ނަމާދަކީ މުސްލިމަކާއި ކާފިރަކު ވަކިކޮށްދޭ އެންމެ މުހިންމު އެއް ނިޝާނެވެ!
އިސްލާމްދީނުގެ ފަސް ރުކުންގެ ތެރެއިން އެންމެ މުހިންމު ރުކުން ކަމުގައިވާ ނަމާދަކީ، އަޅާ އާއި އޭނާގެ ޚާލިޤުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އާ ދެމެދުގައިވާ އެންމެ ވަރުގަދަ ގުޅުމެވެ. ނަމާދަކީ ދީނުގެ ތަނބު ކަމުގައި ވާއިރު، އެކަން ދޫކޮށްލުމާއި އެކަމަށް ފަރުވާކުޑަކުރުމަކީ ދުނިޔެއާއި އާޚިރަތުގައިވެސް ނުހަނު ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ.
ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި މިކަމުގެ ނުރައްކާތެރިކަން ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.
ނަމާދު އެޅުމުގެ ނުބައިކަން ހާމަވާ އެންމެ ނުރައްކާތެރި އެއް އިންޒާރަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ: "الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلَاةُ فَمَنْ تَرَكَهَا فَقَدْ كَفَرَ" މާނައީ: "ތިމަންމެންނާއި އެބައިމީހުންނާ (އެބަހީ: މުސްލިމުންނާއި ކާފިރުންނާ) ދެމެދުވާ ޢަހުދަކީ ނަމާދެވެ. ފަހެ، އެކަން ދޫކޮށްލައިފި މީހާ ކާފިރުވެއްޖެއެވެ."
Ads by BMLމި ބަސްފުޅުން ދޭހަވާ ގޮތުގައި، ނަމާދަކީ މުސްލިމަކާއި ކާފިރަކު ވަކިކޮށްދޭ އެންމެ މުހިންމު އެއް ނިޝާނެވެ. އެހެންކަމުން، ނަމާދު އެޅުމަކީ އިސްލާމްދީނުގެ އަސާސާ ދެކޮޅުވެރިވެ، ކާފިރުކަމާ ގާތްވެވޭނެ ފަދަ ބޮޑުވެގެންވާ ކަމެކެވެ.
މީގެ އިތުރުން، ކީރިތި ޤުރުއާނުގައިވެސް ނަމާދަށް ފަރުވާކުޑަކުރާ މީހުންނަށް ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ސޫރަތު މަރްޔަމްގެ 59 ވަނަ އާޔަތުގައި ވަޙީކުރައްވައެވެ: "فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ ۖ فَسَوْف يَلْقَوْنَ غَيًّا" މާނައީ: "ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!." ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މި އާޔަތުގައިވާ "غَيًّا" (ޣައްޔާ) އަކީ ޖަހައްނަމުގެ އަޑީގައިވާ ވަޅުގަނޑެއްގެ ނަމެވެ. ނުވަތަ އެއީ ގެއްލުމާއި ނިކަމެތިކަމާއި އަޒާބެވެ. މިއިން އެނގެނީ ނަމާދު އެޅުމާއި ނަފްސުގެ އެދުންތަކަށް ތަބާވުމުގެ ނަތީޖާއަކީ އާޚިރަތުގައި ކުރިމަތިލާންޖެހޭނެ ބިރުވެރި ޢަޛާބެއް ކަމެވެ.
ނަމާދު އެޅުމުގެ ނުބައި ނަތީޖާތަކަކީ ހަމައެކަނި އާޚިރަތަށް އޮތް ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން މީހާގެ ދީނުގެ ބިންގާ ބަލިކަށިވެ، އެހެނިހެން އަޅުކަންތަކަށް ފަރުވާކުޑަކުރުމަށް މަގުފަހިވެގެންދެއެވެ. ނަމާދަކީ ދީނުގެ ތަނބުކަމުން، އެ ތަނބު ވެއްޓިއްޖެނަމަ، މީހާގެ މުޅި ދީންވެސް ބަލިކަށިވެގެން ހިނގައިދާނެއެވެ.
ނަމަވެސް، ނަމާދު އެޅުމަކީ ކިތަންމެ ބޮޑު ފާފައެއް ކަމުގައި ވިޔަސް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅު ވަނީ އެއަށްވުރެ ތަނަވަސްވެގެންނެވެ. އެކަލާނގެ ވަނީ ތައުބާގެ ދޮރު އަބަދުވެސް ހުޅުއްވާފައެވެ. ސޫރަތު މަރްޔަމްގެ 60 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރައްވައެވެ: "إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ شَيْـًٔا" މާނައީ: "توبة ވެ، އަދި، إيمان ވެ، އަދި صالح عمل ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ."
ވީމާ، ނަމާދު އެޅިފައިވާ ކޮންމެ މީހަކުވެސް އަވަހަށް ތައުބާވެ، އަލުން ނަމާދު ޤާއިމުކުރުމަކީ، ﷲގެ ރަޙްމަތްފުޅުން އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ.
Ads by MACL
