ނައިޖީރިއާގެ ސްކޫލަކުން 300 އަށްވުރެ ގިނަ ކުދިން ރަހީނުކުރުމުން، ޖީ20 ސަމިޓް ދޫކުރައްވައި އެގައުމުގެ ރައީސް އެނބުރި ގައުމަށް!
އެފްރިކާގެ އެންމެ ބޮޑު އާބާދީ އޮންނަ ނައިޖީރިއާގެ ނައިޖާ ސްޓޭޓްގެ ސްކޫލަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، 300 އަށްވުރެ ގިނަ ދަރިވަރުންނާއި ޓީޗަރުން ރަހީނުކުރުމާ ގުޅިގެން އުފެދުނު ކުއްލި ހާލަތާ ހެދި، އެގައުމުގެ ރައީސް ބޯލާ ޓިނޫބޫ ދެކުނު އެފްރިކާގައި ކުރިއަށްދާ ޖީ20 ސަމިޓް ދޫކުރައްވައި އެނބުރި ގައުމަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް ޓިނޫބޫ ވަނީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޖޮހަނަސްބާގަށް ވަޑައިގެން ހުންނަވަމުން، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ބައްދަލުވުންތައް ކެންސަލް ކުރައްވާފައެވެ.
މެދުތެރޭ ނައިޖީރިއާގައި ހުންނަ މި ކްރިސްޓިއަން ސްކޫލަށް ދިން ކުއްލި ހަމަލާއާ ގުޅިގެން މުޅި ގައުމަށް ވަނީ ސިހުން ލިބިފައެވެ. ކްރިސްޓިއަން އެސޯސިއޭޝަން އޮފް ނައިޖީރިއާ (ސީއޭއެން) އިން ފަހުން ކަށަވަރުކޮށްދިން ގޮތުގައި، 629 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ އެ ސްކޫލުން 303 ދަރިވަރުންނާއި 12 ޓީޗަރުން ވަނީ ރަހީނުކޮށްފައެވެ. މިއީ މުޅި ސްކޫލްގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.
Ads by BMLމިއީ ހަފްތާއެއްގެ ތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. މިދިޔަ ހޯމަ ދުވަހުވެސް އެހެން ސްކޫލަކުން 25 އަންހެން ކުދިން ރަހީނުކޮށްފައި ވެއެވެ. މިކަމާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ނައިޖާ ސްޓޭޓްގެ ސަރުކާރުން ވަނީ ހުރިހާ ސްކޫލެއް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި މައި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ސެކަންޑަރީ ފެންވަރުގެ 47 ބޯޑިންގ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލަން އަންގާފައެވެ.
ނައިޖާ ސްޓޭޓްގެ ގަވަރުނަރު މުހައްމަދު އުމަރު ބާގޯ ވިދާޅުވީ ރަހީނުކުރި މީހުންގެ ސީދާ އަދަދު ކަށަވަރުކުރުމަށާއި އެމީހުން ހޯދުމަށް އިންޓެލިޖެންސް އިދާރާތަކާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނައިޖީރިއާގެ ކްރިސްޓިއަނުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު، ނައިޖީރިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ނޫހޫ ރިބާޑޫއާ މަޝްވަރާކުރައްވައި، އެކަމަށް ގޮވާލައްވާފައިވާ ކަމަށެވެ.
މީގެ ދިހަވަރަކަށް އަހަރު ކުރިން ބޯކޯ ހަރާމް ޖަމާއަތުން ޗިބޮކްގެ ސްކޫލަކުން 300 އެއްހާ އަންހެން ކުދިން ރަހީނުކުރި ހިތާމަވެރި ހާދިސާގެ ހަނދާންތައް މިކަމުގެ ސަބަބުން ވަނީ އާވެފައެވެ. އޭރު ރަހީނުކުރި ކުދިންގެ ތެރެއިން ބައެއް ކުދިންގެ ޚަބަރެއް މިއަދާ ހަމައަށްވެސް ވެފައެއް ނުވެއެވެ.
Ads by MACL
