އެއްވެސް ނަފުސަކަށް، އެ ނަފުސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ.
އިންސާނާގެ ހަޔާތަކީ ދެމިނުހުންނަ ހާލަތްތަކެއްގެ މައްޗަށް ބިނާވެފައިވާ ދަތުރެކެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަ މީހާގެ ސޫރައާއި އަމަލުތައް، އިއްޔެ އޭނާ ހުރި ގޮތާ ތަފާތުވެފައި، މާދަމާ އޭނާ ހުންނާނެ ގޮތެއް އެއްވެސް މީހަކަށް ކަށަވަރެއް ނުކުރެވޭނެއެވެ.
މިކަމުގެ ހެކި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ."(ސޫރަތުލް ލުޤްމާން، 34) މި އާޔަތުން ދޭހަވަނީ، އިންސާނާގެ މުސްތަޤްބަލުގެ ކަންތައްތައް އެނގިވޮޑިގެންވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކަމެވެ. އެހެންކަމުން، މީހެއްގެ މިއަދުގެ ހާލަތަށް ބަލައި، މާދަމާ އޭނާގެ މައްޗަށް ޙުކުމްކުރުމަކީ ބުއްދިވެރިކަމެއް ނޫނެވެ.
އިންސާނާގެ ހިތަކީވެސް އަބަދުމެ ބަދަލުވަމުންދާ އެއްޗެކެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، އާދަމުގެ ދަރީންގެ ހިތްތައް ވަނީ، ރަޙްމާނުވަންތަ އިލާހުގެ އިނގިލިފުޅުތަކުގެ ތެރެއިން ދެ އިނގިލިފުޅެއްގެ ދެމެދުގައެވެ. އެއިލާހު އެ ހިތްތައް ބަދަލުކުރައްވަތެވެ."(ޞަޙީޙް މުސްލިމް، 2655)
Ads by BMLމި ޙަދީޘްފުޅުން އެނގިގެންދަނީ، މީހެއްގެ ހިތް ބަދަލުކުރެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ. އެހެންކަމުން، މިއަދު ފާސިޤެއްގެ ގޮތުގައި ހުރި މީހަކު މާދަމާ ޞާލިޙު އަޅަކަށް ވެދާނެއެވެ. އަދި ޞާލިޙު އަޅަކު މާދަމާ ފާސިޤަކަށް ވެދާނެއެވެ. މި ބަދަލުވުންތަކަށްޓަކައި، ކީރިތި ރަސޫލާ صلى الله عليه وسلم ގިނަގިނައިން ކުރެއްވި ދުޢާއަކީ: "يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
" މާނައީ (އޭ ހިތްތައް ބަދަލުކުރައްވާ އިލާހު، އިބައިލާހުގެ ދީނުގެ މަތީގައި އަޅުގެ ހިތް ސާބިތުކޮށްދެއްވާނދޭވެ!) މި ދުޢާއިންވެސް ދަލީލު ލިބެނީ، ހިތްތަކުގެ ހާލަތް ދެމިނުހުންނަ ކަމާއި، އެކަމަށްޓަކައި އަބަދުވެސް ﷲގެ ރަޙްމަތަށް ބޭނުންވާ ކަމެވެ.
މިފަދަ ބަދަލުވުންތަކުގެ ސަބަބުން، އަޅުގަނޑުމެންގެ މައްޗަށް ލާޒިމްވާ އެއްކަމަކީ، އެހެން މީހުންގެ މައްޗަށް ޙުކުމްކުރުމުން ދުރުހެލިވުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." (ސޫރަތުލް ޙުޖުރާތު، 11)
މި އާޔަތުން އަޅުގަނޑުމެންނަށް އިބްރަތް ލިބެނީ، މީހެއްގެ ބޭރުފުށުގެ ހާލަތަށް ބަލައި، އޭނާގެ މައްޗަށް ނުބައިކޮށް ހީކުރުމަކީ ނުވަތަ ފުރައްސާރަކުރުމަކީ ހުއްދަ ކަމެއް ނޫންކަމެވެ. އެހެނީ، އެމީހެއްގެ ހިތުގައިވާ ޙަޤީޤަތާއި، މާދަމާ އޭނާގެ ހާލަތު ބަދަލުވެގެންދާނެ ގޮތް އެނގިވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ.
އިސްލާމްދީނުގައި ޤަޟާޤަދަރުގެ މައްޗަށް އީމާންވުމަކީ އަސާސީ ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޤަޟާޤަދަރުގެ މާނައަކީ، ހުރިހާ ކަމެއް ﷲގެ ޢިލްމުފުޅާއި، އިރާދަފުޅާއި، ލިޔުއްވުމާއި، ތަޤްދީރުކުރެއްވުމުގެ ދަށުން ހިނގާކަމަށް އީމާންވުމެވެ. މިއީ މުސްތަޤްބަލުގެ ކަންތައްތަކުގެ މައްޗަށް އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދޭ ބިރުވެރިކަމާއި ކަންބޮޑުވުންތަކަށް ހަމަޖެހުން ގެނެސްދޭ އަސާސެކެވެ. އެހެނީ، މާދަމާ ވާނެ ކަމެއް ނޭނގުނު ނަމަވެސް، އެކަންތައްތައް ހިނގާނީ ﷲގެ ޢިލްމުފުޅާއި އިރާދަފުޅާ އެއްގޮތަށް ކަމަށް އީމާންވުމުން، ހިތްތަކަށް ހަމަޖެހުން ލިބެއެވެ.
ވީމާ، އަޅުގަނޑުމެންގެ ވާޖިބަކީ މީސްތަކުންގެ ބޭރުފުށުގެ އަމަލުތަކަށް ބަލައި ޙުކުމްކުރުމުގެ ބަދަލުގައި، އެމީހުންނަށް ހެޔޮ ދުޢާކޮށް، އެމީހުންގެ މައްޗަށް ހެޔޮކޮށް ހިތުމެވެ. އެހެނީ، ހިތްތަކުގެ ޙަޤީޤަތް އެނގިވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ. އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށްޓަކައި، އަބަދުވެސް ﷲގެ ދީނުގެ މަތީގައި ސާބިތުކަން ދެއްވުމަށް އެދި ދުޢާކުރުމަކީ، މިއަދާއި މާދަމާގެ ހާލަތު ބަދަލުވުމުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
ރިފަރެންސް ލިސްޓް:
- ކީރިތި ޤުރުއާން: ސޫރަތުލް ލުޤްމާން (31:34)
- ކީރިތި ޤުރުއާން: ސޫރަތުލް ޙުޖުރާތު (49:11)
- ޙަދީޘްފުޅު: ޞަޙީޙް މުސްލިމް (2655)
- ދުޢާ: "ޔާ މުޤައްލިބަލް ޤުލޫބި، ޘައްބިތް ޤަލްބީ ޢަލާ ދީނިކަ"
Ads by MACL
