ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާއިން ނިއުކްލިއާ ޓެސްޓުތައް އަލުން ފަށަން ޖެހިދާނެ: ޓްރަމްޕް

އެމެރިކާއިން ނިއުކްލިއާ ޓެސްޓުތައް އަލުން ފަށަން ޖެހިދާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިއާ އާއި ޗައިނާ ފަދަ ބޮޑެތި ބާރުތަކުން ސިއްރުން ނިއުކްލިއާ ޓެސްޓުތައް ކުރަމުންދާ ކަމުގެ ތުހުމަތުކުރައްވައި، އެމެރިކާއިން ވެސް މިފަދަ ޓެސްޓުތައް ފެށުމަށް ތައްޔާރުވެފައިވާ ކަމުގެ އިންޒާރު ދެއްވައިފިއެވެ.

މިކަމުގެ ސަބަބުން 1992 ވަނަ އަހަރުގެ ފަހުން އެމެރިކާއިން ނިއުކްލިއާ ޓެސްޓެއް ނުކުރާ މިހާރުގެ ހާލަތު ބަދަލުވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

ސީބީއެސްގެ މަޝްހޫރު ޕްރޮގްރާމް "60 މިނިޓްސް" ގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ރަޝިއާ އާއި ޗައިނާ ފަދަ ގައުމުތަކުން ސިއްރުން ނިއުކްލިއާ ޓެސްޓުތައް ކުރަމުންދާއިރު، އެމެރިކާއަކީ އެކަނި ޓެސްޓު ނުކުރާ ގައުމު ކަމަށް ވާކަށް ބޭނުންފުޅު ނުވާ ކަމަށެވެ. މީގެ އިތުރުން އުތުރު ކޮރެއާ އާއި ޕާކިސްތާނަކީ ވެސް މިގޮތަށް ސިއްރުން ޓެސްޓުކުރާ ކަމަށް ބެލެވޭ ދެ ގައުމު ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ނިއުކްލިއާ ހަތިޔާރު ޓެސްޓުކުރުމުގެ އަމުރެއް ދެއްވާނެ ކަމަށް ޓްރަމްޕް މިދިޔަ ހަފްތާގައި ވިދާޅުވުމާ އެކު، މިއީ 1992 ވަނަ އަހަރުގެ ފަހުން އެމެރިކާއިން ފުރަތަމަ ފަހަރަށް ނިއުކްލިއާ ގޮއްވުމެއް ގޮއްވަން ނިންމުންތޯ ސުވާލު އުފެދުނެވެ. ޓްރަމްޕް މި ނިންމުން ހާމަކުރެއްވީ ޗައިނާގެ ލީޑަރު ޝީ ޖިންޕިންއާ އެކު ދެކުނު ކޮރެއާގައި ބޭއްވި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަތުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.

މި އިއުލާނު ނެރުއްވީ ރަޝިއާއިން ނިއުކްލިއާ ހަކަތަ ބޭނުންކުރާ ކްރޫޒް މިސައިލެއް ކަމަށްވާ ބުރެވެސްޓްނިކް އާއި ނިއުކްލިއާ ހަކަތަ ބޭނުންކުރާ، ކަނޑުއަޑީގެ ޑްރޯނެއް ޓެސްޓްކޮށްފައިވާ ކަމަށް ބުނުމާ އެކުގައެވެ.

"މި ދަންނަވަނީ އެހެން ގައުމުތަކުން ނިއުކްލިއާ ޓެސްޓްކުރާ ގޮތަށް އެމެރިކާއިން ކުރާނެ،" އެމެރިކާއިން ވެސް ނިއުކްލިއާ ޓެސްޓެއް ކުރަން ނިންމެވީތޯ ސީދާ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވިއެވެ.

ނިއުކްލިއާ ހަތިޔާރު މި ފަހުން ޓެސްޓުކުރި ކަމަށް އިއުލާނުކުރި ހަމައެކަނި ގައުމަކީ އުތުރު ކޮރެއާއެވެ. ރަޝިއާއިން 1990 ވަނަ އަހަރު އަދި ޗައިނާއިން 1996 ވަނަ އަހަރު ޓެސްޓުތައް ކޮށްފައިވެއެވެ. ޓްރަމްޕް ވިދާޅުވީ އެ ގައުމުތަކުން ޓެސްޓުކޮށްފައި އެ ވާހަކަ ނުދައްކާ ކަމަށާއި ނިއުކްލިއާ ޓެސްޓުތަކުގެ ބާރު ގަދަ ނަމަވެސް، މި ބޮޑު ދުނިޔޭގައި އެފަދަ ޓެސްޓުތައް ކުރަނީ ކޮން ތަނެއްގައި ކަމެއް ނޭނގޭ ކަމަށެވެ.

ޓްރަމްޕް ނިއުކްލިއާ ޓެސްޓުގެ ވާހަކަ ދައްކަވާއިރު، އެމެރިކާއިން ވަނީ އަސްކަރީ އަދި މަދަނީ ބޭނުންތަކަށް ނިއުކްލިއާ ޓެސްޓް ކުރުން މަނާކުރާ "ކޮމްޕްރިހެންސިވް ނިއުކްލިއާ ޓެސްޓް-ބޭން ޓްރީޓީ" ގައި 1996 ވަނަ އަހަރު ސޮއިކޮށްފައެވެ.