ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޓްރަމްޕާއި ޖަޕާނުގެ އާ ލީޑަރު ތަކައިޗީ ވިޔަފާރީގެ މަޝްވަރާތައް ކުރައްވައިފި

ޖަޕާނުގެ އާ ބޮޑުވަޒީރު ތަކައިޗީ (ކ) އާއި އެމެރިކާގެ ރައީސް ޓްރަމްޕް ---
ޖަޕާނުގެ އާ ބޮޑުވަޒީރު ތަކައިޗީ (ކ) އާއި އެމެރިކާގެ ރައީސް ޓްރަމްޕް ---

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޖަޕާނުގެ އާ ބޮޑުވަޒީރު ސަނާ ތަކައިޗީ، ވިޔަފާރިއާއި ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ޓޯކިޔޯގައި ބައްދަލުކުރައްވައިފިއެވެ.

ތަކައިޗީއަކީ ޖަޕާނުގެ ތާރީޚްގައި އެ ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ އަންހެން ލީޑަރެވެ. ހަރުކަށި ކޮންސަވޭޓިވް ވިސްނުމެއް ގެންގުޅުއްވާ ތަކައިޗީ ވަނީ، ޤައުމުގެ ވިޔަފާރިއާއި އަސްކަރީގޮތުން ބާރުގަދަ ކުރުމުގެ މަސައްކަތް އަވަސްކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ޖަޕާނުން އެމެރިކާއަށް އިންވެސްޓްމަންޓް ޕެކޭޖެއް ހުށަހަޅުއްވާފައިވާއިރު، އޭގެ ތެރޭގައި މި އަހަރު އެއްބަސްވެފައިވާ 550 ބިލިއަން ޑޮލަރުގެ މުޢާމަލާތެއްގެ ދަށުން، އުޅަނދުފަހަރު ބިނާކުރުމުގެ ދާއިރާގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެ އިތުރުން، ޖަޕާނުގެ ވިޔަފާރި ބައިވެރިޔާ އަދި ސަލާމަތީ އެކުވެރިޔާގެ ހައިސިއްޔަތުން އެމެރިކާގެ ލީޑަރުގެ ހިތްހަމަޖެއްސެވުމަށް، ޕިކަޕް ޓްރަކް، ސޯޔާބީން އަދި ނެޗުރަލް ގޭސް ގަތުމަށް ވެސް ތަކައިޗީ ޓްރަމްޕަށް ހުށަހެޅުއްވިއެވެ.

ޓްރަމްޕް މީގެކުރިން ވިދާޅުވެފައި ވަނީ ޗައިނާގެ ބާރުގަދަވުމުން ޖަޕާނުގެ ރަށްތައް ދިފާޢުކުރުމަށް ޓޯކިޔޯއިން އެކަށީގެންވާ ވަރަށް ޚަރަދު ނުކުރާ ކަމަށެވެ. ނަމަވެސް، ކުރީގެ ބޮޑުވަޒީރުން ވެސް ވައުދުވެފައިވާ ގޮތަށް، ޖީ.ޑީ.ޕީގެ %2 އަށްވުރެ އިތުރަށް ދިފާޢީ ޚަރަދު ބޮޑުކުރެއްވުމަކީ ތަކައިޗީ ކުރައްވާނެ ކަމެއް ކަމަށް ބެލެވިފައެއް ނުވެއެވެ.
ޓްރަމްޕާއި ތަކައިޗީ ވަނީ ޓޯކިޔޯގެ އަކަސަކާ ޕެލަސްގައި ސަމިޓް މަޝްވަރާތައް ބާއްވައި، އެކުގައި މެންދުރުގެ ފަރިއްކޮޅެއް ބާއްވާފައެވެ. އޭގެ ފަހުން، ދެ ބޭފުޅުން ވެސް ޓޯކިޔޯގެ ދެކުނުގައި އޮންނަ، ސަރަޙައްދުގައި އެމެރިކާގެ އަސްކަރީ ބާރުގެ ރަމްޒެއް ކަމަށްވާ ޔޫ.އެސް.އެސް. ޖޯޖް ވޮޝިންގްޓަން އެއަރކްރާފްޓް ކެރިއަރ ހުންނަ އެމެރިކާގެ މުހިންމު ނޭވަލް ބޭސްއަށް ޒިޔާރަތް ކުރެއްވިއެވެ. ޓްރަމްޕް ވަނީ މިދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހު ޖަޕާނުގެ ރަސްގެފާނާ ވެސް ބައްދަލުކުރައްވާފައެވެ.

މެލޭޝިޔާއިން ފުރާވަޑައިގެންނެވި ދަތުރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ތަކައިޗީއާ ބައްދަލުކުރެއްވުމަށް އިންތިޒާރު ކުރައްވާ ކަމަށާއި، ތަކައިޗީއަކީ އޭނާގެ ރަޙްމަތްތެރިއެއް ކަމަށްވާ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ގާތް އެކުވެރިއެއް ކަމަށެވެ. މި ގުޅުން ބަދަހިކުރުމުގެ ގޮތުން، ތަކައިޗީ ވަނީ ޝިންޒޯ އަބޭ ބޭނުންކުރެއްވި ގޮލްފް ކްލަބެއް ޓްރަމްޕަށް ހަދިޔާކުރައްވާފައެވެ.