ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސަޢޫދީގެ މުފްތީކަމުގެ ޒިންމާ މަޝްހޫރު ޢިލްމުވެރިޔާ ޝައިޚް ފައުޒާންއާ ހަވާލުކޮށްފި

ސަޢޫދީގެ މުފްތީކަމުގެ ޒިންމާ މަޝްހޫރު ޢިލްމުވެރިޔާ ޝައިޚް ފައުޒާންއާ ހަވާލުކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ އިސް މުފްތީގެ ޒިންމާދާރު މަގާމު، އެ ގައުމުގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޑރ. ސާލިހް ބިން ފައުޒާން ބިން ޢަބްދުﷲ އަލް ފައުޒާންއާ ހަވާލުކޮށްފިއެވެ. އެމަނިކުފާނު މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ޝާހީ ޚާއްސަ ގަރާރަކުންނެވެ.

އުމުރުފުޅުން 90 އަހަރުގެ ޝައިޚް ފައުޒާން މިމަގާމަށް ކަނޑައެޅުއްވީ، ކުރީގެ މުފްތީ ޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ އާލް ޝައިޚް މިދިޔަ މަހު އަވަހާރަވުމާ ގުޅިގެން ހުސްވި މަގާމަށެވެ. ސަޢޫދީގެ ރަސްމީ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، މި އައްޔަންކުރުމަކީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ހުށަހެޅުއްވުމަކަށް ރަސްގެފާނު ނެރުއްވި ޝާހީ ގަރާރެކެވެ.

މުފްތީގެ މަގާމުގެ އިތުރުން، ޝައިޚް ފައުޒާން ވަނީ "ކައުންސިލް އޮފް ސީނިއާ ސްކޮލާސް" ގެ ޗެއާމަންގެ މަގާމަށާއި، "ޖެނެރަލް ޕްރެޒިޑެންސީ ފޯ ސްކޮލާލީ ރިސާޗް އެންޑް އިފްތާ" ގެ ރައީސްގެ މަގާމަށް ވެސް އައްޔަން ކުރައްވާފައެވެ. މި ހުރިހާ މަގާމެއް ވެސް އެމަނިކުފާނު އަދާކުރައްވާނީ ވަޒީރެއްގެ ފެންވަރުގައި ކަމަށް ޝާހީ ގަރާރުގައިވެއެވެ.

ޝައިޚް ފައުޒާންއަކީ ދިގު މުއްދަތެއްގައި ތަޢުލީމީ އަދި ޢިލްމީ ދާއިރާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޝަރީޢާ އެންޑް ލޯ އިން މާސްޓާސް ޑިގްރީ ހާސިލުކުރެއްވިއިރު، އެމަނިކުފާނު ޚާއްސަވެވަޑައިގަތީ އިސްލާމީ ވާރުތަ މުދަލުގެ ޢިލްމުންނެވެ. އަދި ޕީއެޗްޑީ ހާސިލުކުރެއްވީ އިސްލާމްދީނުގައި ކާބޯތަކެތީގެ ޙަލާލާއި ޙަރާމްގެ މައްސަލަތަކަށެވެ. އެމަނިކުފާނުގެ ތަޢުލީމީ ޚިދުމަތްތަކުގެ ތެރޭގައި ސައިންޓިފިކް އިންސްޓިޓިއުޓާއި، ކޮލެޖް އޮފް ޝަރީޢާގައި ކިޔަވައިދެއްވުމުގެ އިތުރުން، ހަޔާ އިންސްޓިޓިއުޓް އޮފް ޖުޑިޝަރީގެ ޑިރެކްޓަރުކަން ކުރެއްވުން ހިމެނެއެވެ.

އަދި އެކަޑެމިކް ދާއިރާގެ އިތުރުން، ޝައިޚް ފައުޒާންއަކީ މައްކާގައި ހުންނަ "ކައުންސިލް އޮފް ސީނިއާ ސްކޮލާސް" އަދި "ފިޤުހު ކައުންސިލް" ފަދަ އިސް ދީނީ މުއައްސަސާތަކުގެ މެންބަރެއްވެސްމެއެވެ. ހަމައެހެންމެ، ކޮންމެ އަހަރެއްގެ ޙައްޖު މޫސުމުގައި ޙައްޖުވެރިންނަށް ދީނީ އިރުޝާދު ދިނުމުގެ ޕްރޮގްރާމްތައް އިންތިޒާމުކުރެއްވުމުގައި ވެސް އެމަނިކުފާނު އިސް ދައުރެއް އަދާކުރައްވައެވެ.