ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޖަޕާނަށް އައި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީ އިންޒާރު އުވާލައިފި

ޖަޕާނަށް އައި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީ އިންޒާރު އުވާލައިފި

ޖަޕާނަށް އައި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީ އިންޒާރު އުވާލައިފިއެވެ.

ޖަޕާނުގެ އުތުރަށް ހޯމަ ދުވަހުގެ ރޭ އައި 7.5 މެގްނިޓިއުޑްގެ ބާރުގަދަބިންހެލުމުގެ ސަބަބުން 23 މީހުންނަށް އަނިޔާވެފައިވާއިރު، ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރުތައް ގަޑިތަކެއް ފަހުން ވަނީ އުވާލައިފައެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އެޖެންސީ (ޖޭއެމްއޭ) އިން ބުނި ގޮތުގައި، މި ބިންހެލުން އުފެދިފައި ވަނީ އާއޮމޯރީ ޕްރިފެކްޗާގެ އައްސޭރިފަށުން 80 ކިލޯމީޓަރު ދުރުން، 50 ކިލޯމީޓަރު އަޑިންނެވެ.
ޖޭއެމްއޭ އިން ފުރަތަމަ ބުނީ ބިންހެލުން އައުމަށްފަހު ޖަޕާނުގެ އުތުރުގެ އިރުމަތީ އައްސޭރިއަށް 3 މީޓަރުގެ ސުނާމީއެއް އެރުން އެކަށީގެންވާ ކަމަށެވެ. އަދި މި ބިންހެލުން އައީ ހޯމަ ދުވަހުގެ ރޭ 11:15 (ޖީއެމްޓީން 14:15) ގައި ކަމަށް ޖޭއެމްއޭ އިން ބުނެއެވެ.

ހޮކައިޑޯ، އާއޮމޯރީ، އަދި އިވާޓޭ ޕްރިފެކްޗާސްއަށް ސުނާމީ އިންޒާރުތައް ނެރުނުއިރު، ބައެއް ބަނދަރުތަކަށް 20 އާއި 70 ސެންޓިމީޓަރުގެ ރާޅުތައް އަރާފައިވާ ކަމަށް ޖޭއެމްއޭ އިން ފާހަގަކުރިއެވެ.
އަންގާރަ ދުވަހުގެ ފަތިހު ޖޭއެމްއޭ އިން ވަނީ ސުނާމީގެ އިންޒާރުތައް ދަށްކޮށް، ސަމާލުކަމުގެ އިންޒާރަށް ބަދަލުކޮށްފައެވެ. މީގެ މާނައަކީ ރާޅުގެ އުސްމިން ދަށްވެ، ފެންބޮޑުވުމުގެ ނުރައްކާ ކުޑަވެފައިވާ ކަމެވެ. ފަޔަރ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން ބުނީ މި ބިންހެލުމާ ގުޅިގެން 23 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށެވެ. އަނިޔާވި ގިނަ މީހުންނަށް އަނިޔާވެފައި ވަނީ ވެއްޓުނު ތަކެތީގެ ސަބަބުން ކަމަށް އާންމު ރޭޑިއޯ ބްރޯޑްކާސްޓަރު އެންއެޗްކޭ އިން ރިޕޯޓްކޮށްފައިވެއެވެ.

ބޮޑުވަޒީރު ސަނާއެއި ތަކައިޗީ އާއި ކެބިނެޓްގެ ސެކްރެޓަރީ މިނޯރު ކިހާރާ ވަނީ އަސަރުކުރި ސަރަހައްދުތަކުގެ ރައްޔިތުންނަށް އަވަހަށް ރައްކާތެރި ތަންތަނަށް، އުސް ބިންތަކަށް ނުވަތަ ހާއްސަ އިމާރާތްތަކަށް ހިޖުރަކުރުމަށް ގޮވާލާފައެވެ. ކިހާރާ ވިދާޅުވީ ގާތްގަނޑަކަށް 800 ގޭބިސީއަކަށް ކަރަންޓުގެ ހިދުމަތް ނުލިބޭ ކަމަށާއި، 480 ރައްޔިތުން ހަޗިނޮހޭ އެއަރބޭސްގައި ހިމާޔަތް ހޯދާފައިވާ ކަމަށެވެ. ދިފާޢީ ވަޒީރު ޝިންޖިރޯ ކޮއިޒޫމީ ވިދާޅުވީ ގެއްލުންތައް ބެލުމަށް 18 ދިފާޢީ ހެލިކޮޕްޓަރު މޮބައިލްކޮށްފައިވާ ކަމަށެވެ.

އިރުމަތީ ޖަޕާނު ރެއިލްވޭ އިން ބުނީ މި ސަރަހައްދުގެ ބައެއް ރޭލު ދަތުރުތައް ހުއްޓާލާފައިވާ ކަމަށެވެ. އަސަރުކުރި ސަރަހައްދުތަކުގައި ހުރި ނިއުކްލިއަރ ބާރު އުފައްދާ މަރުކަޒުތަކުން ސަލާމަތީ އޮޑިޓްތައް ހަދަމުންދާ ކަމަށާއި، މިހާތަނަށް އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށް އެންއެޗްކޭ އިން ރިޕޯޓްކުރެއެވެ. އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) އިން ވެސް ބުނީ ފުކުޝިމާ ނިއުކްލިއަރ ބާރު އުފައްދާ މަރުކަޒުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ޖަޕާނަކީ ދުނިޔޭގައި ބިންހެލުން ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެ ގައުމު އޮންނަނީ "ރިންގް އޮފް ފަޔަރ" ގެ ނަމުން މަޝްހޫރު، ބިންހެލުން ގިނަ ސަރަހައްދެއްގައެވެ. ދުނިޔޭގައި އަންނަ 6.0 ނުވަތަ އެއަށްވުރެ ބޮޑެތި ބިންހެލުންތަކުގެ ގާތްގަނޑަކަށް 20 އިންސައްތަ އަންނަނީ ޖަޕާނަށެވެ. 2011 ވަނަ އަހަރު އެ ގައުމަށް ވަނީ 9.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާއި ސުނާމީއެއްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.