ޑްރަގު އުފުލަމުންދިޔަ ތިން މަތިންދާބޯޓެއް ވައްޓާލައިފިން: މަދޫރޯ
ކެރީބިއަން ސަރަޙައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައި، ޑްރަގް ޓްރެފިކް ކުރުމަށް ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ތިން މަތިންދާބޯޓެއް ހިފަހައްޓާ "ނައްތާލާފައިވާ" ކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ.
ރަސްމީ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މަދޫރޯ ވިދާޅުވީ، ވެނެޒުއެލާގެ ވައިގެ ސަރަޙައްދަށް ވަތް މި ބޯޓުތައް އެޤައުމުގެ އަސްކަރިއްޔާއިން ވަގުތުން ދެނެގަނެ، ހަމަލާދީފައިވާ ކަމަށެވެ.
"މީގެ ދެ ދުވަސްކުރިން... ކެރީބިއަންގެ މަގުން ޑްރަގް އުފުލާ މަތިންދާބޯޓެއް ވަދެއްޖެ. އަހަރެމެންގެ އަވައިގެ ސިފައިންނަށް އެއެއްޗެއް ސިކުންތެއްގެ ތެރޭގައި ފާހަގަކުރެވުނު،" "މިއަދު، އުތުރުން ޑްރަގް އުފުލާ ދެ މަތިންދާބޯޓު ވަތް. އަދި އަހަރެމެންގެ ޤާނޫނާ އެއްގޮތަށް އަޅުގަނޑުމެން އެ ބޯޓުތައް ހިފެހެއްޓިން..." މަދޫރޯ ވިދާޅުވިއެވެ.
Ads by BMLމަދޫރޯ މިފަދައިން ވިދާޅުވެފައި މިވަނީ، އެމެރިކާއިން ކެރީބިއަން ކަނޑުގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ބުނާ ގޮތުގައި މި އޮޕަރޭޝަންގެ މަޤްސަދަކީ ދެކުނު އެމެރިކާއާއި، ކެރީބިއަން އަދި އުތުރު އެމެރިކާއާ ދެމެދު ހަރަކާތްތެރިވާ ޑްރަގް ނެޓްވޯކްތަކާ ދެކޮޅަށް މަސައްކަތް ކުރުމެވެ.
ނަމަވެސް ވެނެޒުއެލާގެ އޮފިޝަލުން ވަނީ އެމެރިކާގެ މި ހަރަކާތްތަކަކީ "އަދާވާތްތެރި ހަރަކާތެއް" ކަމަށް ސިފަކޮށް، އެއީ ޑްރަގާ ދެކޮޅަށް މަސައްކަތް ކުރުމުގެ ނަމުގައި އެޤައުމުގެ ސަރަޙައްދީ ކަނޑާ ކައިރިން އަސްކަރީ ބިރު ދެއްކުމަށް ހިންގާ އަމަލެއް ކަމަށް ތުހުމަތުކޮށްފައެވެ.
މިކަމާ ގުޅިގެން ވެނެޒުއެލާއިން ދަނީ އެޤައުމުން ޑްރަގާ ދެކޮޅަށް ކުރާ މަސައްކަތްތައް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.
ރައީސް މަދޫރޯ ވަނީ ވެނެޒުއެލާއިން އެޤައުމުގެ "ވައިގެ ސަރަޙައްދު ދިފާއުކުރުން" ކުރިއަށް ގެންދާނެ ކަމަށާއި، ބޭރުގެ ކޮންމެ ނުރައްކަލަކަށް ނުވަތަ އެޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަންނަ ކޮންމެ އަމަލަކަށް ފާރަވެރިވެ ތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
Ads by MACL
