ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ގޯތިތެރެ ކޮންނަނިކޮށް 800،000 ޑޮލަރުގެ ރަން ފެނި، ފްރާންސްގެ މީހަކު މުއްސަނދިވެއްޖެ!

ގޯތިތެރެ ކޮންނަނިކޮށް 800،000 ޑޮލަރުގެ ރަން ފެނި، ފްރާންސްގެ މީހަކު މުއްސަނދިވެއްޖެ!

ފްރާންސްގެ ލިޔޯން ކައިރީގައި އޮންނަ ނޫވިލް-ސުރް-ސޯންގައި ދިރިއުޅޭ މީހަކު، އޭނާގެ ގޯތިތެރޭގައި ހުރި ސުވިމިން ޕޫލެއް ތަޅާލުމަށްފަހު އާ ޕޫލެއް އެޅުމަށް ބިން ކޮންނަނިކޮށް، ގާތްގަނޑަކަށް 800،000 ޑޮލަރު (700،000 ޔޫރޯ) ގެ އަގުހުރި ރަނުގެ ޚަޒާނާއެއް ފެނި، އޭނާ މުއްސަނދިވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ މެއި މަހުއެވެ. ފެނިފައިވަނީ ފަސް ގަނޑު ރަނާއި، ރަނުގެ ފައިސާ ފޮތިތަކެއް ޕްލާސްޓިކް ކޮތަޅަކަށް ލައި ވަޅުލާފައި ހުއްޓައެވެ.

މި އަގުބޮޑު ޚަޒާނާ ފެނުމާއެކު، އޭނާ ވަނީ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ ގޮތުން، އެކަން ލޯކަލް ޓައުން ހޯލަށާއި ސަގާފީ ކަންކަމާބެހޭ އިދާރާއަށް ރިޕޯޓްކޮށްފައެވެ. އެއާއެކު ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ މިކަމާ ގުޅިގެން ތަހުގީގެއް ފަށާފައެވެ.

ތަހުގީގުތަކުން ދެއްކި ގޮތުގައި، މި ރަންތަކަކީ ތާރީޚީ ނުވަތަ އާކިއޮލޮޖިކަލް އަގެއް ހުރި އެއްޗެއް ނޫނެވެ. އަދި ފުލުހުންގެ ތަހުގީގުން ވަނީ، ރަންތަކުގައި ހުރި ޚާއްސަ ނަންބަރުތައް ބޭނުންކޮށްގެން، އެއީ ވަގަށް ނަގާފައިވާ ތަކެތި ނޫންކަން ކަށަވަރުކޮށްފައެވެ. އެއީ މީގެ 15 ނުވަތަ 20 އަހަރު ކުރިން ޤާނޫނީ ގޮތުން ގަނެފައިވާ ރަންކަން ވެސް ވަނީ އެނގިފައެވެ.

ފްރާންސްގެ ޤާނޫނުގައިވާ ގޮތުން، އަމިއްލަ ގޯތިތެރެއިން މިފަދަ އަގުހުރި އެއްޗެއް ފެނި، އޭގެ ޙައްޤުވެރިއަކު ނުވާނަމަ، އޭގެ ވެރިފަރާތަކަށް ވާނީ އެ ހޯދި މީހެކެވެ. މި ގޯތީގެ ކުރީގެ ވެރިފަރާތް، ނުވަތަ އެ ރަންތައް ވަޅުލި މީހާ ދުނިޔޭގައި ނެތުމާއި އަދި އޭގެ ޙައްޤުވެރި ވާރިސަކު ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން، މި ޚަޒާނާގެ ވެރިފަރާތަކީ މިހާރުގެ ގެވެރިޔާ ކަމަށް އިދާރާތަކުން ވަނީ ކަނޑައަޅާފައެވެ.

މި ފެނުނު ރަނުގެ އަގު ބޮޑުކަމުން، އޭނާ އަލަށް އަޅަން ގަސްތުކުރާ ސުވިމިން ޕޫލުގެ ހުރިހާ ޚަރަދެއް ފޫބެއްދުމަށްފަހު ވެސް ބޮޑު އަދަދެއް ބާކީވާނެއެވެ. ގިނަ ބަޔަކު ދަނީ މިއީ އާދަޔާ ޚިލާފު ނަސީބެއްގެ ގޮތުގައި ސިފަކުރަމުންނެވެ.