ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

2020ގެ އިންތިޚާބު އޮޅުވާލަން އުޅުނު އޮފިޝަލަށް ޓްރަމްޕް މައާފު ދެއްވައިފި، އެކަމަކު މިނިވަނެއް ނުވެވޭނެ!

 ކޮލޮރާޑޯގެ މީސާ ކައުންޓީގެ ކުރީގެ އޮފިޝަލް ޓީނާ ޕީޓާސް ---
ކޮލޮރާޑޯގެ މީސާ ކައުންޓީގެ ކުރީގެ އޮފިޝަލް ޓީނާ ޕީޓާސް ---

އެމެރިކާގެ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތްކުރި ކަމުގެ ކުށުގައި ޖަލަށް ލާފައިވާ ކޮލޮރާޑޯގެ ކުރީގެ އޮފިޝަލަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މައާފު ދެއްވައިފިއެވެ. ނަމަވެސް، މިއީ ސްޓޭޓް ލެވެލްގެ ކުށަކަށްވާތީ ރައީސްގެ މައާފާއެކުވެސް އޭނާ މިނިވަން ނުވާނެކަމަށް ބެލެވެއެވެ.

ޓީނާ ޕީޓާސް ނަމަކަށް ކިޔާ މި އަންހެން މީހާއަކީ ކޮލޮރާޑޯގެ މީސާ ކައުންޓީގެ ކުރީގެ އޮފިޝަލެކެވެ. އޭނާގެ މައްޗަށް 9 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

އޭނާ ކުށްވެރިވީ، 2020 ގެ އިންތިޚާބު ޖޯ ބައިޑަން ކާމިޔާބު ކުރެއްވުމުން، އިންތިޚާބު އޮޅުވާލިކަމަށް ބުނެ ޓްރަމްޕް ފެތުރި ކޮންސްޕިރަސީ ތިއަރީތައް ސާބިތުކުރުމަށްޓަކައި، ވޯޓު މެޝިންތަކުގެ ސިއްރު މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުއްދަ ނެތް ފަރާތަކަށް ހޯދައިދިނުމުންނެވެ.

ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ޑިމޮކްރެޓުން ޓީނާ އަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށާއި، އޭނާއަކީ ހަމައެކަނި އިންތިޚާބުގެ އިންސާފުވެރިކަން ކަށަވަރުކުރަން ބޭނުންވި "ޤައުމުދެކެ ލޯބިވާ" މީހެއް ކަމަށެވެ. އަދި އޭނާއަށް ފުރިހަމަ މައާފެއް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް، ޤާނޫނީ ގޮތުން މިކަމުގައި ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. އެމެރިކާގެ ޤާނޫނު އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މައާފު ދެއްވެނީ ހަމައެކަނި ފެޑެރަލް ކުށްތަކަށެވެ. ޓީނާ ޕީޓާސް ޖަލަށް ލާފައިވަނީ ކޮލޮރާޑޯ ސްޓޭޓްގެ ޤާނޫނުތަކާ ޚިލާފުވި ކުށްތަކެއް ސާބިތުވެގެން ކަމަށްވާތީ، ރައީސްގެ މައާފުގެ ބާރު އޭނާގެ މައްޗަކަށް ނުހިނގާނެއެވެ.

މިކަމާ ގުޅިގެން ކޮލޮރާޑޯގެ ގަވަރުނަރު ޖެރެޑް ޕޮލިސް (ޑިމޮކްރެޓް) ވިދާޅުވީ، ސްޓޭޓް ޤާނޫނުތަކުގެ މައްޗަށް ބަސްކިޔުމުގެ އަދި ސްޓޭޓް ކުށްތަކަށް މައާފު ދިނުމުގެ ބާރު ރައީސަށް ލިބިގެން ނުވާ ކަމަށެވެ. އަދި ޓީނާގެ މައްޗަށް ދައުވާކުރީ ރިޕަބްލިކަން ޕްރޮސެކިއުޓަރެއް ކަމަށާއި، އޭނާ ކުށްވެރިވާކަމަށް ނިންމީ އާންމުންގެ ތެރެއިން ހޮވާލެވުނު ޖޫރީއަކުން ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

"މިއީ ކޯޓުތަކުން ނިންމާނެ ކަމެއް، އަދި އަޅުގަނޑުމެން ކޯޓު އަމުރަށް ތަބާވާނަން،" ގަވަރުނަރު ޕޮލިސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ ޖެނުއަރީ މަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޓްރަމްޕް ވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ 6 ގައި ކެޕިޓޮލް ހިލްގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވެގެން ހުކުމްކޮށްފައިވާ އެންމެންނަށްވެސް މައާފު ދެއްވާފައެވެ.