ކްރިސްޓިއަނުންނަށް އަމާޒުކޮށް ޤަތުލުއާއްމުހިންގާކަމަށް ބުނެ ނައިޖީރިއާއަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
ނައިޖީރިއާގައި ކްރިސްޓިއަނުންނަށް އަމާޒުކޮށް ހިންގާ ޤަތުލުއާއްމުތަކާ ގުޅިގެން އެ ޤައުމަށް އަސްކަރީ ޙަމަލާއެއް ދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދީފިއެވެ. ހޮނިހިރު ދުވަހު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޓްރަމްޕް ވަނީ މިކަމަށް ތައްޔާރުވުމަށް އެމެރިކާގެ "ޑިޕާޓްމަންޓް އޮފް ވޯރ" އަށް އަންގަވާފައިވާ ކަމަށް ބުނެފައެވެ.
ޓްރަމްޕް ބުނީ، ނައިޖީރިއާގެ ސަރުކާރުން އެ ޤައުމުގެ ކްރިސްޓިއަނުން މެރުމަށް ހުއްދަ ދެމުންދާނަމަ، އެމެރިކާއިން ދެމުން އަންނަ ހުރިހާ އެހީއެއް ކަނޑާލާނެ ކަމަށެވެ. އަދި އެމެރިކާގެ އަސްކަރިއްޔާ ވަރަށް އަވަހަށް "ނިކަމެތިވެފައިވާ އެ ޤައުމަށް" ވަދެ، "ނުބައި ޢަމަލުތައް ހިންގާ އިސްލާމިކް ޓެރަރިސްޓުން މުޅިން ނައްތާލާނެ" ކަމަށްވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ޙަމަލާދީފިނަމަ، އެ ޙަމަލާ ވާނީ އަވަސް، އަދި އަނިޔާވެރި ޙަމަލާއަކަށް، ނައިޖީރިއާގެ ސަރުކާރުން އަވަހަށް ޢަމަލުކުރަން ޖެހޭނެ!" ޓްރަމްޕް އޭނާގެ ޕޯސްޓުގައި އިތުރަށް ބުނެފައިވެއެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާ ގޮތުގައި، ނައިޖީރިއާގައި ހިނގާ ހަމަނުޖެހުންތަކަކީ "ކްރިސްޓިއަނުންގެ ނަސްލު ނައްތާލުން" ކަމަށް ސިފަކުރުމަކީ މައްސަލައިގެ ގޯސް ތަޞައްވުރެކެވެ. ނަމަވެސް، ބޮކޯ ޙަރާމް ފަދަ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަނިޔާވެރިކަން ހުއްޓުވުމަށް ނައިޖީރިއާގެ ސަރުކާރުން އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެ ޖަމާޢަތްތަކުން ގޮވާލައެވެ.
ނައިޖީރިއާގެ، ހާއްސަކޮށް އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގައި، ދިގު މުއްދަތެއް ވަންދެން ދަނީ ސަލާމަތީ ގޮންޖެހުންތަކާއި ހަމަނުޖެހުންތައް ހިނގަމުންނެވެ. މި ހަމަނުޖެހުންތަކުގެ އަޑީގައި މައިގަނޑު ދެ ސަބަބެއް ވެއެވެ. އެއް ސަބަބަކީ، ބޮކޯ ޙަރާމް އަދި އޭގެ ބައެއް ކަމަށްވާ އައިއެސްޑަބްލިއުއޭޕީ ފަދަ އިސްލާމިކް ހަނގުރާމަވެރި ޖަމާޢަތްތަކުން ހިންގާ ޓެރަރިސްޓް ޙަމަލާތައްކަމަށް ތުހުމަތުކުރެއެވެ. މި ޖަމާޢަތްތަކުން ވަނީ ކްރިސްޓިއަނުންނާއި، މެދުމިނުގެ ފިކުރުގެ މުސްލިމުންނާއި، ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށް އެތައް ހާސް ބަޔަކު މަރާފައި ކަމަށް ބައިނަލްއަގުވާމި ނޫސްތަކާއި، އިންސާނީ ޖަމާޢަތްތަކުން ބުނެއެވެ.
ދެވަނަ ސަބަބަކީ، ދަނޑުވެރިން (ކްރިސްޓިއަނުން) އާއި ޖަނަވާރު ހުއިހައްޕާ މީހުން (މުސްލިމް ފުލާނީ ނަސްލުގެ މީހުން) އާ ދެމެދު ބިމާއި ފެނުގެ ވަސީލަތްތަކުގެ މައްޗަށް ހިނގާ ހަމަނުޖެހުންތަކެވެ. މި ހަމަނުޖެހުން ތަކުގައި ދީނީ އަދި ނަސްލީ ކުލަވަރު ހުރި ނަމަވެސް، އޭގެ އަސްލަކީ އިޤްތިޞާދީ ވާދަވެރިކަން ކަމަށް ތަޖުރިބާކާރުން ދެކެއެވެ. މި ދެ މައްސަލަ މަސްހުނިވުމުގެ ސަބަބުން، ނައިޖީރިއާގެ ހަމަނުޖެހުންތަކަކީ ހަމައެކަނި ކްރިސްޓިއަނުންނާ ދެކޮޅަށް ހިންގާ ދީނީ ހަނގުރާމައެއްގެ ގޮތުގައި ސިފަކުރުމަކީ މައްސަލައިގެ ފުރިހަމަ ތަޞައްވީރެއް ނޫންކަމަށް ބައިނަލްއަޤްވާމީ މުޙައްލިލުން ވިދާޅުވެއެވެ.
Ads by MACL
