ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފި
އިސްރާއީލުގެ ކަނާތު ފިޔައިގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން-ގްވިރް، ޣައްޒާއަށް އަލުން ހަމަލާތައް ފެށުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލައްވާފައިވަނިކޮށް، ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފިއެވެ. މިކަމާ ގުޅިގެން ހަމާސް އާއި އިސްރާއީލާ ދެމެދު ވަރުގަދަ ހަމަލާ ބަދަލު ކުރުންތަކެއްވެސް ހިނގާފައި ވެއެވެ.
ނަތަންޔާހޫގެ ސަރުކާރު ދަމަހައްޓަމުން އަންނަ ކަނާތު ފިޔައިގެ ކޯލިޝަނަށް ނިސްބަތްވާ ބެން-ގްވިރް ވިދާޅުވެފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހަނގުރާމައިގެ އޮޕަރޭޝަންތައް ފުރިހަމައަށް ފެށުން މުހިންމު ކަމަށެވެ. މީގެ ކުރިންވެސް އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާތަކުގެ ތެރެއިން، ހަމާސްގެ ސެކިއުރިޓީ ފޯސް ކަމަށްވާ ރަޑެއާއިން ވަނީ އިސްރާއީލުގެ ރަފާހްގައި ހަރަކާތްތެރިވާ އިސްރާއީލަށް ވާގިވެރިވާ ގްރޫޕެއް ކަމަށްވާ ޔަސީރް އަބޫ ޝަބާބް ގްރޫޕަށް އަމާޒުކޮށް ކުއްލި ހަަމަލާއެެއް ދީފައެވެ. މި ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިސްރާއީލުގެ އަސްކަރީ ވެހިކަލެއް، އެ ގްރޫޕަށް ހިމާޔަތް ދިނުމަށް އައިސްފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ. މިކަމާ ގުޅިގެން އިސްރާއީލުގެ ސިފައިންނާއި ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ބަޑީގެ ހަމަލާތަކެއް ބަދަލުވި އިރު، އެ ގްރޫޕަށް ހިމާޔަތް ދިނުމަށް އެ ސަރަަހައްދަށް ބޮންވެސް އެޅި ކަމަށް ވަނީ ރިޕޯޓްކުރެވިފައެވެ.
Ads by BMLމި ހަމަލާ ބަދަލު ކުރުންތަކުގެ ތެރެއިން ހަމާސްގެ ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ އަސްކަރީ ވެހިކަލެއް ގޮއްވާލާފައެވެ. މި ހަމަލާގައި ދެ މީހަކު މަރުވެ، 4 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާއަށް ފަހު ނަތަންޔަހޫ މަޝްވަރާތަކެއް ކުރިއަށް ގެންދެވި ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ޣައްޒާއަށް ހަމަލާ ދޭން ނިންމެވި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައިވާގޮތުގައި، ޣައްޒާގެ ގަތުލުއާންމު ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު އިސްރާއީލުން ވަނީ 47 ފަހަރެއްގެ މަތިން، އެއްބަސްވުމާ ހިލާފުވެފައެވެ. އަދި އެ މުއްދަތުގައި ޣައްޒާއިން 38 މީހަކު ޝަހީދުކޮށްލިއިރު، 143 މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.
Ads by MACL
