ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ނޫސްވެރިންގެ "އެންމެ ބޮޑު ދުޝްމަން" ގެ ގޮތުގައި ޖެހިޖެހިގެން 3 ވަނަ އަހަރު އިޒްރޭލު ކަނޑައަޅައިފި

ނޫސްވެރިންގެ "އެންމެ ބޮޑު ދުޝްމަން" ގެ ގޮތުގައި ޖެހިޖެހިގެން 3 ވަނަ އަހަރު އިޒްރޭލު ކަނޑައަޅައިފި

ނޫސްވެރިންގެ "އެންމެ ބޮޑު ދުޝްމަން" ގެ ގޮތުގައި ޖެހިޖެހިގެން 3 ވަނަ އަހަރު އިޒްރޭލު ކަނޑައަޅައިފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އަންގާރަ ދުވަހު ނެރުނު އަހަރީ ރިޕޯޓުގައި، ޖެހިޖެހިގެން ތިންވަނަ އަހަރު ވެސް ދުނިޔޭގައި ނޫސްވެރިންނަށް އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ ނޫސްވެރިން މަރާފައިވާ ޤައުމުގެ ގޮތުގައި އިޒްރޭލު ކަނޑައަޅައިފިއެވެ.

ފްރާންސްގެ ޕެރިހުގައި މައި އިދާރާ ހުންނަ އާރުއެސްއެފްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ 2025 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 67 ނޫސްވެރިން މަރާލާފައިވެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ނޫސްވެރިން، ނުވަތަ 43 އިންސައްތަ މީހުން މަރުވެފައިވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައެވެ. ރިޕޯޓުގައިވާ ގޮތުން އިޒްރޭލު ސިފައިންގެ ޝިކާރައަކަށްވެ، ޣައްޒާއިން އެކަނިވެސް ފަލަސްތީނުގެ 29 ނޫސްވެރިއެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މި ރިޕޯޓުގައި އާރުއެސްއެފްއިން ވަނީ އިޒްރޭލު ސިފައިންނަކީ "ނޫސްވެރިންގެ އެންމެ ބޮޑު ދުޝްމަން" ގެ ގޮތުގައި ސިފަކޮށްފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށިފަހުން، މިހާތަނަށް ގާތްގަނޑަކަށް 220 ނޫސްވެރިން މަރާލާފައިވާކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. އަދި ޝަހީދުކޮށްލާ ނޫސްވެރިންނަކީ "ޓެރަރިސްޓުން" ކަމަށް ބުނެ އިޒްރޭލުން އެކަން ދިފާއުކުރާކަމަށްވެސް ރިޕޯޓުގައިވެއެވެ.

މި އަހަރުގެ ތެރޭގައި ނޫސްވެރިންނަށް އެންމެ ލޭ އޮހޮރުވުން ބޮޑު ދުވަހެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އޮގަސްޓު މަހުގެ 25 ވަނަ ދުވަހެވެ. އެ ދުވަހު ޣައްޒާގެ ދެކުނުގައި ހުންނަ ހޮސްޕިޓަލަކަށް އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާއެއްގައި އެއްފަހަރާ ފަސް ނޫސްވެރިން މަރާލާފައިވެއެވެ.

ޣައްޒާ ހިސޯރުކޮށްގެން އޮންނަ އޮތުމުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ބޭރުގެ ނޫސްވެރިންނަށް ޣައްޒާއަށް ވަނުން މަނާކޮށްފައިވާއިރު، އެ ސަރަހައްދަށް ވަދެވެނީ ހަމައެކަނި އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށުން އިންތިޒާމުކުރާ ދަތުރުތަކުގައެވެ. ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން މިނިވަންކަމާއެކު ޣައްޒާއަށް ވަނުމުގެ ހުއްދައަށް ތަކުރާރުކޮށް އެދުނު ނަމަވެސް، އިޒްރޭލުން ދަނީ އެކަމަށް އިންކާރު ކުރަމުންނެވެ.

އިޒްރޭލުގެ މި އަމަލުތަކާ ދެކޮޅަށް އާރުއެސްއެފްއިން ދަނީ ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުލަމުންނެވެ. އެގޮތުން ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ތަހުގީގުކުރުމަށް އެދި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށް މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ވަނީ ފަސްވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައެވެ.