ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހޮންކޮންގް އެއާޕޯޓުގައި ކާގޯ ބޯޓެއް ރަންވޭއިން ކައްސާލައި ހިނގި ހާދިސާގައި، ދެ މީހަކު މަރުވެއްޖެ

ބޯޓް ކަހާލި ހާދިސާ ހިނގިއިރު އެތާއޮތް އެހެން އުޅަނދެއްގައި ތިބި ދެމީހަކުވެސް ވަނީ ވިއްސައިގެން ގޮސް މޫދަށް ވެއްޓިފައި ---
ބޯޓް ކަހާލި ހާދިސާ ހިނގިއިރު އެތާއޮތް އެހެން އުޅަނދެއްގައި ތިބި ދެމީހަކުވެސް ވަނީ ވިއްސައިގެން ގޮސް މޫދަށް ވެއްޓިފައި ---

ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއިން ކާގޯ ބޯޓެއް ކައްސާލައި، މޫދަށް ވެއްޓި ހިނގި ހާދިސާގައި ދެ މީހަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:50 ހާއިރު (ޖީއެމްޓީން އާދީއްތަ ދުވަހުގެ 19:50) އެވެ.

ދުބާއީން އައި ބޯއިން 747 ކާގޯ ބޯޓެއް، ރަންވޭގައި ޖެއްސުމުގެ ތެރޭގައި ކައްސާލައި ވަނީ މޫދަށް ވެއްޓިފައެވެ. ހާދިސާ ހިނގި ވަގުތު ބޯޓުގެ ކައިރީގައި އޮތް އިތުރު ވެހިކަލެއްގައި ތިބި ދެ މީހަކު މަރުވެފައިވާ ކަމަށް ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ވަނީ ރިޕޯޓުކޮށްފައެވެ. ބޯޓުގައި ތިބި ހަތަރު ކްރޫ މެންބަރުން ސަލާމަތްކުރެވިފައިވާ ކަމަށް ހޮންކޮންގް އެއާޕޯޓުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ދުނިޔޭގެ އެންމެ ބާރުބޮޑު ކާގޯ އެއާޕޯޓުގެ އުތުރު ރަންވޭ ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ދެކުނު އަދި މެދު ރަންވޭ ބޭނުންކުރަމުންދާނެ ކަމަށް އެއާޕޯޓުން ވަނީ ހާމަކޮށްފައެވެ. ހޮންކޮންގްގެ ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން ބުނެފައިވަނީ، ބޯޓު ރަންވޭއިން ކައްސާލައި މޫދަށް ވެއްޓުނުއިރު، ދެ ގްރައުންޑް ސްޓާފުން ކަނޑަށް ވެއްޓިފައިވާ ކަމަށާއި، އެމީހުންގެ ހާލަތު ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމިރޭޓްސް އިން ބުނެފައިވަނީ، EK9788 ނަންބަރު ފްލައިޓަށް ހޮންކޮންގަށް ޖެއްސުމުގެ ތެރޭގައި ގެއްލުންވެފައިވާ ކަމަށާއި، މިއީ އޭސީޓީ އެއާލައިންސް އިން ކުއްޔަށް ހިފައިގެން އެމިރޭޓްސް އިން އޮޕަރޭޓްކުރާ ބޯއިން 747 ކާގޯ ބޯޓެއް ކަމަށެވެ.

ބޯޓުގައި ކާގޯއެއް ނެތް ކަމަށާއި، ކްރޫ މެންބަރުން ސަލާމަތްވެފައިވާ ކަމަށް އެމިރޭޓްސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ހާދިސާ ހިނގި ބޯޓަކީ 32 އަހަރުވެފައިވާ ބޯޓެއް ކަމަށާއި، މީގެ ކުރިން މީހުން އުފުލާ ބޯޓެއްގެ ގޮތުގައި މިބޯޓް ބޭނުންކޮށްފައިވާ ކަމަށް ފްލައިޓް ޓްރެކިންގ ސަރވިސް ފްލައިޓްރާޑަރ24 އިން ބުނެއެވެ.