ޣައްޒާއިން އިޒްރޭލު ފައިބައި ބައިނަލްއަގުވާމީ ފައުޖެއް އައުމުން ނޫނީ ސުލްހައެއް ނެތް: މިސުރާއި ގަތަރު
ޣައްޒާއިން އިޒްރޭލު ފައިބައި ބައިނަލްއަގުވާމީ ފައުޖެއް އައުމުން ނޫނީ ސުލްހައެއް ނެތްކަމަށް މިސުރާއި ގަތަރުން ބުނެފިއެވެ.
ޣައްޒާގައި އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާ ދިނުން ހުއްޓާލުމަށް އެކުލަވާލާފައިވާ އެއްބަސްވުމަށް ޔަގީންކަން ދޭ ދެ ގައުމު ކަމަށްވާ މިސްރާއި ގަތަރުން ބުނެފައިވަނީ، އެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފުރިހަމައަށް ތަންފީޒުކޮށް ފެށޭނީ އިޒްރޭލު ސިފައިން ޣައްޒާއިން މުޅިން ފައިބައި، ބައިނަލްއަގުވާމީ ފައުޖެއް އެ ސަރަހައްދަށް ފޮނުވުމުން ކަމަށެވެ. ޑޮނަލްޑް ޓްރަމްޕްގެ އިސްނެގުމަށް އދ.ގެ ސަލާމަތީ މަޖިލީހުންވެސް އެންޑޯޒްކޮށްފައިވާ މި އެއްބަސްވުމަކީ، ޣައްޒާގައި ދެ އަހަރަށްވުރެ ދިގުދެމިގެންދިޔަ ހަމަލާތައް ނިމުމަކަށް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އޮކްޓޫބަރު 10 އިން ފެށިގެން އަމަލުކުރަން ފަށާފައިވާ މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލު ސިފައިން ވަނީ "ރީނދޫ ރޮނގު" ގެ ފަހަތަށް ޖެހިފައެވެ. މި ހަރަކާތާ ގުޅިގެން ހަމާސްއިން ވަނީ އިޒްރޭލުގެ ދިރިތިބި ހުރިހާ ރަހީނުން މިނިވަންކޮށް، އަދި މަރުވި ރަހީނުންގެ ހަށިތަކުގެ ތެރެއިން އެންމެ ހަށިގަނޑެއް ނޫން ބާކީ ހުރިހާ ހަށިގަނޑެއް ވަނީ ހަވާލުކޮށްފައެވެ.
Ads by BMLއެއްބަސްވުމުގެ ދެވަނަ މަރުހަލާގައި ޣައްޒާއިން އިޒްރޭލު ސިފައިން އެއްކޮށް ފޭބުމާއި، ޣައްޒާ ހިންގުން ވަގުތީ ކޮމިޓީއަކާ ހަވާލުކުރުމާއި، ބައިނަލްއަގުވާމީ ފައުޖަކުން އެ ސަރަހައްދުގައި ސުލްހަ ބެލެހެއްޓުން ހިމެނެއެވެ. ނަމަވެސް މި ފިޔަވަހި ނިމި ދެވަނަ ފިޔަވަހީގައި ބުނާ ކަންކަން ތަންފީޒުކުރަން ފަށާނެ ގޮތަކާ މެދު އަދި އެއްބަސްވުމަކަށް ނާދެވެއެވެ.
ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ، ދޯހާ ފޯރަމްގައި އިއްޔެ ވިދާޅުވެފައިވަނީ، ޣައްޒާގައި ހަމަޖެހުން ގާއިމުވުމުން ނޫނީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުނުވާނެ ކަމަށެވެ. މިސްރުގެ ފޮރިން މިނިސްޓަރު ބަދްރު އަބްދުއްލަތީ ވިދާޅުވީ ޣައްޒާއަށް ވީ އެންމެ އަވަހަކަށް ފައުޖުތައް ފޮނުވަންޖެހޭ ކަމަށާއި، އިޒްރޭލުން ކޮންމެ ދުވަހަކުވެސް އެއްބަސްވުމާ ހިލާފު އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެއްވިއެވެ.
ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްކުރުވީ ގަތަރާއި މިސްރުގެ އިތުރުން އެމެރިކާވެސް މަސައްކަތްކޮށްގެންނެވެ. ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި މި ހަމަލާތައް ހުއްޓުމަކަށް ގެނެވުނު ނަމަވެސް، ބައިނަލްއަގުވާމީ ފައުޖެއް ޣައްޒާއަށް ފޮނުވުމުގައި އަރަބި އަދި އިސްލާމީ ގައުމުތަކުން ވަނީ ފަސްޖެހިފައެވެ. އެއީ އެ ފައުޖާއި ފަލަސްތީނުގެ ޖަމާއަތްތަކާ ދެމެދު ކުރިމަތިލުމަކަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
ދޯހާ ފޯރަމްގައި ތުރުކީއާއި އެހެން ބައެއް ގައުމުތަކުންވެސް ވަނީ ޣައްޒާގައި ދާއިމީ ސުލްހައެއް ގާއިމުކުރުމުގައި ކުރިއަށްދާންވީ ގޮތަކާ ބެހޭގޮތުން މުހިންމު ވާހަކަތައް ދައްކައިފައެވެ. މި ހާލަތުގައި އެއްބަސްވުމުގެ ދެވަނަ މަރުހަލާ ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުރު މަސައްކަތްތަކެއް ބޭނުންވާކަން ފާހަގަކުރެވެއެވެ.
Ads by MACL
