ބުދަ، 18 ނޮވެމްބަރު 2026
ދީން

މުންކަރާތްތަކުން ސަލާމަތްކޮށްދޭ އައްޑަނައަކީ ނަމާދު: ޚުތުބާ

މުންކަރާތްތަކުން ސަލާމަތްކޮށްދޭ އައްޑަނައަކީ ނަމާދު: ޚުތުބާ

މުންކަރާތްތަކުން ސަލާމަތްކޮށްދޭ އައްޑަނައަކީ ނަމާދު ކަމުގައި ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި، ބުނީ މުސްލިމުންގެ ކާމިޔާބާއި ނަސްރު ގުޅިފައިވަނީ ނަމާދާކަމަށާއި، އެއީ ފާހިޝް ކަންކަމާއި މުންކަރާތްތަކުން އިންސާނާ ދުރުކޮށްދޭ އެންމެ ވަރުގަދަ ވަސީލަތްކަމަށެވެ. އަދި ނަމާދު އެޅުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވެސް ވަނީ އަލިއަޅުވާލައިފައެވެ.

"ނަމާދު އެޅުމުގެ ނުރައްކާތެރިކަން" މި މައުޟޫޢަށް ޚާއްސަކޮށްގެން މިއަދު އިއްވި ހުކުރު ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީން ޚިޔާރުކުރުމަށްފަހު އެމީހެއްގެ ކިބައިގައި ހުންނަ އިސްލާމްވަންތަކަން ދައްކުވައިދޭ އެންމެ ބޮޑު ރަމްޒަކީ ނަމާދެވެ. އެހެންކަމުން ކަނޑައެޅިފައިވާ ވަގުތުގައި ނަމާދު އަދާކުރުމަށް ފަރުވާތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެކެވެ.

ޚުތުބާގައި ބަޔާންކުރެއްވި ގޮތުގައި، ނަމާދަކީ ހަމައެކަނި އަޅުކަމެއް ނޫނެވެ. އެއީ އަޅާއަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް މަގުފަހިކޮށްދޭ ތަޅުދަނޑިއެވެ. ހަމައެއާއެކު، ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ލިބޭ ބާރެއްގެ އިތުރުން، އިޖުތިމާޢީ ރީތި އަދަބުތަކާއި ތަރުބިއްޔަތު އިންސާނާއަށް ލިއްބައިދޭ މަދަރުސާއަކީވެސް ނަމާދެވެ.

މާތް ﷲ ގެ ވަޙީ ބަސްފުޅުތަކުން ދަލީލު ދައްކަވަމުން ޚުތުބާގައި ހަނދާންކޮށްދެއްވީ، ނަމާދަކީ ވަގުތު ކަނޑައެޅިގެން މުއުމިނުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެއް ކަމެވެ. އަދި އިސްލާމްދީނުގައި ނަމާދަށް ދެއްވާފައިވާ މަތިވެރި މަޤާމުގެ ސަބަބުން، މީހާގެ އިސްލާމްކަމާއި ކާފަރުކަމާ ދެމެދު ވަކިކޮށްދޭ އިންފާރަކީ ނަމާދުކަން ސުންނަތުން އެނގެން އޮންނަ ކަމަށް ވިދާޅުވެ، ނަމާދު އެޅުމުގެ ނުރައްކާތެރިކަމާމެދު ޚުތުބާގައި ވަނީ އިންޒާރު ދެއްވާފައެވެ.

އެހެންކަމުން ދިރިއުޅުމުގެ ކަންކަން ރާވައި ތާވަލުކުރާއިރު، ނަމާދު ވަގުތުތަކަށް އިސްކަންދިނުމަށާއި، އެއީ ފަރުވާކުޑަ ނުކުރެވޭނެ ޒިންމާއެއްކަން ދެނެގަތުމަށް މުސްލިމުންނަށް ގޮވާލެއްވިއެވެ.

ޚުތުބާ ނިންމަވާލައްވަމުން ދެއްވި ނަސޭހަތުގައި ވަނީ، ޣާފިލުކަމުގެ ނިދިން ހޭލައި، މަރު އައިސް ބައްދަލުކުރުމުގެ ކުރިން ވީހާވެސް އަވަހަކަށް ތައުބާވެ، ނަމާދު ޤާއިމުކުރުމުގައި ދެމިތިބުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.