ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ކޮލޮމްބިއާގެ ކުރީގެ ރައީސް އޫރިބޭގެ ބޭބެއަށް 28 އަހަރުގެ ޖަލު ހުކުމެއް

ކޮލޮމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އޫރިބޭގެ ބޭބެ ސެންޓިއާގޯ އޫރިބޭ --
ކޮލޮމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އޫރިބޭގެ ބޭބެ ސެންޓިއާގޯ އޫރިބޭ --

ކޮލޮމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އޫރިބޭގެ ބޭބެ ސެންޓިއާގޯ އޫރިބޭ ވެލެޒްއަށް، މީހުން މެރުމުގެ ދަޢުވާ އާއި ޕެރަމިލިޓަރީ ގްރޫޕެއް ހިންގުމުގެ ކުށުގައި ބޮގޯޓާގެ ކޯޓަކުން 28 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި ހުކުމް އިއްވީ ނޮވެމްބަރު 25، 2025 (އިއްޔެ) އެވެ. މި ހުކުމަކީ، ގައުމުގެ ދާޚިލީ ހަނގުރާމައިގައި ހިނގާފައިވާ ލާއިންސާނީ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކުރެވިފައިވާ ހުކުމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސެންޓިއާގޯ އޫރިބޭ ވެލެޒްއަށް ދައުވާ އުފުލާފައިވަނީ 1994 ވަނަ އަހަރު ދަނޑުވެރިޔަކު ކަމަށްވާ ކަމިލޯ ބެރިއެންޓޯސް މަރާލުމާއި، "12 އެޕޮސްޓަލްސް"ގެ ނަމުގައި މަޝްހޫރު ޕެރަމިލިޓަރީ ގްރޫޕެއް އުފައްދައި ހިންގުމުގެ ކުށުގައެވެ. މި ގްރޫޕަކީ، 1990ގެ އަހަރުތަކުގެ ކުރީކޮޅު، ކޮލޮމްބިއާގެ އެންޓިއޯކިއާ ޕްރޮވިންސުގައި ހަރަކާތްތެރިވި ގްރޫޕެކެވެ.
"12 އެޕޮސްޓަލްސް" ގްރޫޕުގެ މައްޗަށް ތުހުމަތު ކުރެވެނީ ގެރިއްލާ ހަނގުރާމަވެރިންނަށް އެހީތެރިވާ ކަމަށް ނުވަތަ އެމީހުންނާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކާއި، ކުށްވެރިންނަށް އަމާޒުކޮށް "ސޯޝަލް ކްލީންސިން" ނުވަތަ މުޖުތަމައު ސާފުކުރުމުގެ ނަމުގައި ގަތުލުތައް ހިންގާފައިވާ ކަމަށެވެ. މިގޮތުން، އެ ސަރަޙައްދުގައި ބިރުވެރިކަން ފަތުރާ، ގަދަބާރުން މީހުން މަރާފައިވާ ކަމަށް ވަނީ ހެކިބަސް ދެވިފައެވެ.
ކުރީގެ ރައީސް އަލްވާރޯ އޫރިބޭ ވަނީ އޭނާގެ ބޭބެގެ ދިފާޢުގައި ވަރުގަދަޔަށް ވާހަކަ ދައްކާފައެވެ. އަދި މި ހުކުމަކީ ސިޔާސީ ބޭނުމަކަށް ކުރެވުނު އަނިޔާވެރި ޢަމަލެއް ކަމަށް ސިފަކޮށްފައެވެ. އަލްވާރޯ އޫރިބޭއަށް ވެސް ވަނީ ޕެރަމިލިޓަރީ ގްރޫޕުތަކާ ގުޅުންހުރި މައްސަލަތަކުގައި ދައުވާ އުފުލިފައެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހުކުމަކީ ކޮލޮމްބިއާގެ ތާރީޚުގައި މުހިންމު ސޮފްޙާއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޚާއްސަކޮށް، ބާރުގަދަ ފަރާތްތަކާއި އެމީހުންގެ އާއިލާތަކުގެ މެދުގައި ވެސް ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ކަމާއި، ޖަވާބުދާރީވުން މުހިންމު ކަމުގެ މެސެޖެއް މި ހުކުމުން ދެއެވެ. މިކަމުގެ ސަބަބުން، ހަނގުރާމައިގެ ޒަމާނުގައި އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައިދިނުމުގެ މަގު ފަހިވާނެ ކަމަށް ގިނަބަޔަކު އުންމީދު ކުރެއެވެ.

މި ހުކުމާ ގުޅިގެން ސެންޓިއާގޯ އޫރިބޭގެ ވަކީލުން ފަރާތުން މަތީ ކޯޓަށް އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެއެވެ.