ރިޕޯޓްކޮށްފައިވެއެވެ.
އަވަހާރަވީ އިއްޔެ ހެނދުނު ހިނގާލައްވަން ނިކުމެވަޑައިގަންނަވަނިކޮށް ކަމަށާއި، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ އަވަހާރަވެފައިވާ ކަމަށް ބީބީސީގެ ރިޕޯޓުގައި ވެއެވެ.
މީގެ ކުރިން އޭނާގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް، އާއިލާގެ މެމްބަރުންނާއި ސިޔާސީ އެކުވެރިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
ރައިލާ އޮޑިންގާ އަވަހާރަވުމާ ގުޅިގެން ކެންޔާގެ ސިޔާސީ ބޭފުޅުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުން ދަނީ ތައުޒިޔާ ފޮނުވަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އޮޑިންގާ އަކީ އިންޑިއާގެ ލޯބިވާ އެކުވެރިއެއް ކަމަށް ސިފަކުރައްވާފައެވެ. ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ވަނީ ނައިރޯބީގައި ހުންނަ އޮޑިންގާގެ އާއިލާގެ ގެއަށް ޒިޔާރަތްކުރައްވައި، އޭނާގެ ހުވަފަތް އަނބިކަނބަލުން ޚަވާރިޖާ އައިޑާ އޮޑިންގާ އާއި އާއިލާގެ އެހެން މެމްބަރުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.
Ads by BMLއޮޑިންގާގެ ވަކިވެދިއުމާއެކު، އޭނާގެ ސިޔާސީ ބާރު ގަދަ ހުޅަނގު ކެންޔާ އަދި ނައިރޯބީގެ ބައެއް ހިސާބުތަކުގައި އޭނާއަށް ތާއީދުކުރާ އެތައް ބަޔަކު ވަނީ މަގުމައްޗަށް ނިކުމެ، ހިތާމަ ފާޅުކޮށްފައެވެ.
ކެންޔާގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެއް ކަމަށްވާ އޮޑިންގާ ވަނީ ފަސް ފަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. ކޮންމެ ފަހަރަކުވެސް އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް އޭނާ ދެކޮޅު ހެއްދެވިއެވެ.
2017 ވަނަ އަހަރުގެ އިންތިޚާބަށް ފަހު ކެންޔާގެ އެންމެ މަތީ ކޯޓުން ވަނީ އުހޫރޫ ކެންޔާޓާގެ ކާމިޔާބީ ބާތިލްކަމަށް ކަނޑައަޅައި، އާ އިންތިޚާބެއް ބޭއްވުމަށް ގޮވާލައި އޮޑިންގާއަށް ތާއީދުކޮށްފައެވެ. ނަމަވެސް، އޮޑިންގާ ވަނީ އިންތިޚާބު އިސްލާހުކުރުމަށް ޑިމާންޑްކުރައްވައި، ދެވަނަ ބުރު ބޮއިކޮޓްކުރައްވާފައެވެ.
2007 ވަނަ އަހަރުގެ އިންތިޚާބަކީ އޮޅުވާލާފައިވާ އިންތިޚާބެއް ކަމަށް އޮޑިންގާ ވިދާޅުވެފައިވާއިރު، އެއީ ކެންޔާގެ ތާރީޚުގައިވެސް އެންމެ ހަލަބޮލިކަން އުފެދުނު އިންތިޚާބެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން 1,200 އަށް ވުރެ ގިނަ މީހުން މަރުވެ، ގާތްގަނޑަކަށް 600,000 މީހުން ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވިއެވެ. މި ދަތިކަން ހައްލުކުރުމަށް އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާންގެ ބެލުމުގެ ދަށުން، އެއްބަސްވުމެއް ހެދި، އެއްބައިވަންތަ ސަރުކާރެއް އުފެދި، އޮޑިންގާ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިއެވެ.
2022 ވަނަ އަހަރުގެ އިންތިޚާބުން ބަލިވެވަޑައިގަތުމަށް ފަހު، އޭނާ ވަނީ ރައީސް ވިލިއަމް ރޫޓޯއާ ގުޅިވަޑައިގެން، އޭނާގެ އެކުވެރިންނަށް ބައެއް މުހިންމު މަގާމުތައް ހޯއްދަވައިދެއްވާފައެވެ.
ޑިމޮކްރެޓިކް މިނިވަންކަމާއި އިންސާނީ ހައްގުތަކަށް ކެރިގެން ގޮވާލެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ އޮޑިންގާ އަކީ ކުރީގެ ސިޔާސީ ގައިދީއެކެވެ. ކެންޔާގައި އެންމެ ގިނަ ދުވަހު ސިޔާސީ ގޮތުން ބަންދުކޮށްފައި ހުރި މީހާގެ ރެކޯޑްވެސް އޮތީ އޭނާގެ އަތްޕުޅުގައެވެ. އޭނާ ޖަލަށް ލެވުނީ ޑޭނިއަލް އަރަޕް މޮއިގެ ވެރިކަމުގައި، އެއް ޕާޓީއެއްގެ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް އޭނާ ކުރެއްވި މަސައްކަތާ ގުޅިގެންނެވެ.
Ads by MACL
