ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުން ފަލަސްތީނުގެ ފަސް ގައިދީއަކު ދޫކޮށްލައިފި

އިސްރާއީލުން ފަލަސްތީނުގެ ފަސް ގައިދީއަކު ދޫކޮށްލައިފި

ހަމާސް ޖަމާއަތާއެކު އެކުލަވާލާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ސިއްޔަތުގެ ދަށުން އިސްރާއީލުން ފަލަސްތީނުގެ އިތުރު ފަސް ގައިދީއަކު ދޫކޮށްލައިފިއެވެ. މި މީހުން ދޫކޮށްލުމަކީ ގައްޒާގެ ބައެއް އާއިލާތަކަށް ކުޑަވެސް ނަމަވެސް ހިތްހަމަޖެހުމެއް ގެނެސްދީފައިވާ ކަމެކެވެ. ނަމަވެސް، މިނިވަންކަމުގެ މި ހިނދުކޮޅާއެކުވެސް، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ ސިއްޔަތާ ޚިލާފުވެ، ޣައްޒާގައި މީހުން މެރުމުގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ.

ހޯމަ ދުވަހުގެ ހަވީރު މިނިވަން ކުރި މި ފަސް މީހުން ވަނީ އިތުރު ފަރުވާއަށް ދެއިރުލް ބަލަހްގައި ހުންނަ އަލް-އަގްސާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަލްޖަޒީރާގެ ހިންދު ޚުދާރީ، އެ ހޮސްޕިޓަލް ކައިރިން ރިޕޯޓް ކުރަމުން ބުނީ، މިނިވަންވި ގައިދީންނާ ބައްދަލުކުރުމަށް ގިނަ އަދަދެއްގެ އާއިލާތަކުގެ މެންބަރުން ހޮސްޕިޓަލް ސަރަހައްޓަށް ޖަމާވެފައިވާ ކަމަށެވެ. އަދި ގެއްލިފައިވާ އާއިލާގެ މެންބަރުންގެ މައުލޫމާތު ހޯދުމަށްވެސް ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"މިއީ ހަނގުރާމަ ހުއްޓާލި ފަހުން އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ނޭނގޭ ގައިދީންތަކެއް ދޫކޮށްލި ފުރަތަމަ ފަހަރު،" ޚުދާރީ ބުންޏެވެ. އިސްރާއީލުގެ ޖަލުތަކުގައި ހާހުން ފަލަސްތީނުގެ މީހުން އެއްވެސް ކުށެއްގެ ތުހުމަތެއް ނެތި، ގާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ ކަމަށް ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ބުނެއެވެ.
ހޯމަ ދުވަހުގެ ހެނދުނު، ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނީ، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) މެދުވެރިކޮށް އިސްރާއީލުން ފަލަސްތީނުގެ 45 މީހެއްގެ ހަށިގަނޑު އަނބުރާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއާއެކު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަވާލުކުރި ހަށިތަކުގެ ޖުމްލަ އަދަދު ވަނީ 270 އަށް އަރާފައެވެ. ފޮރެންސިކް ޓީމުތަކުން މިހާތަނަށް 78 ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށާއި، ސިއްހީ އުސޫލުތަކާއި ޕްރޮޓޮކޯލްތަކާ އެއްގޮތަށް އިތުރު ތަހުގީގުތައް ހެދުމަށްފަހު، އާއިލާތަކާ ހަށިތައް ހަވާލުކުރާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ކުރިން އޮފިޝަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަނބުރާ ހަވާލުކުރި ގިނަ ހަށިތަކުން އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އޭގެ ތެރޭގައި އަތްފައި އަދި ކަނުބަނދެ، މޫނުމައްޗަށް އަނިޔާކޮށްފައި ހުރުން ހިމެނެއެވެ. މި ހަށިތައް ހަވާލުކުރުމަކީ ތުރުކީ، މިސްރު، އަދި ގަތަރު މެދުވެރިވެ، އެމެރިކާގެ ބައިވެރިވުމާއެކު، އޮކްޓޯބަރު 10 ވަނަ ދުވަހު ފެށި ހަނގުރާމަ ހުއްޓާލުމުގެ ސިއްޔަތުގެ ފުރަތަމަ ފިޔަވަހީގެ ބައެކެވެ.

ހަނގުރާމަ ހުއްޓާލާފައި އޮތް ނަމަވެސް، އިސްރާއީލުން އަދިވެސް މީހުން މަރުވާފަދަ ހަމަލާތައް ދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރަފަހްގެ އުތުރުން، އިސްރާއީލުގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެފައިވާ ކަމަށް ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ މަސްދަރަކުން އަލްޖަޒީރާ އަރަބިއްޔާއަށް މައުލޫމާތު ދީފައިވެ އެވެ. އިސްރާއީލުގެ ސިފައިން ބުނީ، އެމީހުން ހަމަލާ ދިނީ، އިސްރާއީލުން ކޮންޓްރޯލްކުރާ "ޔެލޯ ލައިން" ހުރަސްކޮށް، ހަނގުރާމަ ހުއްޓާލުމުގެ ސިއްޔަތާ ޚިލާފުވުމުން ކަމަށެވެ.