ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޔޫއޭއީއަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ސޫދާނުން ގޮވާލައިފި

ސޫދާނުގެ ފަރާތުން ޔޫއެން ޖެނީވާ އޮފީހުގައި ހުންނަވާ ސަފީރު ހަސަން ހާމިދު ---
ސޫދާނުގެ ފަރާތުން ޔޫއެން ޖެނީވާ އޮފީހުގައި ހުންނަވާ ސަފީރު ހަސަން ހާމިދު ---

ސޫދާނުގެ ހަނގުރާމަވެރިންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވާގިވެރިވާ ކަމަށް ތުހުމަތުކުރައްވައި، އެކަން ހުއްޓުވުމަށް ޔޫއޭއީއަށް ފިއްތުންތައް ކުރިމަތިކުރަން، ޔޫއެންގެ ޖެނީވާ އޮފީހުގައި ހުންނަވާ ސޫދާނުގެ ސަފީރު ހަސަން ހާމިދު ގޮވާލައްވައިފި އެވެ. ސަފީރުގެ މި ގޮވާލެއްވުމާއެކު ސޫދާނުގެ ދާހިލީ ހަނގުރާމައަށް ބައިނަލްއަޤުވާމީ ފަރާތްތަކުގެ ސަމާލުކަން އަނބުރާ ހުއްޓިއްޖެ އެވެ.

ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ ނަމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތުން ދަނީ 2023 ވަނަ އަހަރުން ފެށިގެން ސޫދާނު ސިފައިންނާ ހަނގުރާމަކުރަމުންނެވެ. މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

"އާރްއެެސްއެފް އަށް ހަތިޔާރު ސަޕްލައިކޮށްދެނީ ކޮން ބައެއްކަން އެއީ އެންމެނަށް ވަރަށް ރަނގަޅަށް އެނގޭ. ދެރަ ކަމަކީ އެއީ ޔޫއޭއީ ކަމަށް ވުމުން،" ސަފީރު ހާމިދު ވިދާޅުވި އެވެ. އޭނާ ވަނީ ޔޫއޭއީގެ މި ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

އާރްއެސްއެފް ފަދަ ހަތިޔާރު އެޅި ޓެރަރިސްޓް ޖަމާއަތްތަކަށް ހަތިޔާރާއި ފައިސާ ދިނުން ހުއްޓުވުމަށް ޔޫއޭއީއަށް ފާޅުގައި ފިއްތުންތައް ކުރިމަތިކުރަން ސޫދާނުން ގޮވާލާ ކަމަށް ހާމިދު ވިދާޅުވިއެވެ. މިކަން ސިއްރުން ނޫންކަމަށާއި، އާއްމުކޮށް އިއުލާނުކޮށްގެން، ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ތަންފީޒުވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އާރްއެސްއެފްއާ ސޫދާނު ސިފައިންނާ ދެމެދު ހިނގަމުންދާ ދާހިލީ ހަނގުރާމަ މިހާރު ވަނީ އެގައުމުގެ އިތުރު ސަރަހައްދުތަކަށް ފެތުރިފަ އެވެ. މިކަމުގެ ސަބަބުން އިތުރު އިންސާނީ ކާރިސާތައް ކުރިމަތިވެދާނެކަމުގެ ބިރު މިހާރު އެބަ އޮތެވެ. މިހާތަނަށް އެތައް ހާސް ބަޔަކު މި ހަނގުރާމައިގައި ވަނީ މަރުވެފައެވެ.

ސޫދާނުގެ ދާރުފޫރު ސަރަހައްދުގައިވާ އަލް ފިޝާރް ނަމަކަށް ކިޔާ ސަހަރު އާރްއެސްއެފްގެ ދަށަށް ދިއުމަކީ، އެ ސަރަހައްދުގެ ހުރިހާ މައި ސަހަރުތައް އެ ޖަމާއަތުގެ އަތްދަށަށް ހިނގައިދާނެ ކަމުގެ ބިރު މިހާރު އެބަ އޮތެވެ. އެގޮތަށް ކަންތައް ވެއްޖެ ނަމަ އެގައުމުގެ އިރުމައްޗާއި ހުޅަނގަކީ ދެ ވެރިކަމެއްގެ ގޮތުގައި ބައިކޮށްލާނެ ކަމަށް ބެލެވެ އެވެ.

އާރްއެސްއެފް އިން އަލް ފިޝާރު ހިސާރުކޮށްގެން އުޅޭތާ އެތައް ދުވަހެއް ފަހުން އޮކްޓޯބަރު 26 ވަނަ ދުވަހު އެ ސަރަހަރުގެ ކޮންޓްރޯލް ލިބުމާ އެކު ބޮޑެތި ގަތުލުއާއްމުތަކެއް ހިންގިކަމުގެ ރިޕޯޓްތައް ލިބުނެވެ. އެ ސަހަރުގައި އާރްއެސްއެފް އިން ޖިންސީ ޖަރީމާތަކާއި މީހުން ވަގަށް ނެގުން ފަދަ އެތައް ޖަރީމާއެއް ހިންގި ކަމުގެ ރިޕޯޓްތައް ވެސް ފެތުރުނެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ، ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި މެރުމާއި ރޭޕްކުރުމާއި މީހުން ވަގަށް ނެގުން އަދި ގަދަކަމުން ގެދޮރުން ބޭރުކޮށްލުމުގެ ޖަރީމާތައް އާރްއެސްއެފް އިން ހިންގި ކަމުގެ މައުލޫމާތު، މަންޒަރު ދުށް މީހުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. މިފަދަ ޖަރީމާތަކުގެ ތަހުގީގު ހިންގުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.