އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ
އޮސްޓްރޭލިއާ ސަރުކާރުން ޑިސެމްބަރު 10، 2025 އިން ފެށިގެން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ނިންމައިފިއެވެ. މިއީ ދުނިޔޭގެ ފުރަތަމަ މިފަދަ ސިޔާސަތެއް ކަމަށްވާއިރު، މި ފިޔަވަޅުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންނަށް ސޯޝަލް މީޑިއާއިން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާއި ނުރައްކާތަކުން ރައްކާތެރިކުރުމެވެ.
މި ޤާނޫނު ތަންފީޒުވުމާއެކު، ޑިސެމްބަރު 10 އިން ފެށިގެން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކައުންޓް ހެދުން މަނާވާނެއެވެ. މީގެ އިތުރުން، މިހާރު ހުރި އެކައުންޓްތައް ބަންދުކުރުމަށް ނުވަތަ ނައްތާލުމަށް ސޯޝަލް މީޑިއާ ކުންފުނިތަކުން ފިޔަވަޅުތައް އެޅުމަށް ޖެހޭނެއެވެ. ގިނަ މައިންބަފައިންގެ ތާއީދު މި ފިޔަވަޅަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅުމަށް ނިންމީ ކުޑަކުދިންނަށް ސޯޝަލް މީޑިއާއިން ކުރިމަތިވާ "ޕްރެޝަރުތަކާއި ރިސްކްތައް" ކުޑަކުރުމުގެ މަގުސަދުގައެވެ. މި އަހަރުގެ ކުރީކޮޅު ސަރުކާރުން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ 96 އިން ސައްތަ ސޯޝަލް މީޑިއާ ބޭނުންކުރެއެވެ. އަދި ކޮންމެ 10 ކުދިންގެ ތެރެއިން 7 ކުދިން ވަނީ ގެއްލުން ހުރި ކޮންޓެންޓާއި އަމަލުތަކާ ކުރިމަތިލާފައިވާ ކަމަށެވެ. މީގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށް ހިތްވަރުދޭ ކޮންޓެންޓް، ގްރޫމިންގ، އަދި ސައިބަރ ބުލީއިން ހިމެނެއެވެ.
Ads by BMLމި މަނާކުރެވޭ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް، ތްރެޑްސް، ޓިކްޓޮކް، އެކްސް، ޔޫޓިއުބް، ރެޑިޓް، ކިކް އަދި ޓްވިޗް ހިމެނެއެވެ. އޮންލައިން ގޭމިންގއަށް ވެސް މި މަނާކުރުން ފުޅާކުރުމަށް ސަރުކާރަށް ޕްރެޝަރ ކުރަމުން ދެއެވެ.
ޤާނޫނާ ޚިލާފުވުމުން ކުދިންނަށާއި މައިންބަފައިންނަށް އަދަބެއް ނުދެވޭނެއެވެ. ނަމަވެސް، ސޯޝަލް މީޑިއާ ކުންފުނިތައް މިކަން ތަންފީޒު ކުރަން ޖެހޭނެއެވެ. ސީރިއަސް ނުވަތަ ތަކުރާރުކޮށް ޚިލާފުވުމުން އެ ކުންފުނިތައް 32 މިލިއަން އެމެރިކާ ޑޮލަރުން ޖުރިމަނާ ކުރެވޭނެއެވެ. ސަރުކާރުން ބުނާގޮތުން މި ކުންފުނިތަކުން ކުދިން އެމީހުންގެ ޕްލެޓްފޯމްތަކުން ދުރުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅައި، އުމުރު ޔަޤީންކުރުމުގެ ޓެކްނޮލޮޖީތައް ބޭނުން ކުރަން ޖެހޭނެއެވެ.
ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސްގެ ވެރިފަރާތް މެޓާ އިން ވަނީ ޑިސެމްބަރު 4 އިން ފެށިގެން ޓީނޭޖް އެކައުންޓްތައް ބަންދުކުރަން ފަށާނެ ކަމަށް އިއުލާންކޮށްފައެވެ. އެހެން ޕްލެޓްފޯމްތަކުން މި މަނާކުރުމާ އެއްގޮތަށް އަމަލުކުރާނެ ގޮތް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
