ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މުޒާހަރާތަކުގެ މަރުތަކާ ގުޅިގެން ޝެއިޚް ޙަސީނާ މަރަން ޙުކުމްކޮށްފި

މުޒާހަރާތަކުގެ މަރުތަކާ ގުޅިގެން ޝެއިޚް ޙަސީނާ މަރަން ޙުކުމްކޮށްފި

މިދިޔަ އަހަރު ބަންގްލަދޭޝްގައި އޭނާގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މީހުން މެރުމުގެ ތުހުމަތު ސާބިތުވުމާ ގުޅިގެން، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ ޣައިރު ޙާޒިރުގައި އެކަމަނާ މަރަން ޙުކުމްކޮށްފިއެވެ. ވެރިކަމުން ދުރުކުރުމަށްފަހު އަވަށްޓެރި އިންޑިއާއަށް ފިއްލަވާފައިވާ ޙަސީނާގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ އޭނާ ކޯޓަށް ޙާޒިރުވެވަޑައިނުގަތުމުންނެވެ.

އެކަމަނާގެ ޣައިރު ޙާޒިރުގައި ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ، ކޯޓަށް ޙާޒިރުވުމަށް ތަކުރާރުކޮށް އެންގުމުންވެސް ޙާޒިރުވެވަޑައިގެންފައި ނުވާތީއެވެ. މި ހަފްތާގައި ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޙަސީނާ ވަނީ، އެއީ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ނުފޫޒުގެ ދަށުން ހިންގި "ޑްރާމާއެއް" ކަމަށް ވިދާޅުވެ، ޝަރީޢަތުގެ ސައްޙަކަމާމެދު ސުވާލު އުފައްދަވާފައެވެ.

ނަމަވެސް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ޙަސީނާގެ އެ ވާހަކަތައް ދޮގުކޮށްފައެވެ. ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ އެއީ ހުރިހާ ލިޔެކިޔުންތަކާއެކު، ދެފުށް ފެންނަ އިންސާފުވެރި ޝަރީޢަތެއް ކަމަށެވެ. ޙަސީނާގެ 15 އަހަރުވީ "ޚުދުމުޚުތާރު" ވެރިކަން ނިމުމަކަށް އައީ މިދިޔަ އަހަރުގެ ބޮޑެތި މުޒާހަރާތަކަށްފަހުއެވެ.

އދ. ގެ ރިޕޯޓަކަށް ލަފާކުރާ ގޮތުގައި، މިދިޔަ އަހަރުގެ ހަމަނުޖެހުންތަކުގައި 1,400 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާއިރު، އޭގެ ގިނަ މީހުންނަކީ ސަލާމަތީ ބާރުތަކުގެ ހަމަލާތަކުން މަރުވި މީހުންނެވެ. މި މައްސަލައިގައި ޙަސީނާގެ މައްޗަށް ރަސްމީކޮށް ދަޢުވާ އުފުލާފައިވަނީ މިއަހަރުގެ ޖުލައި މަހު، އޭނާގެ ސަރުކާރުގެ އިސް ދެ ބޭފުޅުންނާ އެކުއެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލް އާއި ކުރީގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ޗައުދަރީ ޢަބްދުﷲ އަލް-މާމޫންއެވެ.

މި ޙުކުމާ ގުޅޭގޮތުން ޙަސީނާގެ ދަރިކަލުން ސަޖީބް ވަޒީދު ވެސް ޚިޔާލު ފާޅުކުރައްވާފައިވާއިރު، މަންމާފުޅަށް މަރުގެ ޙުކުމް އިއްވުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިކަމަށް ރިޕޯޓުތައް ބުނެއެވެ.