ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ނަތަންޔާހޫ ހައްޔަރުކުރުމުގެ އައިސީސީ އަމުރަށް އިޒްރޭލުން ހުށަހެޅި އިސްތިއުނާފް ބޭރުކޮށްލައިފި

ނަތަންޔާހޫ ހައްޔަރުކުރުމުގެ އައިސީސީ އަމުރަށް އިޒްރޭލުން ހުށަހެޅި އިސްތިއުނާފް ބޭރުކޮށްލައިފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގެލަންޓް ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރެފައިވާ އަމުރު އިސްތިއުނާފުކުރުމަށް އިޒްރޭލުން ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ. ޣައްޒާގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ނެރުނު މި އަމުރާމެދު އިޒްރޭލުން ދެކޮޅު ހެދި ނަމަވެސް، އައިސީސީން ވަނީ މި މައްސަލަ އިސްތިއުނާފުކުރެވޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ނިންމާފަ އެވެ.

އައިސީސީން މިދިޔަ ނޮވެމްބަރު މަހު ނަތަންޔާހޫ އާއި ގެލަންޓް ހައްޔަރުކުރުމަށް އަމުރު ނެރުނީ، ޣައްޒާގައި ހިންގާ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފް އަމަލުތަކުގެ ޒިންމާ އެ ދެ ބޭފުޅުން ގާނޫނީ ގޮތުން އުފުލަންޖެހޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތައް ހުރުމުންނެވެ. މި އަމުރު ނެރުމާއެކު، ހަމާސް ޖަމާއަތުގެ އިސް މެންބަރަކު ހައްޔަރުކުރުމަށް ވެސް އައިސީސީން އަމުރު ނެރެފައިވެ އެވެ. ނަމަވެސް، އެ ލީޑަރުން މިހާރު ދުނިޔޭގައި ނެތްކަން ކަށަވަރުވުމުން މިހާރު ވަނީ އެ އަމުރުތައް ބާތިލްކޮށްފަ އެވެ.

މިދިޔަ މެއި މަހު އިޒްރޭލުން ފުރަތަމަ ހުށަހެޅީ އަމުރު ބާތިލްކުރުމަށް އެދި އެވެ. އަދި ވެރިން ހައްޔަރުކުރުމުގެ އަމުރަކީ އައިސީސީގެ އިހްތިސާސުން ބޭރުން ނިންމި ނިންމުމެއް ކަމަށް ބުނެ ވަކި މައްސަލައެއް ވެސް ހުށަހެޅި އެވެ. ޖުލައި މަހުގެ 16 ވަނަ ދުވަހު އައިސީސީން ނިންމީ ކޯޓުގެ އިހްތިސާސާ މެދު ސުވާލު އުފައްދައި ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، އަމުރު ބާތިލްކުރުމާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. އެހެންވެ، އެ ހުށަހެޅުން ވެސް ކޯޓުން ބޭރުކޮށްލީ އެވެ.

އޭގެ ހަފްތާއެއް ފަހުން އިޒްރޭލުން އަނެއްކާ ވެސް އަމުރުގެ މައްސަލަ އިސްތިއުނާފުގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެވެ. ނަމަވެސް، އައިސީސީން މިފަހަރު ނިންމި ނިންމުމުގައި ބުނެފައިވަނީ "އިޒްރޭލުން ސިފަކޮށްފައިވާ ގޮތަށް، އެއީ އިސްތިއުނާފުކުރެވޭ ބާވަތުގެ މައްސަލައެއް ނޫން" ކަމަށެވެ. "އެހެންވެ، މި ހުށަހެޅުން ބަލައި ނުގަތުމަށް ފަނޑިޔާރުން ނިންމެވީ" ކަމަށް 13 ސަފުހާގެ ހުކުމުގައިވެ އެވެ.

މި މައްސަލަ މިގޮތަށް ނިންމި ނަމަވެސް، ކޯޓުގެ އިހްތިސާސާ މެދު ހުށަހެޅި މައްސަލަ ކުރިއަށް ގެންދާނެ އެވެ. މިދިޔަ ނޮވެމްބަރު މަހު އެ ކޯޓުން ފުރަތަމަ އަމުރު ނެރުމާއެކު އިހްތިސާސްގެ މައްސަލަ އިޒްރޭލުން އިސްތިއުނާފަށް ހުށަހެޅި އެވެ. އެކަމަކު ކޯޓުން ފުރަތަމަ ނިންމީ އެ ހުށަހެޅުން ބަލައިނުގަތުމަށެވެ. ނަމަވެސް އައިސީސީގެ އިސްތިއުނާފް މަޖިލީހުން ފަހުން ވަނީ ޕްރީ-ޓްރަޔަލް ޗެމްބަރުގެ އެ ނިންމުން ގޯސް ކަމަށް ކަނޑައަޅައި މައްސަލަ ބަލަން ނިންމައިފަ އެވެ. އެކަމަކު މި މައްސަލައިގެ ހުކުމް ކުރާނެ އިރެއް އަދި ނޭނގެ އެވެ.

އިޒްރޭލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރަކީ ޔަހޫދީންނާ ދެކޮޅު، އިންސާފުން އެއްކިބާވެފައިވާ ނިންމުމެއް ކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުން ގެންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އެމެރިކާއިން ވަނީ އައިސީސީގެ އިސް ބައެއް ޕްރޮސިކިއުޓަރުންނާ ދެކޮޅަށް މި މައްސަލައިގައި ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ.