ދުބާއީ އެއަރ ޝޯވްގައި އިންޑިއާގެ ތޭޖަސް ފައިޓަރ ޖެޓެއް ވެއްޓި، ޕައިލެޓު މަރުވެއްޖެ
ދުބާއީ އެއަރ ޝޯވްގައި ވައިގެ ތެރޭގައި އެކްރޮބެޓިކް ޙަރަކާތްތައް ދައްކަމުން ދަނިކޮށް އިންޑިއާގެ ލައިޓް ކޮމްބެޓް އެއަރކްރާފްޓް (އެލް.ސީ.އޭ) ތޭޖަސް ފައިޓަރ ޖެޓެއް ވެއްޓި، އެ ޖެޓްގެ ޕައިލެޓް މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު މެންދުރުފަހު ގާތްގަނޑަކަށް 2:10 ގައި އަލް މަޚްތޫމް އިންޓަރނޭޝަނަލް އެއަރޕޯޓް (ދި ކްރޮސްޓަލް ވޯލްޑް ސެންޓަރ) ގައި ކުރިއަށް ގެންދިޔަ ޝޯވްގެ ތެރޭގައެވެ.
އެއަރ ޝޯވް ބަލަން ތިބި މީހުންނާއި އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޕައިލެޓް އެކަނި ދުއްވާ މިޖެޓް ތިރިއަށް ވައްޓާލުމަށް ފަހު އަނބުރާ ކޮޅަށް ނަގަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ، ބިމާ ކައިރިވެ، ބިމުގައި ޖެހި އަލިފާން ރޯވީއެވެ. ޖެޓް ވެއްޓުމާއެކު އެ ސަރަހައްދުން ބޯކޮށް ކަޅު ދުން އަރާފައިވެއެވެ.
Ads by BMLއިންޑިއާގެ އެއަރ ފޯސް (އައި.އޭ.އެފް) އިން ވަނީ މި އެކްސިޑެންޓްގެ ޚަބަރު ކަށަވަރުކޮށްދީ، ޕައިލެޓަށް ފަރުވާދެވުނު ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް ބުނެފައެވެ. މަރުވި ޕައިލެޓަކީ ވިންގް ކޮމާންޑަރ ނަމަންޝް ސިޔާލް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އައި.އޭ.އެފް އިން ވަނީ ޕައިލެޓުގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކޯޓް އޮފް އިންކުއަރީއެއް އެކުލަވާލާނެ ކަމަށް އިންޑިއާގެ އެއަރ ފޯސް އިން ބުނެއެވެ. އަދި މި ޖެޓް ވެއްޓުމުގެ ކުރިން އިންޓަރނެޓްގައި ބައެއް މީހުން ވަނީ ޖެޓުން ތެޔޮ ނުވަތަ އެހެން ދިޔާ އެއްޗެއް ލީކުވާ މަންޒަރު ފެންނަ ވީޑިއޯތައް ޝެއަރ ކޮށްފައެވެ. ނަމަވެސް، އިންޑިއާގެ ޑިފެންސް މިނިސްޓްރީން ވަނީ އެއީ ހަމަ އެކަނި ކޮންޑެންސޭޝަންގެ ސަބަބުން ވައި ތެތްކަމުގެ ދަށުން ދިމާވާ ކަމެއްކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.
ދުބާއީ އެއަރ ޝޯވްގެ ފަހު ދުވަހު މި ހާދިސާ ހިނގުމާއެކު، ޝޯވް ވަގުތީ ގޮތުން ހުއްޓާލާފައިވިއެވެ. ތޭޖަސްއަކީ އިންޑިއާގެ އެޗް.އޭ.އެލް (ހިންދުސްތާން އެއަރޮނޯޓިކްސް ލިމިޓެޑް) އިން އުފައްދާފައިވާ، އިންޑިއާގައި މަޝްހޫރު ޖެޓެކެވެ. މިއީ ތޭޖަސް ޖެޓެއް ވެއްޓުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2024 ވަނަ އަހަރު އިންޑިއާގެ ރާޖަސްތާންގައިވެސް މީގެ ޖެޓެއްގެ އެކްސިޑެންޓެއް ހިނގިއެވެ.
ދުބާއީ އެއަރ ޝޯވްއަކީ ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް އަދި ދުބާއީގެ ޙާކިމު، ޝައިޚް މުޙައްމަދު ބިން ރާޝިދު އާލް މަޚްތޫމްގެ ބެއްލެވުމުގެ ދަށުން ދެ އަހަރަކުން އެއް ފަހަރު ދުބާއީގައި ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ އެއަރ ޝޯވްއެކެވެ. މިއީ އެއަރޮސްޕޭސް، ސްޕޭސް އަދި ޑިފެންސް ދާއިރާގެ އެންމެ ބޮޑު އެއް މައުރަޒުގެ ގޮތުގައި ބެލެވޭ އެއް ޝޯވްއެވެ.
މި ޝޯވް އެންމެ ފުރަތަމަ 1986 ވަނަ އަހަރު ބާއްވާފައިވަނީ 'އަރަބް އެއަރ' ގެ ނަމުގައި ކަމަށްވާއިރު، 1989 ވަނަ އަހަރު މި ނަން 'ދުބާއީ އެއަރ ޝޯވް' އަށް ބަދަލުކޮށްފައިވެއެވެ. އޭގެ ފަހުން މި ޝޯވް ބޮޑުވެ ތަރައްޤީވެ، މިއަދު މި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވައިގެ ދަތުރުފަތުރާއި އަސްކަރީ ބާރުތަކުގެ އެންމެ ފަހުގެ އުފެއްދުންތަކާއި ޓެކްނޮލޮޖީތައް ދައްކާލައި، އަދި ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތައް ހެދޭ މުހިންމު މަންސައަކަށް ވެފައެވެ.
މި ޝޯވް އާންމުކޮށް ބާއްވަމުން އަންނަނީ އަލް މަޚްތޫމް އިންޓަރނޭޝަނަލް އެއަރޕޯޓް (ދުބާއީ ވޯލްޑް ސެންޓަރ - ޑަބްލިއު.ސީ.ސީ.) ގެ ކައިރީގައި ހާއްސަ ކުރެވިފައިވާ ސައިޓެއްގައެވެ.
Ads by MACL
