ސްރީލަންކާގެ ވިއްސާރާގައި ޚަބަރެއްނުވި ދިވެހި އާއިލާ ތިބީ ސަލާމަތުންކަން ކަށަވަރުވެއްޖެ
ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ހާދިސާތަކުގެ ތެރެއިން، ނުވަރަލިޔާއިން ޚަބަރު ނުވެގެން ހޯދަމުން ދިޔަ ދިވެހި އާއިލާއެއް ސަލާމަތުން ތިބިކަން ކަށަވަރުވެއްޖެއެވެ. މި އާއިލާއާ ގުޅުން ކެނޑުނީ އެ ސަރަހައްދުގެ ކަރަންޓު ކެނޑިފައިވުމުން ކަމަށް ވެއެވެ. މި ވިއްސާރާގައި މިހާތަނަށް 56 މީހުން މަރުވެފައިވާއިރު، އެ ގައުމުގެ އެކި ހިސާބުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މާލެއިން ރިޕޯޓް ކޮށްފައިވަނީ، ނުވަރަލިޔާއަށް ޗުއްޓީއަށް ގޮސް އުޅޭ ދިވެހި ފިރިހެނަކާއި އޭނާގެ ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ހިމެނޭ އާއިލާއަކާ ގުޅޭގޮތް ނުވެގެންނެވެ. އެމްބަސީން ވަނީ އެ އާއިލާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެމްބަސީއިން މައުލޫމާތު ދިންގޮތުގައި، މި އާއިލާއާ ގުޅުމުގެ ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އިއްޔެ ހަވީރާ ހަމައަށް ވެސް ގުޅޭގޮތް ނުވުމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ލަންކާއަށް ކުރަމުން އަންނަ މޫސުމީ ގޯސްވުމުގެ ސަބަބުން ގުޅުން ކެނޑިފައިވާ ހިސާބުތައް ގިނަކަމުން، މައުލޫމާތު ހޯދުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އެމްބަސީން ބުންޏެވެ.
Ads by BMLނަމަވެސް، ފަހުން ލިބުނު މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި، މި އާއިލާ މިހާރު ވަނީ ސަލާމަތުންކަން ކަށަވަރުވެފައެވެ. އެމީހުން ތިބީ ލަންކާ މީހެއްގެ ގޭގައެވެ. އަދި ހުރިހާ އެންމެންގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ ކުރިން ގުޅޭގޮތް ނުވީ އެ ސަރަހައްދުން ކަރަންޓު ކެނޑިފައި އޮތުމުން ކަމަށް ވެސް ވަނީ ހާމަވެފައެވެ.
ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ގަދަ ވިއްސާރާގައި 56 މީހުން މަރުވެފައިވާއިރު، ފެންބޮޑުވުމުގެ އިތުރުން، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. މޫސުން އެންމެ ގޯސް ހިސާބުތަކުގެ ތެރޭގައި، ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ކޮލޮމްބޯ ވެސް ހިމެނެއެވެ.
ލަންކާގައި މިވަގުތު ގާތްގަނޑަކަށް 1800 ދިވެހިން ދިރިއުޅެމުންދާއިރު، މިހާތަނަށް އައިސްފައިވާ ގެއްލުންތަކުގެ ތެރެއިން އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށް އެމްބަސީން ބުނެއެވެ. ލަންކާގެ މޫސުމާބެހޭ ޑިޕާޓްމަންޓުން ވަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކެލާނީ ކޯރު ވާދީގެ ތިރި ސަރަހައްދުތަކަށް ފެންބޮޑުވެދާނެކަމުގެ ރަތް އިންޒާރު ނެރެފައެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހައިކޮމިޝަނުން ވަނީ، ގަދަވަޔާއެކު ވާރޭވެހޭއިރު ހިޔާވަހިތަނެއްގައި ތިބުމަށާއި، ރައްކާތެރި ސަރަހައްދުތަކުގައި ތިބުމަށް ލަފާދީފައެވެ. އަދި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ގުޅުމަށް އެމްބަސީގެ ހޮޓްލައިން ނަންބަރަކީ 09476991666 ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
Ads by MACL
