ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިންޑިއާގެ ސީއީއޯއަކަށް 500 މިލިއަން ޑޮލަރުގެ މަކަރުގެ ތުހުމަތެއް!

އިންޑިއާ އުފަން ޓެލެކޮމް އެގްޒެކެޓިވްއެއް ކަމަށްވާ ބަންކިމް ބްރަހްމްބަޓް ---
އިންޑިއާ އުފަން ޓެލެކޮމް އެގްޒެކެޓިވްއެއް ކަމަށްވާ ބަންކިމް ބްރަހްމްބަޓް ---

އިންޑިއާ އުފަން ޓެލެކޮމް އެގްޒެކެޓިވްއެއް ކަމަށްވާ ބަންކިމް ބްރަހްމްބަޓްގެ މައްޗަށް، ބްލެކްރޮކް ފަދަ ބޮޑެތި ލެންޑަރުންނަށް 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ދީފައިވާ މާލީ މަކަރެއް (ސްކޭމް) ހިންގުމުގެ ތުހުމަތުކޮށްފިއެވެ. ދަ ވޯލް ސްޓްރީޓް ޖާނަލް އިން މިކަން ހާމަކޮށްފައިވަނީ "ހައިރާންކުރުވަނިވި" މަކަރެއްގެ ގޮތުގައެވެ.

ބްރަހްމްބަޓް އަކީ ޓެލެކޮމް ދާއިރާގައި މާބޮޑަށް ނުއުޅޭ ދެ ކުންފުނި ކަމަށްވާ ބްރޯޑްބޭންޑް ޓެލެކޮމް އަދި ބްރިޖްވޮއިސްއާ ގުޅުންހުރި ފަރާތެކެވެ. މި ދެ ކުންފުންޏަކީ ވެސް އޭނާ ރައީސް އަދި ސީއީއޯގެ މަގާމު ފުރުއްވާ ބަންކާއީ ގްރޫޕްގެ ދަށުން ހިންގާ ކުންފުނިތަކެކެވެ. މި ކުންފުނިތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ޓެލެކޮމް އޮޕަރޭޓަރުންނަށް ހިދުމަތް ފޯރުކޮށްދެއެވެ.

އެމެރިކާގައި އޮގަސްޓް މަހު ހުށަހަޅާފައިވާ ދަޢުވާގައި ބުނެފައިވާ ގޮތުން، ބްރަހްމްބަޓް ވަނީ ލޯނުތަކަށް ކޮލެޓަރަލް (ރަހުނު) ގެ ގޮތުގައި ބޭނުންކުރުމަށްޓަކައި، ދޮގު އިންވޮއިސްތަކާއި އެކައުންޓްސް ރިސީވްބަލްސް އުފައްދާފައެވެ. ބްލެކްރޮކްގެ އެޗްޕީއެސް އިންވެސްޓްމަންޓް ޕާޓްނާސް އިސްކޮށް ހުރެ ހުށަހެޅި މި ދަޢުވާގައި ބުނެފައިވަނީ، އޭނާގެ ކުންފުނިތަކުން 500 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކަން ޖެހޭ ކަމަށެވެ.

ދަޢުވާގައި އިތުރަށް ބުނެފައިވަނީ، ބްރަހްމްބަޓް ވަނީ ކެރިއޮކްސް ކެޕިޓަލް ފަދަ ފައިނޭންސިންގ ކުންފުނިތަކެއްގެ ނެޓްވޯކެއް ބޭނުންކޮށް، މާލީ ގޮތުން ވަރުގަދަ ކަމުގެ ދޮގު މަންޒަރެއް ދައްކައިގެން ޕްރައިވެޓް-ކްރެޑިޓް އިންވެސްޓަރުންގެ އަތުން ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށެވެ. މިގޮތަށް ނެގި ފައިސާ ފަހުން އިންޑިއާ އާއި މޮރިޝަސްއަށް ޓްރާންސްފަރ ކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެއެވެ.

ލޯނުތައް ނެގުމަށްފަހު، ބްރަހްމްބަޓް ވަނީ އޭނާގެ ދެ ކުންފުންޏާއި އޭނާ އަމިއްލައަށް ވެސް ބަނގުރޫޓުވެފައިވާ ކަމަށް އިޢުލާންކޮށްފައިވާ ކަމަށް ލެންޑަރުން ހުށަހެޅި ދަޢުވާގައިވެއެވެ.

ނަމަވެސް، ބްރަހްމްބަޓްގެ ވަކީލު ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. ވަކީލު ވިދާޅުވީ، މިއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި، ބްރަހްމްބަޓް މަކަރެއް ހައްދަވާފައި ނުވާނެ ކަމަށެވެ.