ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރަ: މަރުވި މީހުން 69 އަށް އަރައިފި

މާދަމާގެ ނިޔަލަށް ވިއްސާރަ ގަދަވާނެކަމަށް ވަނީ ލަފާކޮށްފައި ---
މާދަމާގެ ނިޔަލަށް ވިއްސާރަ ގަދަވާނެކަމަށް ވަނީ ލަފާކޮށްފައި ---

އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން އުފެދިފައިވާ ތޫފާން "ދީތުވާ" ގެ އަސަރުން މަރުވި މީހުންގެ އަދަދު 69 އަށް އަރައިފި އެވެ.

އެ ގައުމުގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، 34 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، ސިފައިންނާއި އެހެނިހެން އެހީދޭ ފަރާތްތަކުން އަންނަނީ ފުޅާ ދާއިރާއެއްގައި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނި ގޮތުގައި މަރުވި މީހުންގެ އަދަދު މައްޗަށް ދިޔައީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ހިސާބުތަކުން އިތުރު ހަށިތަކެއް ފެނުމުންނެވެ. މި މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވެފައިވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ދިރިތިއްބާ ވަޅުލެވިގެން ކަމަށް ޑީއެމްސީން ހާމަކުރެ އެވެ.

ޑީއެމްސީން އިތުރަށް ބުނި ގޮތުގައި ގައުމުގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހެމުންދާއިރު، ބައެއް ހިސާބުތަކަށް މިދިޔަ 24 ގަޑިއިރު ތެރޭ 360 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ވެރިރަށް ކޮލަމްބޯ ކައިރީގައި އޮންނަ ކެލާނީ ރިވަ އިއްޔެ ފުރިގެން ބަންޑުންވާން ފަށާފައިވާއިރު، ކޮލަމްބޯގައި ވެސް ދުވަހަކު ވެސް ނުދެކޭވަރަށް ފެން ބޮޑުވެދާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ސަބަބުން 3،000 އަށް ވުރެ ގިނަ ގެޔަށް ގެއްލުންވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި، މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތީ ތަންތަނަށް ނުވަތަ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. މި ހާލަތުގެ ސަބަބުން އެތައް ހާސް ބައެއްގެ ދިރިއުޅުމަށް ވަނީ ބޮޑު ބުރައެއް ކުރިމަތިވެފަ އެވެ.

ސިފައިންނާއި އެހެނިހެން ސަލާމަތީ ފަރާތްތަކުން އަންނަނީ ފުޅާ ދާއިރާއެއްގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހެލިކޮޕްޓަރުތަކާއި ކުދި ބޯޓުތައް ބޭނުންކޮށްގެން، ގަސްގަހުގެ ކުރިއަށް އަރައި ތިބި މީހުންނާއި، ފުރާޅުތަކުގެ މަތީގައި ތިބި މީހުން އަދި ދުރު އަވަށްތަކުގައި ތިބި މީހުން ސަލާމަތްކުރުމަށް ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ.

ޑީއެމްސީން ހާމަކުރި ގޮތުގައި، މި ތޫފާނު މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫއާ ދިމާއަށެވެ. މާދަމާގެ ނިޔަލަށް ލަންކާއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭއިރު، އެހެންކަމުން މި ކާރިސާގެ ނުރައްކާ އަދިވެސް ވަރަށް ބޮޑު ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮފަ އެވެ.

ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރިމަތިވެފައިވާ މި ބޮޑު ކާރިސާއިން އަރައިގަތުމަށް ގައުމީ ފެންވަރުގައި މަސައްކަތްތައް ކުރިއަށްދާއިރު، މަރުވި މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ. ގެއްލުންވެފައިވާ މީހުން ހޯދުމުގެ މަސައްކަތާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތްތައް ނުނިމި ކުރިއަށްދާއިރު، ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ވަރަށް ބޮޑެވެ.