ޝައިޚް ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވަނީ
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ މައްޗަށް އުފުލާފައިވާ އިންސާނިއްޔަތާ ދެކޮޅު އަމަލުތަކުގެ ކުށުގެ ދައުވާތަކުގެ ހުކުމް އަންނަ މަހުގެ 13 ވަނަ ދުވަހު އިއްވާނެ ކަމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް އެމްޑީ އަސަދުއްޒަމާން ހާމަކުރައްވައިފި އެވެ. މި ހުކުމަކީ، ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވާ މުހިއްމު މައްސަލައެކެވެ.
ދަރިވަރުން ނުކުމެ ކުރި ބޮޑެތި މުޒާހަރާތަކަށް ފަހު، މިދިޔަ އަހަރު އުމުރުން 78 އަހަރުގެ ހަސީނާގެ ވެރިކަން ވެއްޓި، އެކަމަނާ ވަނީ އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންފަ އެވެ. ޝަރީއަތަށް ހާޒިރުވުމަށް ކޯޓުން އަމުރުކުރުމުން ވެސް އެކަމަނާ ތަބާވެވަޑައިނުގެންނެވުމާ އެކު، ކޯޓުން ވަނީ ޣައިރު ހާޒިރުގައި ހިންގި ޝަރީއަތްތައް ބުރާސްފަތި ދުވަހު ނިންމާލާފަ އެވެ.
އެޓާނީ ޖެނެރަލް އަސަދުއްޒަމާން ފަސް މަސް ދުވަހަށް ދެމިގެން ދިޔަ ޝަރީއަތް ނިމި ހުލާސާ ބަޔާނުގައި ވިދާޅުވީ، "އިންސާފު ގަބޫލުކުރައްވާ ނަމަ ހަސީނާ [ޝަރީއަތަށް] ވަޑައިގަންނަވާނެ،" ކަމަށެވެ. އަދި، "އެއީ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެއް. އެކަމަކު ބޮޑު ގައުމެއް [ވާނެ ގޮތެއް ވާން] ދޫކޮށް ފިއްލެވީ. އެ އަމަލުން ވެސް ބާރު ލިބެނީ މި ކުރާ ތުހުމަތުތަކަށް،" ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
Ads by BMLޖޫން 1 ގައި ހަސީނާގެ ޝަރީއަތްތައް އޭނާގެ ޣައިރު ހާޒިރުގައި ފެށުނު އިރު، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގަ އާއި ސަރުކާރާ ދެކޮޅު މީހުން މެރުމުގައި ސީދާ ހަސީނާގެ ފަރާތުން އަމުރުތައް އައި ކަމުގެ ތުހުމަތު ސާބިތުކުރުމަށް ގިނަ ބަޔަކު ވަނީ ހެކިބަސް ދީފަ އެވެ. އދ. އިން އަންދާޒާކުރާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި އާއި އޮގަސްޓް މަހާ ދެމެދު ބަންގްލަދޭޝްގައި 1،400 މީހަކު މަރާލާފައިވެ އެވެ.
ޕްރޮސިކިއުޓަރުން ފަސް ދައުވާއެއް ހަސީނާއާ ދެކޮޅަށް އުފުލާފައި ވާއިރު އޭގެތެރޭގައި، މީހުން މެރުން ނުހުއްޓުވުން ހިމެނެ އެވެ. މިއީ ބަންގްލަދޭޝްގެ ގާނޫނުގައި އިންސާނިއްޔަތާ ހިލާފް ޖަރީމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެކެވެ. މި ކުށް ސާބިތުވެއްޖެ ނަމަ ހަސީނާއަށް މަރުގެ އަދަބު ކަނޑައެޅުމަށް ދައުލަތުން އެދިފައި ވެ އެވެ. ޕްރޮސެކިއުޓަރު ތާޖުލް އިސްލާމް ތުހުމަތުކުރައްވާފައިވާ ގޮތުގައި ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ދެކޮޅަށް ހުރިހާ ޖަރީމާތަކެއް ހިންގުމުގެ މެދުގައި ހުރީ ހަސީނާ ކަމަށެވެ.
ހަސީނާއާ އެކު، ކުރީގެ އިންޓީރިއާ މިނިސްޓަރު އަސަދުޒުމާން ޚާން ކަމާލް އާއި ފުލުހުންގެ ކުރީގެ ވެރިޔާ ޗައުދަރީ އަބްދުﷲ އަލް މާމޫނަށް ވެސް މި ދައުވާތައް ކުރެ އެވެ. އަސަދުޒުމާން ޚާން ކަމާލް ވަނީ ވެރިކަން ވެއްޓުމާ އެކު ފިލައިގެން ގޮސްފަ އެވެ. ޗައުދަރީ އަބްދުﷲ އަލް މާމޫން ހައްޔަރުކޮށްފައި ވާއިރު، އޭނާ ވަނީ ދައުވާތަކަށް އިއުތިރާފު ވެފަ އެވެ.
Ads by MACL
