މައްކާގައި ހައްޖާޖީންނަށް ޚާއްސަ ޒަމާނީ ބޮޑު މަޝްރޫއެއް، "ކިންގް ސަލްމާން ގޭޓް"ގެ ނަމުގައި އިފްތިތާހުކޮށްފި
މައްކާގައި ހައްޖާޖީންނަށް ޚާއްސަ ޒަމާނީ ބޮޑު މަޝްރޫއެއް، "ކިންގް ސަލްމާން ގޭޓް"ގެ ނަމުގައި އިފްތިތާހުކޮށްފިއެވެ.
މާތްވެގެންވާ މައްކާގެ ހަރަމްފުޅާ ޖެހިގެން، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް ޚާއްސަކޮށްގެން ބޮޑެތި ޒަމާނީ ބިނާތަކެއް އެޅުމުގެ މި މަޝްރޫއަކީ، 2030 ގެ ތަރައްގީގެ ތަސައްވުރުގެ ދަށުން ސައުދީ ސަރުކާރުން ހިންގާ "ޕިލިގްރިމް އެކްސްޕީރިއެންސް ޕްރޮގްރާމް" ގެ މުހިންމު ބައެކެވެ. މިއީ ހައްޖާޖީންނަށް ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ސައުދީ ސަރުކާރުން ކުރާ ބޮޑު އިންވެސްޓްމެންޓެކެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުރާސްފަތި ދުވަހު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި ބިނާތަކުގެ ޖުމްލަ ފްލޯ އޭރިއާ 12 މިލިޔަން އަކަ މީޓަރަށް އަރާނެއެވެ. ސައުދީ އަރަބިއްޔާގެ ޑީފެކްޓޯ ލީޑަރު، އަމީރު މުހައްމަދު ބިން ސަލްމާން އާލް ސުއޫދު، ރުއުޔާ އަލް ހަރަމް އަލްމައްކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ ހައިސިއްޔަތުން މި މަޝްރޫއު އިއުލާނުކުރެއްވީ، މައްކާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުންނެވެ.
Ads by BMLމި މަޝްރޫއުގެ ދަށުން، ގިނަ އަދަދެއްގެ އުސް އިމާރާތްތައް ގާއިމްކުރެވޭނެއެވެ. މި އިމާރާތްތަކުގައި ހައްޖާޖީންނަށް ނިދައި ކައިބޮއި އުޅޭނެ ޒަމާނީ ވަސީލަތްތަކާއި، އެތެރޭގައި އަދި ބޭރުގައި ނަމާދުކުރާނެ ބޮޑު ސަރަހައްދުތައް ހިމެނޭނެއެވެ. އެސްޕީއޭގެ ރިޕޯޓުގައިވާ ގޮތުން، ނަމާދުކުރަން ޚާއްސަކުރާ ބައިތަކުގައި އެއްފަހަރާ 900,000 މީހުންނަށް ނަމާދުކުރެވޭނެއެވެ.
މީގެ އިތުރުން، މައްކާއަށް ދަތުރުކުރުމަށް ގާއިމްކޮށްފައިވާ އާންމު ދަތުރުފަތުރުގެ ނިޒާމަށް ފަސޭހައިން ދެވޭ ގޮތަށް މި ސަރަހައްދު ތަރައްގީކުރެވޭނެއެވެ. އިމާރާތްތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފައްކާކުރި ނަމަވެސް، މައްކާގެ ގަދީމީ ތަރިކައިގެ ސިފަތައް ނުގެއްލޭ ގޮތަށް ފަރުމާކުރެވޭނެކަމަށް ވެސް އެސްޕީއޭއިން ބުނެއެވެ. މި ބިޔަ މަޝްރޫއުގެ ސަބަބުން 300,000 އާ ވަޒީފާ އުފެދޭނެކަމަށް ލަފާކުރެވެއެވެ.
މި ބޮޑު މަޝްރޫއުއިން މައްކާގެ އުމްރާނީ ތަރައްގީއަށް އައު ހަލުވިކަމެއް ގެނެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ހައްޖާޖީންނަށް ޚިދުމަތް ދިނުމުގެ ފެންވަރު އިތުރުކުރާނެ ކަމަށް ލަފާކުރެވެއެވެ.
Ads by MACL
