ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހަސީނާއަށް ހުކުމްކުރަން ތައްޔާރުވަނިކޮށް ބަންގްލަދޭޝްގެ މަގުތައް އަނެއްކާވެސް ހޫނުވެއްޖެ

ހަސީނާއަށް ހުކުމްކުރަން ތައްޔާރުވަނިކޮށް ބަންގްލަދޭޝްގެ މަގުތައް އަނެއްކާވެސް ހޫނުވެއްޖެ

ބަންގްލަދޭޝްގެ ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހުކުމް އިއްވުމަށް ޓްރައިބިއުނަލުން ތައްޔާރުވަމުން ދަނިކޮށް، އޭނާގެ ޕާޓީ، އަވާމީ ލީގުން ގައުމު ހުއްޓުވާލުމަށް ގޮވާލުމާ ގުޅިގެން އެ ގައުމުގެ މަގުތައް ހޫނުވެ، ހަމަނުޖެހުންތައް ބޮޑުވެއްޖެއެވެ.

އަވާމީ ލީގުގެ ގޮވާލުމަށް އިޖާބަދީ، އެ ޕާޓީގެ މެމްބަރުން އިހުތިޖާޖުތައް ފެށުމާ ގުޅިގެން ބުރާސްފަތި ދުވަހު ވެރިރަށް ޑާކާ އާއި އެހެނިހެން ބޮޑެތި ސިޓީތަކުގެ ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ސްކޫލްތައް އޮންލައިން ކްލާސްތަކަށް ބަދަލުކޮށްފައިވާއިރު، އާންމު ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވެފައެވެ. ފާއިތުވި ދުވަސްތަކުގައި އަމިއްލައަށް ހަދާފައިވާ ބޮން ގޮއްވުމާއި، ރޭލާއި ބަސްތަކުގައި އަލިފާން ރޯކުރުން ފަދަ ހާދިސާތައް އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަސީނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ، އޭނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައި، ދަރިވަރުން އިސްނަގައިގެން މިދިޔަ އަހަރު ކުރި މުޒާހަރާތަކުގައި ހިންގި އަނިޔާވެރި އަމަލުތަކާ ގުޅިގެން އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގުމުގެ ތުހުމަތެވެ. މި ޝަރީއަތް ހިންގަނީ ޚާއްސަ ޓްރައިބިއުނަލެއްގައި، އޭނާ އާއި ކުރީގެ ދާޚިލީ ވަޒީރު އަސަދުއްޒަމާން ޚާންގެ ޣައިރު ހާޒިރުގައެވެ. ޓްރައިބިއުނަލްގެ ޗީފް ޕްރޮސެކިއުޓަރ ވަނީ ހަސީނާއަކީ އެ ޖަރީމާތަކުގެ "މާސްޓަރމައިންޑް" ކަމަށް ބުނެ، އޭނާއަށް މަރުގެ އަދަބު ދިނުމަށް އެދިފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން، ނޮބެލް ސުލްހައިގެ އިނާމް ލިބިވަޑައިގެންފައިވާ، ވަގުތީ ސަރުކާރުގެ ވެރިޔާ މުޙައްމަދު ޔޫނުސް ވަނީ މުޅި ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އޭނާގެ ސަރުކާރުން ވަނީ އަވާމީ ލީގުގެ ހަރަކާތްތައް މަނާކޮށް، ފެބްރުއަރީ މަހު އިންތިޚާބެއް ބާއްވާނެ ކަމަށް ވަޢުދުވެފައެވެ. ނަމަވެސް، އެ އިންތިޚާބުގައި ބައިވެރިނުވެވޭތީ އަވާމީ ލީގުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިންތިޚާބާ ދެކޮޅު ކެމްޕޭނެއް ހިންގަމުންނެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއިން، ބަންގްލަދޭޝް އާއި އިންޑިއާ ދެމެދު ސިޔާސީ ނުތަނަވަސްކަމެއްވެސް ވަނީ އުފެދިފައެވެ. ވެރިކަމުން ދުރުކުރުމަށްފަހު ފިލައިގެން އިންޑިއާގައި ހުރި ހަސީނާ، އެގައުމުގެ މީޑިއާތަކަށް އިންޓަވިއު ދިނުމުގެ ފުރުސަތު ދިނުމުން، ބަންގްލަދޭޝް ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ޑާކާގައި ހުންނަ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރ ހާޒިރުކޮށްފައެވެ. ހަސީނާ އޭނާގެ އިންޓަވިއުތަކުގައި ދަނީ ޔޫނުސްގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.

މިދިޔަ އަހަރުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދާ މެދު އަދިވެސް ހިޔާލުތަފާތުވެއެވެ. އދ. ގެ ރިޕޯޓެއްގައި 1,400 މީހުން މަރުވި ކަމަށް ބުނާއިރު، ވަގުތީ ސަރުކާރުން ބުނަނީ 800 އަށްވުރެ ގިނަ މީހުން މަރުވެ، 14,000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށެވެ. ހަސީނާ ވަނީ މި އަދަދުތައް ދޮގުކޮށް، މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ.