ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޣައްޒާގެ ގޭންގުތަކާ ދެކޮޅަށް ހަރަކާތްތެރިވާނަމަ ހަމާސް ނައްތާނާލެ ކަމަށް ޓްރަމް ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ---
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ---

ޣައްޒާގައި ހަރަކާތްތެރިވާ ގޭންގުތަކަށާއި އިސްރާއީލާ އެއްބާރުލުންދޭ ފަރާތްތަކަށް ހަމާސް ޖަމާއަތުން ހަމަލާދިނުން ހުއްޓާނުލައިފިނަމަ، އެ ޖަމާއަތް "ނައްތާލާނެ" ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

މި އިންޒާރު ޓްރަމްޕް ދިނީ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. "ހަމާސްއިން ޣައްޒާގައި މީހުން މެރުން ނުހުއްޓާނަމަ، އެއީ އެއްބަސްވުމެއް ނޫން، އަހަރެމެންނަށް އެމީހުންގެ ތެރެއަށް ވަދެ އެމީހުން މަރާލުން ނޫން އެހެން އިޚްތިޔާރެއް ނޯންނާނެ،" ޓްރަމްޕް ލިޔެފައިވެއެވެ.

އެހެންނަމަވެސް، ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ވަނީ މި އިންޒާރު އިތުރަށް ސާފުކޮށްދީފައެވެ. "އެމެރިކާގެ ސިފައިން ޣައްޒާއަށް ނުވަންނާނެ، ނަމަވެސް "އަހަރެމެންގެ ބެލުމުގެ ދަށުން" އެކަން ކުރުމަށްޓަކައި "އެތަނާ ވަރަށް ކައިރީގައި ތިބި ބަޔަކު" އެކަން ވަރަށް ފަސޭހައިން ކޮށްދޭނެ،" ޓްރަމްޕް ބުނެފައިވެއެވެ. ޓްރަމްޕް މި އިޝާރާތް ކުރީ އިސްރާއީލަށް ކަމަށް ބެލެވެއެވެ.

ޓްރަމްޕްގެ މި އިންޒާރުތަކަކީ، މި ހަފްތާގެ ކުރީކޮޅު އޭނާ ދެއްކި ވާހަކަތަކާ ޚިލާފު ބުނުން ތަކެކެވެ. ކުރިން ޓްރަމްޕް ބުނީ ، ޣައްޒާގެ ގޭންގުތަކާ ދެކޮޅަށް ހަމާސްއިން އަޅާ ފިޔަވަޅުތަކާ މެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ. "އެމީހުން ވަރަށް ނުބައި، ވަރަށް ނުބައި ގޭންގުތަކެއްގެ ބަޔަކު ނެތިކޮށްލި. އަދި އެމީހުން ގޭންގުގެ ބައެއް މެންބަރުން މަރާލި. ތެދަށް ބުނާނަމަ އެކަމަކާ އަހަރެން މާ ބޮޑަކަށް ކަންބޮޑެއްނުވޭ. އެއީ ރަނގަޅު ކަމެއް،" އަންގާރަ ދުވަހު ޓްރަމްޕް ނޫސްވެރިންނަށް ބުންޏެވެ.

ހަމާސްއާ ގުޅުންހުރި ސިފައިންނާއި، އިންސާނީ އެހީތެރިކަން ފޭރިގަތުމާއި އިސްރާއީލަށް އެއްބާރުލުންދިނުމުގެ ތުހުމަތުކުރެވޭ ހަތިޔާރުއެޅި ޢާއިލީ ގޭންގުތަކާ ދެމެދު ޣައްޒާގައި ވަނީ ހަމަލާތަކެއް ހިނގާފައެވެ. މި ހަމަލާތަކަށްފަހު، ޣައްޒާގެ އެތެރޭގެ ވުޒާރާއިން ވަނީ ހަމަލާތަކުގައި ބައިވެރިނުވާ ގޭންގު މެންބަރުންނަށް އާންމު މަޢާފެއް ދީފައެވެ.
މީގެ އިތުރުން، ޓްރަމްޕް ހަމާސްއަށް އިންޒާރު ދިން އަނެއް މައްސަލައަކީ ހަތިޔާރު ބެހެއްޓުމުގެ މައްސަލައެވެ. ޓްރަމްޕްގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނުގެ ދަށުން، ހަމާސްއިން ހަތިޔާރު ބަހައްޓައި، ޣައްޒާގެ ވެރިކަމުގައި އެއްވެސް ދައުރެއް ނުނެގުމަށް އެދިފައިވެއެވެ.

"އެމީހުން ހަތިޔާރު ބަހައްޓާނެ، އަދި އެމީހުން އެކަން ނުކޮށްފިނަމަ، އަހަރެމެން އެމީހުންގެ އަތުން ހަތިޔާރު ނަގާނެ، އަދި އެކަން ވަރަށް އަވަހަށް އަދި ބައެއް ފަހަރު އަނިޔާވެރިކަމާއެކު ވެސް ހިނގައިދާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
މި އިންޒާރުތަކަކީ، ޓްރަމްޕްގެ މެދުވެރިކަމުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެމިއޮތުމާ މެދު ސުވާލު އުފައްދާ ކަމެކެވެ. އެއްބަސްވުމަށްފަހު ވެސް އިސްރާއީލުން ވަނީ ތަކުރާރުކޮށް ޤަވާއިދާ ޚިލާފުވެ، ޕަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ.