ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ފަށައިފި

އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގްވިރް. ފޮޓޯ/އީޕީއޭ
އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގްވިރް. ފޮޓޯ/އީޕީއޭ

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިސް، ނެސެޓްއިން، ޓެރަރިޒަމްގެ ގާނޫނަށް މަރުގެ އަދަބު ތައާރަފް ކުރުމަށް ހުށަހެޅި ބިލެއްގެ ފުރަތަމަ ކިޔުން ފާސްކޮށްފިއެވެ. މި ބިލަކީ ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށްފައިވާ ބިލެއް ކަމަށް ބެލެވެއިރު، މިއީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެކެވެ.

ނެސެޓްގައި މި ބިލް ފާސްވީ 39 ވޯޓުންނެވެ. މި ބިލް ހުށަހެޅުއްވީ ކަނާތުފިޔައިގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގްވީރުއެވެ. ޓައިމްސް އޮފް އިސްރާއީލްއާ ހަވާލާދީ އަލް ޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ބިލް ޑްރާފްޓްގައިވާ ގޮތުން މަރުގެ އަދަބު ދެވޭނީ ނަސްލީ ތަފާތުކުރުމުގެ ނިޔަތުގައި ޔަހޫދީން މަރައި، އިސްރާއީލަށް ގެއްލުން ދިނުމުގެ އިތުރުން އެ ބިމުން ޔަހޫދީން ބޭރުކުރުމުގެ މަގްސަދުގައި މަސައްކަތްކުރާ މީހުންނަށެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ބަސްތަކުގެ މާނައަކީ އަމަލީ ގޮތުން މަރުގެ އަދަބު ދެވޭނީ ހަމައެކަނި ޔަހޫދީން މަރާ ފަލަސްތީނުގެ މީހުންނަށް ކަމަށާއި، ފަލަސްތީނަށް ހަމަލާދޭ ޔަހޫދީ ހަރުކަށި ފިކުރުގެ މީހުންނަށް ނޫން ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ނެރުނު ބަޔާނެއްގައި މިކަން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެމްނެސްޓީގެ ސީނިއާ ޑިރެކްޓަރު ފޯ ރިސާޗް، އެޑްވޮކޭޝަން، ޕޮލިސީ އަދި ކެމްޕޭން އެރިކާ ގުއެވާރާ ރޮސާސް ވިދާޅުވީ، "އިސްރާއީލުގެ 39 މެމްބަރުންގެ އަޣުލަބިއްޔަތުން ފުރަތަމަ ކިޔުން ފާސްކުރީ ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ކަނޑައެޅުމަށް ކޯޓުތަކަށް ފައިދާހުރި ގޮތެއްގައި ލާޒިމުކުރާ ބިލެއް،" ކަމަށެވެ.

މީގެ ކުރިން ވެސް އިސްރާއީލުން މިފަދަ ގާނޫނުތަކެއް ތައާރަފް ކުރުމަށް މަސައްކަތްކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ. އިސްރާއީލުގައި މަދު އަދަދެއްގެ ކުށްތަކަކަށް މަރުގެ އަދަބު ދޭން ގާނޫނުގައި އޮތް ނަމަވެސް، އެ ގައުމުގައި މަރުގެ އަދަބު ނުދޭތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އިސްރާއީލުން އެންމެ ފަހުން މަރުގެ އަދަބު ދިނީ 1962 ވަނަ އަހަރު ނާޒީ ހޮލޮކޯސްޓްގެ ކުށްވެރިޔާ އެޑޮލްފް އައިޗްމަންއަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލާފައި އޮތް ނަމަވެސް، ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތް، ހަމާސްއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށްބުނެ، އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.