ރާނީގެ މަރާގުޅިގެން ތައިލެންޑްގެ ބޮޑުވަޒީރުގެ އާސިޔާން ދަތުރުފުޅު ކެންސަލް ކުރައްވައިފި
ތައިލެންޑްގެ ބޮޑުވަޒީރު އަނޫތިން ޗާންވިރަކުލް، އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސިޔާން) ސަމިޓަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލްކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، ތައިލެންޑްގެ ރާނީ މާދަރ ސިރިކިތު މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
ބޮޑުވަޒީރު އަނޫތިން ވަނީ، މި ސަމިޓް ބާއްވާ ކުއަލަލަމްޕޫރަށް ދަތުރުކުރެއްވުން ކެންސަލްކުރެއްވި ނަމަވެސް، ކެމްބޯޑިއާއާ އެކު ސޮއިކުރާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މެލޭޝިއާއަށް ވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރާ ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.
ބޮޑުވަޒީރު އަނޫތިން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ ރަސްމިއްޔާތު އާދިއްތަ ދުވަހުގެ ހެނދުނު ބޭއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށާއި، އެއަށްފަހު އެނބުރި ތައިލެންޑަށް ވަޑައިގަންނަވާނެ ކަމަށެވެ.
Ads by BMLމިދިޔަ ޖުލައި މަހު ތައިލެންޑާއި ކެމްބޯޑިއާގެ ސަރަހައްދީ ބޯޑަރުގައި ހިނގި ފަސް ދުވަހުގެ ހަމަނުޖެހުންތަކުގައި ގިނަ ބަޔަކު މަރުވެ، 300،000 އެއްހާ މީހުން ވަގުތީ ގޮތުން އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހުނެވެ. މި ދެ ގައުމުގެ ދެމެދުގައި ހަމަޖެހުން ގާއިމުކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މެދުވެރިއެއްގެ ދައުރު އަދާކުރައްވާފައެވެ.
އާސިޔާން ސަމިޓްގެ އިތުރުން، އަންނަ ހަފްތާގައި ދެކުނު ކޮރެއާގައި ބާއްވާ އޭޕެކް (APEC) ސަމިޓަށް ވެސް ބޮޑުވަޒީރު އަނޫތިން ވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ތައިލެންޑްގެ ވަޒީރުންގެ މަޖިލީހުން ވަނީ ރާނީ މާދަރ ސިރިކިތުގެ ކަށުކަމާކެމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ހޮނިހިރު ދުވަހު ބައްދަލުވުމެއް ބާއްވާފައެވެ.
މި ސަމިޓްގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، އާ ޕާޓްނަރުންނާ އެކު މަސައްކަތްކުރުމަށް އާސިޔާނުން މަސައްކަތްކުރާނެއެވެ. އަދި އޭޝިއާގެ އެންމެ ޒުވާން ގައުމު ކަމަށްވާ އިރުމަތީ ޓިމޯރ (އީސްޓް ޓިމޯރ) އަށް 11 ވަނަ މެންބަރު ގައުމުގެ ގޮތުގައި މަރުހަބާ ކިޔާނެއެވެ.
Ads by MACL
