އިންޑިގޯގެ ދަތުރުތައް ބޮއްސުންލުމުން ވެރިންނަށް އިންޒާރު، ހައްލުވާނީ 15 ގައި
އިންޑިއާގެ އެންމެ ބޮޑު އެއާލައިން، އިންޑިގޯގެ އޮޕަރޭޝަންތަކަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމާ އެކު، އެތައް ހާސް ފަސިންޖަރުންނެއް ތާށިވެފައި ވަނިކޮށް، އެކަމުގެ ޒިންމާ އުފުލުމަށް އެއާލައިންގެ އެންމެ އިސްވެރިންނަށް އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓަރުން އަންގައިފިއެވެ.
މި މައްސަލަ އެންމެ ބޮޑަށް ގޯސްވެފައިވަނީ ހައިދަރުއާބާދުގެ ރަޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އެތަނުން އެކަނިވެސް އިންޑިގޯގެ 77 ފްލައިޓް ކެންސަލްކުރަން ޖެހުނުއިރު އޭގެ ތެރޭގައި 38 އެރައިވަލް އާއި 39 ޑިޕާޗާ ހިމެނެއެވެ. ހަމައެއާއެކު މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އެ އެއާލައިންގެ ޝެޑިއުލްތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.
މި ހާލަތާ ގުޅިގެން ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވަނީ އިންޑިގޯގެ ސީއީއޯ ޕީޓާ އެލްބާސް އާއި ސީއޯއޯ އިސިޑްރޯ ޕޯރްކެރަސް އަށް ޝޯކޯޒް ނޯޓިސް ފޮނުވައި، މިއަދު ހަވީރު 6:00 ގެ ކުރިން މިކަން ދިމާވި ސަބަބު ބަޔާންކޮށްދިނުމަށް އަމުރުކޮށްފައެވެ. ރެގިއުލޭޓަރުން ތުހުމަތުކުރާ ގޮތުގައި އެއާލައިންގެ ޕްލޭނިންގ ދޯދިޔާވުމާއި، އޯވަސައިޓް އަދި ރިސޯސް މެނޭޖްމަންޓްގައި ބޮޑެތި އިހުމާލުތަކެއް އެބަހުއްޓެވެ.
Ads by BMLއިންޑިގޯއިން ބުނާ ގޮތުގައި މައްސަލަ ދިމާވީ ޕައިލެޓުންގެ ފްލައިޓް ޑިއުޓީ ޓައިމް ލިމިޓް (އެފްޑީޓީއެލް) އަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. ނަމަވެސް ޑީޖީސީއޭއިން ދެކޭ ގޮތުގައި އާ އުސޫލަށް އަމަލުކުރަން ފެށިއިރު، ދަތުރުތަކަށް ބުރޫ ނާރާނެހެން ޑިއުޓީ ރޯސްޓާ ކުރުމުގައާއި އެކަށީގެންވާ ވަރަށް މުވައްޒަފުން ހޯދުމުގައި އިންޑިގޯ ވަނީ ފެއިލްވެފައެވެ.
މިކަމާ ގުޅިގެން، އާ އުސޫލަށް އަމަލުކުރުން ވަގުތީ ގޮތުން ފަސްކޮށްދީ، މި ކާރިސާއިން އަރައިގަތުމަށް ޕައިލެޓް ޖަމިއްޔާތަކުން އެއްބާރުލުން ދިނުމަށް ޑީޖީސީއޭއިން ވަނީ އެދިފައެވެ. މީގެ އިތުރުން ޗުއްޓީ ދުވަސްވަރު ކަމަށްވެފައި މޫސުން ގޯސްވުމާއި ވައި ނުސާފުވުމުގެ ސަބަބުން ވެސް އޮޕަރޭޝަނަށް އިތުރު ޕްރެޝަރެއް އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އިންޑިގޯގެ ސީއީއޯ ވިދާޅުވި ގޮތުގައި، ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކުރަން ޖެހުނީ ނެޓްވޯކް އަލުން ތަރުތީބުކޮށް "އާ ފެށުމަކުން ފެށުމަށެވެ". އަދި މައްސަލަތައް މުޅިން ހައްލުކޮށް، އާންމު ހާލަތަށް ރުޖޫއަވުމަށް 5 ދުވަސް ނަގާނެ ކަމަށާއި، އުންމީދަކީ މި މަހުގެ 15 ވަނަ ދުވަހު ޚިދުމަތްތައް ފުރިހަމަވުން ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by MACL
