އެމެރިކާގެ އެންމެ ބޮޑު ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރު: ޒޯހްރާން މަމްދާނީ އިންތިޚާބު ކާމިޔާބުކޮށް ތާރީޚްގެ ތެރެއަށް!
އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބުކުރައްވައި، ޒޯހްރާން މަމްދާނީ ތާރީޚީ ކާމިޔާބީއެއް ހޯއްދަވައިފިއެވެ. މި ކާމިޔާބީއާއެކު މަމްދާނީ ވެގެންދިޔައީ ނިއުޔޯކްގެ މޭޔަރުކަމަށް އިންތިޚާބުވި ފުރަތަމަ މުސްލިމް ބޭފުޅާއަށެވެ. މީގެ އަހަރެއް ކުރިން ސިޔާސީ މައިދާނުގައި އެހާ ބޮޑަށް ފާހަގަނުވާ ޒުވާނެއްގެ ގޮތުގައި ހުންނެވި ނަމަވެސް، މިހާރު 34 އަހަރުގެ މި ޑިމޮކްރެޓިކް ސޯޝަލިސްޓް ވަނީ ނިއުޔޯކްގެ އިތުރުން މުޅި އެމެރިކާ އަދި ދުނިޔޭގެ ސަމާލުކަން ހޯއްދަވައިފައެވެ.
އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަމްދާނީއަށް ވޯޓުލީ މީހުންގެ %50 ވޯޓު ލިބިފައިވާއިރު، އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ގަވަރުނަރު އެންޑްރޫ ކޫމޯއަށް ލިބިފައިވަނީ %41.5 އެވެ. މި ނަތީޖާއާއެކު މަމްދާނީ ވަނީ ސިޔާސީ ގޮތުން އެހާ ބޮޑަށް ނުފެންނަ ބޭފުޅެއްގެ ގޮތުގައި ހުންނަވައި، ވަރަށް ބޮޑު ކުރިއެރުމެއް ހޯއްދަވައިފައެވެ.
މަމްދާނީގެ ކެމްޕޭނުގެ މައިގަނޑު ބަޔަކީ ސޯޝަލް މީޑިއާގެ ހުނަރުވެރި ބޭނުންކުރުމެވެ. އޭނާ ވަނީ މީޑިއާގެ ގިނަ ސަމާލުކަމެއް ލިބުނު ގްރާސްރޫޓްސް ކެމްޕޭނެއް ހިންގަވައި، އޮންލައިންކޮށް ވޯޓަރުންނާ ގާތްގުޅުމެއް އުފައްދަވައިފައެވެ. ނިއުޔޯކްގެ ރީތި މަންޒަރުތައް ދައްކުވައިދޭ އޭނާގެ ވީޑިއޯތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯއްދެވިއެވެ.
Ads by BMLމަމްދާނީގެ މަޝްހޫރު ވީޑިއޯތަކުގެ ތެރޭގައި "ހަލާލްފްލޭޝަން" އޭ ކިޔާ ނަމެއް އުފެއްދެވުމާއި، ކޯނީ އައިލެންޑްގައި ރާޅާއެޅުމުގެ އިތުރުން، ސަބްވޭގައި ކައިވެނިކުރި ފޮޓޯތަކާއި، ނިއުޔޯކް ސިޓީ މެރަތަން ދުއްވިއިރު ކުލީގެ އަގުތަކާ ބެހޭގޮތުން ޝައުގުވެރިކަމާއެކު ދެއްކެވި ވާހަކަތައް ހިމެނެއެވެ. މީގެ އިތުރުން، ޓްރަމްޕަށް ވޯޓު ދިނީ ކީއްވެކަން ނުވަތަ ވޯޓު ނުދިނީ ކީއްވެކަން ދެނެގަތުމަށް ނިއުޔޯކް މީހުންނާ އިންޓަވިއު ކުރެއްވުމަކީ ވެސް އާއްމުންގެ ތެރޭގައި މަޝްހޫރުވި ކަމެކެވެ.
މިފަދަ ވީޑިއޯތަކާއި، ފާޑުކިޔާ ފަރާތްތަކާ ވެސް ބައްދަލުކުރައްވައި، އާއްމުންނާ ގާތްގުޅުމެއް ބޭއްވެވުމުގެ ސަބަބުން، މަމްދާނީ ވަނީ ކުރީގެ ގަވަރުނަރު އެންޑްރޫ ކޫމޯއާ ވަރަށް ބޮޑަށް ތަފާތުކޮށް، ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވައިފައެވެ. ކޫމޯއަށް ގިނަ މުއްސަދި ފަރާތްތަކާއި ކޯޕަރޭޝަންތަކުގެ އެހީތެރިކަމާއި، އޭރުގެ ރައީސް ޓްރަމްޕްގެ ތާއީދު ލިބުނު ނަމަވެސް، މަމްދާނީގެ މައްޗަށް ކޫމޯއަށް ކުރިއެއް ނުލިބުނެވެ.
މަމްދާނީ އުފަންވެ، އޭނާގެ ކުޑައިރުގެ ދުވަސްތައް ހޭދަކުރެއްވީ ޔޫގަންޑާގެ ވެރިރަށް ކަމަށްވާ ކަމްޕާލާގައެވެ. އުމުރުފުޅުން ހަތް އަހަރުގައި އާއިލާއާއެކު ނިއުޔޯކް ސިޓީއަށް ބަދަލުވެވަޑައިގެންނެވިއެވެ. އޭނާގެ ބައްޕާފުޅަކީ މަޝްހޫރު ފިލްމު އުފައްދާ ބޭފުޅެއްގެ އިތުރުން ކޮލަމްބިއާ ޔުނިވަރސިޓީގެ ޕްރޮފެސަރެކެވެ.
މަމްދާނީ ތަޢުލީމު ހާސިލުކުރެއްވީ ބްރޮންކްސް ހައި ސްކޫލް އޮފް ސައިންސްގެ ޕަބްލިކް ސްކޫލުންނެވެ. އެތަނުގައި އޭނާ ވަނީ ސްކޫލްގެ ފުރަތަމަ ކްރިކެޓް ޓީމް އުފެއްދެވުމުގައި ބައިވެރިވެފައެވެ. 2014 ވަނަ އަހަރު ބޯޑޮއިން ކޮލެޖުން އެފްރިކާނާ ސްޓަޑީޒްގެ ބެޗެލަރސް ޑިގްރީ ހާސިލުކުރެއްވިއެވެ. އެތަނުގައި އޭނާ ވަނީ ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތްކުރާ ދަރިވަރުންގެ ފުރަތަމަ ޗެޕްޓަރު އުފައްދަވައިފައެވެ. މަމްދާނީ އެމެރިކާގެ ރައްޔިތަކަށްވީ 2018 ވަނަ އަހަރުއެވެ.
Ads by MACL
