ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ކަރާޗީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކެއްގައި ކުޑަކުއްޖަކު ހިމެނޭހެން 4 މީހުން މަރުވެއްޖެ

ކަރާޗީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކެއްގައި ކުޑަކުއްޖަކު ހިމެނޭހެން 4 މީހުން މަރުވެއްޖެ

ކަރާޗީ: ޕާކިސްތާނުގެ ކަރާޗީގައި ހުކުރު ދުވަހު ހިނގި ނުރައްކާތެރި މަގުމަތީގެ ދެ ހާދިސާއެއްގައި، ކުޑަކުއްޖަކާއި އަންހެނެއް ހިމެނޭހެން ޖުމްލަ 4 މީހުން މަރުވެ، އިތުރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

'24 ނިއުސް އެޗްޑީ' ޓީވީ ޗެނަލުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަރާޗީގެ ސުޕަރ ހައިވޭގައި ހުންނަ ރެސިޑެންޝަލް ސޮސައިޓީއެއްގެ ކައިރީގައި ހިނގި ފުރަތަމަ ހާދިސާގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ވަނީ މަގުމަތީގައި ޕާކުކޮށްފައި އޮތް ޓްރަަކެއްގައި ޖެހި އެކްސިޑެންޓް ވެފައެވެ. މި ހާދިސާގައި ކާރުގައި ތިބި މީހުންގެ ތެރެއިން އަންހެނަކު ހިމެނޭހެން 3 މީހުން މަރުވެފައިވާއިރު، އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެކްސިޑެންޓްގެ ސަބަބުން ކާރު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.

މީގެއިތުރުން ހުކުރު ދުވަހު (މިއަދު)ގެ ހެނދުނު ހިނގި ދެވަނަ ހާދިސާގައި، ފެން އުފުލާ ޓޭންކަރެއްގެ ދަށުވެ 12 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފައެވެ. ފަރުހާން ނަމަކަށް ކިޔާ މި ކުއްޖާ މަރުވެފައިވަނީ ކަރާޗީގެ ކޮރަންގީ ކުއާޓަރ 100، ބަންގާލީ ޕާރާ ސަރަހައްދުގައެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ރެސްކިއު 1122 ގެ ޓީމުން އެ ސަރަހައްދަށް ގޮސް، ފަރުހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ވަނީ ޖިނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ހާދިސާ ހިނގުމާއެކު އެސަރަހައްދަށް އެއްވި އާންމުންގެ ބަޔަކު ރުޅިގަދަވެ، އެ ޓޭންކަރުގައި ރޯކޮށްލަން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެ ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޕޮލިސް ސްޓޭޝަނަށް ގެންދެވިފައެވެ.

މިފަދަ ހިތާމަވެރި އެހެން ހާދިސާއެއް މިމަހުގެ 10 ވަނަ ދުވަހު (10 ޑިސެމްބަރު 2025) ވެސް ކަރާޗީގައި ހިނގާފައިވެއެވެ. ކަރާޗީގެ 4-ކޭ ޗައުރަންގީ ކައިރިން ފެން ޓޭންކަރެއްގެ ދަށުވެ، ކޮލެޖު ދަރިވަރަކު ވަނީ މަރުވެފައެވެ. އާބިދު ނަމަކަށް ކިޔާ މި ދަރިވަރަކީ އޭނާގެ އާއިލާގައި ހުރި ހަމައެކަނި ފިރިހެން ކުއްޖާއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އާބިދު މަރުވެފައިވަނީ ސައިކަލުގައި ކޮލެޖަށް ދަނިކޮށް، އޭނާގެ ގެއާ އެންމެ ޔާޑެއްހާ ދުރުމިނުގައި އޮއްވައެވެ. މި ހާދިސާގައި ޓޭންކަރު ދުއްވަން އިނީ ލައިސަންސް ނެތް ކުޑަކުއްޖެއް ކަމަށާއި، އެކްސިޑެންޓަށްފަހު އޭނާ ފިލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގައި ރުޅިގަދަވެފައިތިބި އާންމުން ވަނީ އެ ޓޭންކަރުގައި ރޯކޮށްލާފައެވެ.