ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް ނާދެ- އިއްޔެވެސް ހަތަރު މަރު!
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް ނާދެއެވެ. އެގޮތުން، އިއްޔެ ދިން ހަމަލާތަކެއްގައި ޝަހީދުވި ފަލަސްތީނުގެ ހަތަރު މީހެއްގެ ޖަނާޒާ މިއަދު ވަނީ ބާއްވާފައެވެ.
މީގެ އިތުރުން، އިޒްރޭލުން ވަނީ ހަނގުރާމައިގެ ދާއިރާ ފުޅާކޮށް، ލުބުނާނުގެ ވެރިރަށް ބައިރޫތަށް ވައިގެ ހަމަލާއެއް ދީފައެވެ. މި ހަމަލާގައި ހިޒްބުﷲގެ އެންމެ އިސް އެއް އަސްކަރީ ކޮމާންޑަރު، ހައިތަމް އަލީ ތަބާތަބާއީ އާއި އިތުރު ހަތަރު މީހުން ޝަހީދުވެފައިވެއެވެ.
ހިޒްބުﷲގެ އިސް އޮފިޝަލެއް ކަމަށްވާ މަހްމޫދު ގަމަތީ ވަނީ މި ހަމަލާ ސިފަކުރައްވާފައިވަނީ "ރަތް ރޮނގެއް" ހުރަސްކުރުން ކަމަށެވެ. އަދި މިކަމަށް ރައްދުދޭނެ ގޮތަކާމެދު ހިޒްބުﷲގެ އިސްވެރިން މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLޣައްޒާގެ އިންސާނީ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. އެހީ ހޯދުމަށް މަސައްކަތް ކުރުމުގެ ތެރޭގައި 800 އަށް ވުރެ ގިނަ ފަލަސްތީނު މީހުން މަރުވުމާ ގުޅިގެން "ޣައްޒާ ހިއުމޭނިޓޭރިއަން ފައުންޑޭޝަން" އިން ވަނީ އެ ޖަމިއްޔާގެ މަސައްކަތްތައް ނިމުމަކަށް ގެނައިކަން އިއުލާންކޮށްފައެވެ.
އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 69,733 މީހުން ޝަހީދުވެ، 170,863 މީހުން ޒަޚަމްވެފައިވެއެވެ.
ހަނގުރާމަ ފެށުމަށް މެދުވެރިވި، 2023 އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި 1,139 އިޒްރޭލު މީހުން މަރުވެ، 200 އެއްހާ މީހުން ވަނީ ރަހީނުކޮށްފައެވެ.
Ads by MACL
