ރަފަހް ބޯޑަރު ނުހުޅުވަން އިސްރާއިލުން ބަހަނާދައްކަނީ
ޣައްޒާއާއި މިޞްރާ ދެމެދުގައިވާ ރަފަޙް ހުރަސް ހުޅުވުމަށް އިސްރާއީލުން ވައުދުވެފައިވީ ނަމަވެސް، ޙަމާސްއާ ހެދި އެކަން ފަސްވަމުންދާ ކަމަށް ބުނެ އިސްރާއީލުން ބަހަނާ ދައްކަމުން އެބަދެއެވެ. 2024 ވަނަ އަހަރުގެ މެއި މަހުން ފެށިގެން މި ހުރަސް ބަންދުކޮށްފައިވާއިރު، ފެބުރުއަރީ މަހުގެ ތެރޭގައި ބައެއް ބަލި މީހުންނަށް މިޞްރަށް ވަނުމުގެ ފުރުޞަތު ދީފައިވެއެވެ. ހުރަސް އަލުން ހުޅުވާނެ ކަމަށް އިސްރާއީލުން ބުނި ނަމަވެސް، ހުޅުވާނެ ވަކި ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންދިޔަ ލާއިންސާނީ ޙަމަލާތައް ދެ އަހަރަށް ފަހު ހުއްޓާލާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި އިސްރާއީލާ ދެމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް ދައުރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
އެއްބަސްވުމުގެ ދަށުން ދެ ފަރާތުން އަސީރުންނާއި ޤައިދީން ބަދަލުކުރުމާއި، ދެ ބައި މީހުންގެ ބެލުމުގެ ދަށުގައި މަރުވެފައިވާ މީހުންގެ ހަށިތައް ރައްދުކުރުން ހިމެނެއެވެ. ނަމަވެސް ޙަމާސްއިން ބުނާ ގޮތުގައި، ބައެއް ހަށިތައް ވަޅުލާފައިވަނީ ބިންގަރާސްތަކުގައި ކަމަށްވުމާއި، އިސްރާއީލުގެ ޙަމަލާތަކުގައި ބައެއް ބިންގަރާސްތައް ސުންނާފަތިވެފައިވާތީ އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ބައެއް ބިންގަރާސްތައް ހުރުމުން ހަށިތައް ހޯދައި ނެގުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެ މަސައްކަތް ކުރުމަށް ކޮންނަ މެޝިނުތައް ފަދަ ތަފާތު މެޝިންތައް ބޭނުންވާ ކަމަށްވެސް ޙަމާސްއިން ބުނެފައިވެއެވެ. ޙަމާސްއިން މިހާތަނަށް 10 ހަށިގަނޑު ރައްދުކޮށްފައިވާއިރު، އަދި އިތުރު 19 ހަށިގަނޑު ރައްދުކުރަން ޖެހެއެވެ. އެ ޖަމާޢަތުން ބުނީ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށް ހަށިތައް ރައްދުކުރާނެ ކަމަށެވެ.
Ads by BMLއޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ޙަމާސްއިން ވަނީ އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެ، އެއްބަސްވުން ޤާއިމްކުރި ފަހުން ފަލަސްޠީނުގެ 24 ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެފައިވާ ޙާލަތްތައް ބަޔާންކޮށް، އެއްބަސްވުން އެކުލަވާލުމުގައި އެހީތެރިވި ޤައުމުތަކަށް އެ ލިސްޓު ފޮނުވާފައިވާ ކަމަށް ޙަމާސްއިން ބުނެއެވެ.
ޣައްޒާގެ އިދާރާތަކުން ބުނި ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް އިސްރާއީލުން ޚާން ޔޫނިސްއަށް ދިން ޙަމަލާއެއްގައި ދެ މީހުން ޝަހީދުވެފައިވާއިރު، ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހަތް މީހުން ޝަހީދުވެފައިވެއެވެ. ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކުގައި އިސްރާއީލުގެ ޑްރޯންތަކާއި އަސްކަރީ މަތިންދާބޯޓު ޙަރަކާތްތެރިވެފައިވެއެވެ.
Ads by MACL
