ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާއަށް ކޮރަޕްޝަންގެ ކުށުގައި 21 އަހަރުގެ ޖަލު ހުކުމެއް!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާއަށް، ކޮރަޕްޝަންގެ ކުށުގައި މިއަދު 21 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. މި ހުކުމް އައީ ޑާކާގެ މަތީ ކޯޓުން، އޭނާގެ ޣައިރު ހާޒިރުގައި، ދައުލަތުގެ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކުރިކަމުގެ ތިން ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. ހަސީނާ މިހާރު ހުންނެވީ މިދިޔަ އަހަރު މުޒާހަރާތަކާ ގުޅިގެން ގައުމު ދޫކުރައްވައި ފިއްލަވައިގެން އިންޑިއާގަ އެވެ.
މިއަދު ހުކުމްކޮށްފައިވަނީ ހަސީނާގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އުފުލާފައިވާ ކޮރަޕްޝަންގެ ތިން ދައުވާއަކާ ގުޅިގެންނެވެ. މި ދައުވާތައް އުފުލާފައިވަނީ ޑާކާގެ އަގު ބޮޑު ސަރަހައްދަކުން ބިންތަކެއް ނަހަމަ ގޮތުގައި ހޯދައި، ދައުލަތުގެ މުދާ ފޭރުނު ކަމަށް ބުނެ އެވެ. ހުކުމް އިއްވެވި ފަނޑިޔާރު އަބްދުﷲ އަލް މައުމޫން ވިދާޅުވީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ހޯދުމަށް އޮތް ދަހިވެތިކަމާއި ކޮރަޕްޝަން ހިންގުމުގެ ނިޔަތް އޮތްކަން ހަސީނާގެ އަމަލުތަކުން ސާބިތުވާ ކަމަށެވެ.
"ދައުލަތުގެ މުދަލަކީ އަމިއްލަ މުދަލުގެ ގޮތުގައި ބަލައިގެން ހަސީނާ ދަހިވެތިކަމާ އެކުގައި ވަނީ ދައުލަތުގެ ވަސީލަތްތަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް އޭނާ އާއި އާއިލާގެ މަންފާއަށް ބޭނުންކޮށްފައި،" ފަނޑިޔާރު ވިދާޅުވި އެވެ. މިއީ ވެރިކަމުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކޮށް ދައުލަތަށް ލިބެންޖެހޭ ފައިދާ އަމިއްލަ ނަފްސަށް ހޯދުމުގެ ސާފު މިސާލެއް ކަމަށް ކޯޓުން ފާހަގަކުރި އެވެ.
Ads by BMLމިދިޔަ މަހުގެ 17 ވަނަ ދުވަހު, އިންސާނިއްޔަތާ ހިލާފް އަމަލު ހިންގުމުގެ ކުށުގައި ހަސީނާ ދަންޖައްސައި މަރަން ވެސް ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އިއްވި އިރުވެސް އޭނާ ހުންނެވީ ޣައިރު ހާޒިރުގަ އެވެ. 78 އަހަރުގެ ހަސީނާ ކޯޓު އަމުރުތަކަށް ތަބާނުވެ މިހާރު ވެސް ހުންނެވީ އިންޑިއާގަ އެވެ.
ހަސީނާ މިދިޔަ އަހަރުގެ އޯގަސްޓް ފަސް ވަނަ ދުވަހު ހެލިކޮޕްޓަރެއްގައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތުމަށް ފަހު، އެނބުރި ބަންގްލަދޭޝްއަށް ވަޑައިގެންފައެއް ނުވެ އެވެ. މި ދައުވާތަކުގައި، އެމެރިކާގައި އުޅުއްވާ ހަސީނާގެ ދަރިކަލުން ސަޖީބް ވާޒިދު އަދި އދ.ގެ އިސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދަރިކަނބަލުން ސައިމާ ވާޒިދު ވެސް ފަސް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ދައުލަތުގެ ވަކީލް މުއީނުލް ހަސަން ވިދާޅުވީ، ހަސީނާއަށް އިއްވި ހުކުމާ މެދު ހިތްހަމަޖެހިވަޑައިނުގަަންނަވާ ކަމަށެވެ. އެންމެ ބޮޑު އަދަދު ކަނޑައަަޅަން ބޭނުންވާތީ، ހުކުމް އިސްތިއުނާފުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާއަށް ކޮރަޕްޝަންގެ ކުށުގައި 21 އަހަރުގެ ޖަލު ހުކުމެއް އައުމަކީ، އޭނާގެ ސިޔާސީ މުސްތަގުބަލަށް އަސަރުކުރުވަނިވި ނިންމުމެކެވެ. އިންސާނިއްޔަތާ ހިލާފު އަމަލުތަކުގެ ދައުވާގައި މަރުގެ ހުކުމެއް އައިސްފައިވާ ދަނޑިވަޅެއްގައި މިހުކުމް އައުމުން، ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލިވެ، ކުރިއަށް އޮތްތަނުގައި ގިނަ ގާނޫނީ ހަނގުރާމަތަކެއް ހަސީނާއަށް ކުރިމަތިވާނެކަން ވަނީ ޔަގީންވެފަ އެވެ.
Ads by MACL
